ދިޔާނާސައީދު ސުޕްރީމްކޯޓަށްލާން ޝަރުތު ހަމަވީކިހިނެތްތޯއެވެ؟

25 Oct 2019 | 02:33

ދިވެހިރާއްޖޭގެ އަދުލް އިންސާފުގެ ޤާއިމްކުރުމުގެ އެންމެ މަތީކޯޓް ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަމަށް އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބުކަމާއި، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފްރައިމެރީގައި ވާދަކުރެއްވި އުސްތާޒާ ދިޔާނާ ސައީދާއި ޑްރަގް ކޯޓްގެ ގާޒީ މަހާޒް އަލީ ޒާހިރްގެ ނަން ހައިލީ ރެކޮމެންޑެޑް ދެބޭފުޅުންގެ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައެވެ. ރައީސް ޞާލިހްގެ ލިސްޓުގައި އިތުރު ފަނޑިޔާރުންގެ ނަންތައްވެސް ހިމަނުއްވާފައިވެއެވެ.

ހައިލީ ރެކޮމެންޑެޑް ނަންފުޅުތައްގޮތުގައި ފޮނުއްވާފައިވާ ދެނަމުގެ ތެރެއިން އަޅުގަނޑު އަޅައިގަތީ އުސްތާޒާ ދިޔާނާ ސައީދުގެ ނަމުގައެވެ. "ހައިލީ ރެކޮމެންޑެޑް" އަންނާނީ އެދެބޭފުޅުންގެ ކަންކަން ރައީސް ވަރަށް ބޮޑަށް ދިރާސާކުރެއްވުމަށްފަހު ނުވަތަ އެމަނިކުފާނަށް ލަފާއަރުވާ ބަޔަކު އެފަދަ ދިރާސާތަކެއްކޮށް ރައީސްއަށް އެބޭފުޅުންގެ ވަނަވަރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރަށް ހުރުމުންކަމަށް ބަލަންޖެހެއެވެ.

ދިޔާނާގެ އިލްމީ ގާބިލްކަމާމެދު ކޮންމެހެން ސުވާލުއުފައްދަނީކީ ނޫނެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެތެރެއިން ދިޔާނާގެ ނަންވެގެންދާނީ އެންމެ ކޮންޓްރޮވާޝިއަލް ނަމުގެގޮތުގައެވެ. ސަބަބުތައް ބައިވަރެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފަނޑިޔާރުންނަކީ މީހުން ގަދަރުކުރާ އަދި އެބޭފުޅުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދޭނެ ޖާގަ އޮވެގެންނުވާނެ ފަދަ ބޭފުޅުންނަށް ވާންޖެހޭއިރު ދިޔާނާ ސައީދަކީ ވަކި ފިކުރެއް (އެމްޑީޕީގެ ފިކުރު) ފާޅުކަންބޮޑުގޮތެއްގައި ހަރަކާތްތެރިވަމުންއަންނަ ސިޔާސީ މީހަކަށްވުމާއި، ފިރިކަލުން ޖާބިރަކީ ދިވެހި ދައުލަތަށް އެތައް މިލިޔަންޑޮލަރެއް ދައްކަންޖެހިފައިވުމުގެ އިތުރުން ޖާބިރުގެ މަސްލަހަތު އޮންނަ ކޭސްތަކެއް ކޯޓުގައި އޮންނަ މީހެއްކަމަށް ސަރުކާރުން ހާމަކޮށްފައިވުން ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނާއިބްކަން ކުރެއްވުމަށްފަހު ވަކިވެވަޑައިގެން އެހެންވަޒީފާއެއްގައި އުޅުއްވުމަށްފަހު ކުއްލިގޮތަކަށް ފެނިގެންދިޔައީ އޭރުގެ އެމްޑީޕީ ސަރުކާރާދެކޮޅަށް އިހްތިޖާޖްކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ދެފައިވަށްކުރައްވައިގެން އިށީދެވަޑައިގެންނެވި ތަނެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް މަތީ ދަރަޖައަކަށް ފާޑުވިދާޅުވަމުންނެވެ. ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން އޭނާ އެތަނުން ގަދަކަމުން އުފުއްލައިގެން ގެންދިޔައެވެ. ސަރުކާރު ބަދަލުވެ ދެން ފެނުނީ އަނެއްކާވެސް ވުޒާރާއެއް ހިންގުމާއި ހަވާލުވިތަނެވެ. ދުވަސްކޮޅަކުން ފިރިކަލުން އަބްދުﷲ ޖާބިރު ހޮނޑާފުށީގައި ބަނގުރަލާއިގުޅޭ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅުހެދުމުން ދިމާވިކަންކަމުގައި އޭރު ސަރުކާރަށް (ރައީސް ވަހީދުގެ ސަރުކާރަށް) ފާޑުވިދާޅުވުމަށްފަހު އިސްތިއުފާދެއްވުމަށްފަހު ނިކުމެގެންދިޔައީއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފިރިކަލުން އަބްދުﷲ ޖާބިރު ދައުލަތަށް ދައްކަންޖެހިފައި އޮތް 29 މިލިޔަން ޑޮލަރެއް (447 މިލިޔަން ރުފިޔާ) ނުދައްކައިގެން ސިވިލްކޯޓުން ހުކުމްކޮށް، ޔޮޓްޓުއާސްގެ އެކައުންޓްތައް ފްރީޒްކުރެވުނެވެ. މިއަދުވެސް އެހުކުމް އެބައޮތެވެ. ދައުލަތުން 50 މިލިޔަން ޑޮލަރުގެ ބަދަލެއް ހޯދާނެކަމަށް މީގެ ދުވަސްކޮޅެއް ކުރިން ޖާބިރު ވިދާޅުވެފައިވެއެވެ.

އަނބިކަބަލުން ދިޔާނާތޯއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންގެންދެވި އެއް ޕޮލިޓީޝަނެވެ. އެންމެފަހުން ދިޔާނާ ނިކުންނެވީ އެމްޑީޕީގެ އެޖެންޑާ 19 ހާސިލުކުރުމަށް ގއ ވިލިގިއްޔަށެވެ. އެމްޑީޕީގެ އިންސާފުގެ ތިލަފަތާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ނިކުތުމުން ވިލިނގިލިން ލިބިވަޑައިގަތީ ނުހަނު ބޮޑު ނާކާމިޔާބެކެވެ.

ސުޕްރީމް ކޯޓް ސިޔާސީ ކުރުން

މިއަދު ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައިވެސް ދިޔާނާ ސައީދަކީ ރަތްފުއްޕާހަމުގެ ނިޝާންގެ ވެރި، ވަރަށް އެކްޓިވް ބޭފުޅެކެވެ. ވަރަށް ތަފާތު ކަންކަމުގައި އަމިއްލަ ރައުޔު ނެރުއްވަމުން މީހުންގެ ފާޑުކިޔުންތައް ކުރިމަތިވަމުން އެފާޑުކިޔުންތަކަށް ރައްދުދެއްވަމުން ގެންދަވާތީ ފެނެއެވެ.

މިގޮތުން ފަހަކަށްއައިސް އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ އިސްލާމީ ޝަރީއާގެ ހުކުމަކާމެދު ކުރި ބަހުސެކެވެ. އެބަހުސް ފެށި އެއްބޭފުޅަކީ ބޯގަންވިލާ އިބްރާހިމް އިސްމާއީލެވެ. އޭނާ ސުވާލު އުފައްދާފައި އޮތީ ޒިނޭކުރާ މީހުންގެ މައްޗަށް އިސްލާމީ ޝަރީއަތުގައި އޮންނަ ރަޖަމްކުރުމުގެ ހުކުމުގެ ސައްހަކަމާމެދުއެވެ. އެއީ ކީރިތި ގުރުއާންގައި ކަނޑައެޅި ބަޔާންވެގެންވާ ހުކުމެއްނޫންކަން ބަޔާންކޮށް ހަމަ އެބަހުސް ދިޔާނާ ސައީދުވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ރަޖަމްގެ މައްސަލައަކީ އިސްލާމީ އުއްމަތުގައި އެއް އިރެއްގައިވެސް އޭގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާކަމަކަށް ނުވާއިރު، އަދި އެއީ ސީދާ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އަމަލުކުރެއްވިގޮތް ކަމަށް އުއްމަތުގެ ދަންނަބޭކަލުން އިއްތިފާގުވެފައިވަނިކޮށް މިފަދަ ބަހުސްއެއް ދިޔާނާ ކޮށްފައިވާތީ އޭނާއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް މިމައްސަލާގައި އަމާޒުވިވެސް މެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ. " ޒިނޭގެ ހުކުމް ކީރިތި ގުރުއާންގައި ކަނޑައެޅިފައި އޮތް އިރު ރަޖަމްކުރުމަށް ނެތެއް ނޫންތޯ؟" އޭނާގެ މިޓްވީޓާއިގުޅިގެން އޭނާގެ އަގީދާއާއިމެދު ބަޔަކު ސުވާލު އުފައްދައިގެން އުޅޭކަމަށްވެސް ޓްވީޓެއް ކޮށްފައިވެއެވެ.

މިއަދުވެސް އޭނާއަކީ ސިޔާސީ ފިކުރެއް ޕްރޮމޯޓްކުރުމުގައި ބަސްބުނެ ހަދަމުންދާމީހަކަށްވީހިނދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ރާއްޖޭގެ އެންމެ ގަދަރު އުފުލިގެންވާ އަދި ޝަރުއީކަންކަމުގައި އެންމެ ފަހު ބަސްބުނުމުގެ އެންމެ މަތީކޯޓަށް ލުމުގެ ފަހަތުގައިވަނީ ކޮންކަމެއްބާއެވެ. އޭނާ އަކީ ވަކި ސިޔާސީ ފިކުރެއްގެ މީހެއްކަން ސާފުކޮށް އެގޭހިނދު އަދުލްވެރި ހުކުމެއް އޭނާގެ ފުށުން އަތުވެދާނެކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރާނެކަމާމެދު ޝައްކެވެ.

ސުޕްރީމް ކޯޓަށް ދިޔާނާ ލުމަށް ރައްޔިތުންގެ މަޖިލީހުގެ ތާއީދުދޭނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ ކީރިތި ނަބިއްޔާއަށް ފުރައްސާކުރިބައެއް ކުށްވެރިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވުނު ހިނދު އެތާގައި ދެއްކި ނުބައި ނަމޫނާއިންނެވެ.

ދިޔާނާ ސުޕްރީމް ކޯޓަށް ލުމަށްފަހު ދެން ފެންނާނީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމް އޭނާއަށް އަރުވާތަނެވެ. އޭރުން އެމްޑީޕީގެ ވެރިންގެ ނަޒަރުގައި ޖުޑިޝަރީ އޮންނާނީ ދިވެހި ރައްޔިތުން އެދޭފަދަގޮތަކަށް އިސްލާހްވެ ނިމިފައެވެ.

އިސްލާމީ ޝަރީއާގެ ކަންކަން ރަނގަޅަށް ނުދަންނަ ފަރާތްތައް ސައްތައިން ސައްތަ މިއިސްލާމީ ގައުމުގެ ޝަރުއީ ކަންކަމުގެ އެންމެ ފަހުބަސް ވިދާޅުވާން ތިޔަ ނެރުއްވަނީ ފަހެ މިއީ ދިވެހި ރައްޔިތުންނަށް ކުރާ ޖެއްސުމަކީތޯއެވެ.

އިސްލާމީ ޝަރީއާގެ މައްޗަށް ބައެއްގެ ހިތުގައި އޮތް ނަފްރަތެއް އަމަލީގޮތުން ދައްކަވަނީތޯއެވެ. ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ އެޑްވައިޒަރް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެވެސް އެޑްވައިޒަރް އަބްދުﷲ ޖާބިރަށް ދައުލަތް ދަރައިގެން އުޅެނީތޯއެވެ.

ރަހުމަތްތެރިޔަކު ބުނާގޮތް ހެދުން ނޫންގޮތެއް ހަމަ ނެތީތޯއެވެ. ދިވެހި ރައްޔިތުން އިންތިޚާބުކުރި ރައީސް ތިފަދައިން ދެކަކޫފުޅުމައްޗަށް ގުދުވެވަޑައިގެން އަޅުދާސްވާތަން ފެނުމުން ހާދަހާވާ ހިތަށް އަސަރުކުރެއެވެ. ސުޕްރީމް ކޯޓުގައި ތިއަޅުއްވަނީ ލާދީނީ ޓެގެއްކަމަށްބުނުމުގެ ފުރުސަތު މިއަދު ތިޔަތަނަވަސްކޮށްދެއްވީއެވެ. ސިޔާސީ މީހުން ލައިގެން ސުޕްރީމް ކޯޓުވެސް ސިޔާސީ ކުރެއްވުނީއެވެ.

Advertisement

ކޮމެންޓް