އަމީން ފައިސަލްގެ ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

28 Oct 2018 | 14:16

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2010 ވަނަ އަހަރު ޖުލައި 14 ވަނަ ދުވަހުގެ ރޭ 1:45 އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ހިމާޔަތްދޭނެ ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ދައުލަތުން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ފައިސަލް ގެ މައްޗައް އެމައްސަލައިގައި ދައުލަތައް އެކަށީގެންވާ މިންވަރަށް ހެކި ހުށައެޅިފައި ނުވާކަމަށް ހުކުމުގައި ބުނެފައެވެ.

މީގެ އިތުރުން ހުކުމްގައި ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ޔާމީން އާ ރަށުގައި އޭރު ބެހެއްޓީ މާލެ ތެރޭގެ ހާލަތު އޮތް ގޮތުން ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައިވަނީ ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް އާ ރަށުގައި ބެެހެއްޓި މައްސަލާގަ އެވެ.


Advertisement

ކޮމެންޓް

Advertisement