ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށައިފި

16 Oct 2019 | 15:43

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

އެގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނަދޫ ދާއިރާާގެ މެންބަރު މޫސާ ސިރާޖު ވަނީ ބިޝާމް ވަކިކުރުމަށް ހުށައަޅާފައެވެ. ސިރާާޖުގެ ހުށައެޅުމަށް ތާއިދުކުރެއްވެވީ ވިލިނގިލީ ދާއިރާ މެންބަރު ސައުދު ހުސައިނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 210ވަނަ މާއްދާގައިވާ ގޮތުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން ވަކިކުރުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިދާނެއެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެ ކަމަށް ގަވާއިދުގައިވެއެވެ. 

ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުން ނިންމިއިރު، އެމަގާމުގައި މިހާތަނަށް އެކަމަނާ ހުންނެވުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. 

Advertisement

ކޮމެންޓް