ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލައެއް އޭސީސީއަށް

20 Nov 2019 | 14:50

ސުޕްރީމް ކޯޓޫގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ސުލޫކީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީއަށް ހުށަހެޅީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށެވެ.

އެމައްސަލަ އޭސީސީން މިހަރު ދަނީ ބަލަމުންނެވެ. 

އެނގިފައިވާ ގޮތުގައި މައްސަލަ ހައިކޯޓުގައި އޮތްކަން އެނގުނީ އަލަށް ފާސްކުރެވުނު ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ހައިކޯޓުގެ އިސްފަނޑިޔާރެއްގެ ގޮތުގައި އަލަށް ހަމަޖެއްްސި ފަނޑިޔާރަށް، ފަނޑިޔާރު ޣަނީ ހަވާލުކުރި އެކިއެކި ލިޔެކިޔުންތަކުގެ ތެރޭގައި އެމައްސަލަ އޮތުމުންނެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރީ 2018 ވަނަ އަހަރުއެވެ.

އޭގެއިތުރުންވެސް ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކެކެވެ. 

ފަނޑިޔާރު ޣަނީގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބަލާފައިވާ މައްސަލަތައްވެސް ގާނޫނާ ހިލާފު ކަމަށް ބުނެ، ޖޭއެސްސީން ދަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement