ލަންކާގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ސިފައިންގެ އިސްވެރިޔާ ވާދަކުރައްވަނީ!

29 Sep 2019 | 21:52

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ސިފައިންގެ ކުރީގެ އިސްވެރިޔާ މަހޭޝް ސެނަނަޔަކަ ވާދަކުރެއްވުމަށް ނިންމައިފިއެވެ.

ކުރީގެ ކޮމާންޑަރ ޖެނެރަލް (ރިޓަޔަޑް) މަހޭޝް ސެނަނަޔަކަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ އެގައުމުގެ މަދަނީ ޖަމާއަތްތަކަކުން ގުޅިގެން އުފައްދާފައިވާ ނޭޝަނަލް ޕީޕަލްސް މޫވްމެންޓްގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ.

ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމްގައި އޮތް އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަހޭޝް ސެނަނަޔަކަ ވިދާޅުވީ ސްރީލަންކާއަށް ބަދަލެއް ބޭނުންވެފައިވާ ކަމަށާއި، އެ ބަދަލަކީ އެބޭފުޅާކަމަށް ދެކިލައްވާކަމަށެވެ.

މަހޭޝް ވިދާޅުވީ އަސްކަރިއްޔާ މެދުވެރިކޮށް ގައުމަށް އެކަށީގެންވާ ޚިދުމަތްތަކެއް ކުރެވިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެކިގޮތްގޮތުން ލަންކާގެ ސަލާމަތްތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ބޭނުންތެރިކަން އޮތްކަމަށް ގަބޫލުކުރައްވާކަމަށެވެ. ސިޔާސީ ވާދައިގެ ސަބަބުން ގައުމު ހަލާކުވެފައި އޮތްކަމަށް ވިދާޅުވެ އެބޭފުޅާ ވަނީ، މިނިވަން ބާރަކުން ގައުމު ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

މަހޭޝް ސެނަނަޔަކަ ވިދާޅުވި ގޮތުގައި އެބޭފުޅާގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި ސްރީލަންކާ ޕްރޮމޯޓްކޮށް، ރަނގަޅު އިގްތިސާދެއް ބިނާކޮށް، ގުޅުންތައް އަލުން ބަދަހިކުރުން ހަރުދަނާކުރުންކަމަށެވެ.

މަހޭޝް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިދިޔަ އެޕްރީލްމަހު ލަންކާއަށް ދިން އީސްޓަރ ސަންޑޭގެ ހަަމަލާތަކަށްފަހު، ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގެވި ސިފައިންގެ ވެރިޔެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް