ސަސްޕެންޝަނާއި މަގާމުން ވަކިކުރަން ނިންމި ނިންމުން ބަލައި ނުގަންނަން: އުއްތަމަ ފަނޑިޔާރު

14 Nov 2019 | 22:10

60ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމަށާއި މަގާމުން ވަކިކުުރުމަށް ޖޭއެސްސީން ނިންމި ނިންމުން ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ޖޭއެސްސީގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއްކަމަށް ވިދާޅުވެ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީން ކަންތައް ކުރަމުން ގެންދާ ގޮތުން، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން ޖޭއެސްސީއަށް ނަގާފައިވާ ކަމަށެވެ. އަދި ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް އަމިއްލަ ހިޔާލުން އުފައްދައިގެން ޖޭއެސްސީން މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ނޫންކަމަށާއި އެއީ ކޮމިޝަނަށްވުރެ ދުސްތޫރީ އަދި ގާނޫނީ ގޮތުން އިސްވެގެންވާ މުއައްސަސާއެއް ކަމަށެވެ.

އަދި އުއްތަމަފަނޑިޔާރަކު އައްޔަނުކުރުމާއި ކޯޓު ހިންގުމުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލުކުރުމަކީ ޖޭއެސްސީގެ މެންޑޭޓްގައި ހިމެނޭކަމެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

އެމަނިކުފާނު ވަނީ އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ބަލައިގަތުމަކީ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން ކޮށްގެން ހުންނެވި ގާނޫނީ ހުވަޔާ ހިލާފުވުން ކަމަށާއި އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ރާއްޖޭގެ ރައްޔިތުންނަށް ޣަދަރުވެރިވެ ހިޔާނާތްތެރިވުން ކަމަށް ވިދާޅުވެ، އެ ނިންމުން ބަލައިގަނުގަތުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement