އިންޑިއާއިން ކަޝްމީރަށް ވެރިވެގަތުން: އެކަމަށް ބުނާނެއެއްޗެއްނެތް. އެއީ އިންޑިއާގެ ދާހިލީކަމެއް - މަޖިލިސް ރައީސް

06 Oct 2019 | 07:30

މިނިވަން ޤައުމެއްގެ ގޮތުގައި އދ އިން ކަނޑައަޅާފައިވާ ކަޝްމީރުގެ މުސްލިމުންގެ މައްޗައް އިންޑިއާއިން ގަދަބާރުން ވެރިގަތުމަކީ އިންޑިއާގެ އެތެރޭގެ ކަމެއްކަމުން އެކަމަށް ބުނާނެ އެއްޗެއް ނެތްކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައިވާގޮތުގައި އެކަމަކީ އިންޑިއާ ސަރުކާރުގެ ތެރެއިން ހިނގަމުންދާ، އެގައުމުގެ ދާހިލީ ކަމެއް ކަމުން، އެކަމުގައި ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

މީގެ އިތުރުން ނަޝީދުވަނީ ކަޝްމީރުގެ މައްސަލާގައި އިސްލާމީ ޤައުމުތަކުން ޖަމިއްޔާއިން ކަޝްމީރު މައްސަލާގައި ކުއްލި ބައްދަލުވުމެއްބާއްވައި އިންޑިއާއަށް ފާޑުކިޔުމުން އެކަމަށް ވެސް ރައްދު ދެއްވާފައެވެ.

"މި މައްސަލާގައި (ކަޝްމީރުގެ މައްސަލަ) އޯއައިސީއާއެކު ރާއްޖެއަކަށް ތާއީދެއް ނުކުރެވޭނެ. އޯއައިސީގައި ޑިމޮކްރަސީއެއް އޮތް ގައުމުތައް މަދު. އިންޑިއާއަކީ ޑިމޮކްރަސީއެއް. އެހެންކަމުން އިންޑިއާގެ އިންސާނީ ހައްގުތަކަށް އޯއައިސީން ބަސް ބުނެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިންޑިއާގެ ދިފާއުގައި ނިކުމެފައި މިވަނީ އިންސާނީ ހައްޤަށް މަސައްކަތް ކުރާ ފަރާތްތަކާއި، ހުޅަނގުގެ ބައެއް ޤައުމުތަކުގެ ވެރިންވެސް އިންޑިއާގެ މި އަމަލުތައް ކުށްވެރިކޮށްފައި ވަނިކޮށެވެ.

އިންޑިއާއިން ވެރިވެގަނެފައިވާ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރުގައި އިންސާނީ ހައްޤަށް އަރާގަނެ އެތަކެއް ކަމެއް ކުރަމުން އަންނަކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންސާނީ ހައްޤަށް މަސައްކަތްކުރައްވާ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ ޤައުމުން އަސާސީ ހިދުމަތްތައް ކަނޑައި، އަންހެނުންނަށް ޖިންސީ ގޯނާ ކުރަމުން އަންކަމަށް ރިޕޯޓްކުރެވެމުންދެއެވެ.

އޯގަސްޓް 5 އިން 9 އަށް ކަޝްމީރަށް ޒިޔާރަތް ކުރި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ކަވީތާ ކްރިޝްނަން ސިފަކޮށްފައިވާ ގޮތުގައި ކަޝްމީރު ހީވަނީ ފޭރިގަނެފައިވާ އިރާޤް ނުވަތަ ފަލަސްޠީނު ހެންނެވެ. އޭނަ ބުނެފައިވެއެވެ: "ތެދުތެދަށް ބުނާ ނަމަ، އެތަން ހީވަނީ އޮކިއުޕައިޑް އިރާޤު ނުވަތަ ފަލަސްޠީނު ހެން".

އޭނަ ކިޔައިދިން ގޮތުގައި، ރަށްފުށު ހިސާބުން ދިމާވި ބައެއް މީހުންގެ ކިބައިން އެނގުނު ގޮތުގައި އެހިސާބުތަކުގައި އުޅޭ އެތަކެއް ކުދިންނެއް އިންޑިއާ ސިފައިން ވަނީ ކިޑްނެޕް ކޮށްފައެވެ. ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އިންޑިއާ ސިފައިން އައިސް އެކުދިން އެނދުގައި ނިދާފައި ތިއްބާ ނަގައިގެން ސިފައިންގެ ކޭންޕުތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ވަނީ ގެންގޮސްފައެވެ. އަދި އެމީހުން ކިޔައިދިން ގޮތުގައި އެކުދިންނަށް އެކިވަރުގެ އަނިޔާވެސް ދަނީ އިންޑިއާ ސިފައިން ކުރަމުންނެވެ. އޭގެ ތެރޭގައި އުމުރުން ހަތް އަހަރާއި އަދި އެއަށް ވުރެއްވެސް ހަގު ކުދިން ހިމެނެއެވެ. މިކަން ހާމަވީ ހައްޔަރު ކުރި ކުދިން ތެރެއިން ދޫކޮށްލާފައިވާ ބައެއް ކުދިންގެ ކިބައިންނެވެ.

Advertisement

ކޮމެންޓް