ސަރުކާރުތަކުން އައްޑޫއަށް ވަނީ އިހުމާލުވެފައި، ހެޔޮ ބަދަލެއް ގެންނަންޖެހޭ: ނިޒާރު

09 Dec 2019 | 14:40

ނިމިދިޔަ ހުރިހާ ސަރުކާރަކުންވެސް އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އައްޑޫއަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން އަލީ ނިޒާރު މިއަދު ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ ނިސްބަތުން އާބާދީ އެންމެ ބޮޑު ސިޓީ ކަމަށެވެ. ނަމަވެސް އާބާދީއާ އެއްވަރަށް އެސިޓީ ތަރައްގީ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ތަރައްގީއަށް ހުރަސްއެޅިފައިވަނީ ފާއިތުވެ ދިޔަ ހުރިހާ ސަރުކާރަކުން ވެސް އައްޑޫ ސިޓީއަށް އިހުމާލުވުމުންނެވެ. އޭގެ އިތުރުން ކައުންސިލުގެ އިހުމާލުވސް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރަކު ދައުލަތުގެ ވަޒީރަކާއި ބައްދަލުކުރެއްވިކަން އެނގިފައި ނުވާކަމަށް އޭރު މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނެވި ނިޒާރު ވިދާޅުވިއެވެ. ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދިންނަމަ މިއަދު ތަރައްގީގެ ދުވެލީގައި އެސިޓީ އެންމެ ފަހަތުގައި އޮންނަން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވަން ނިންމަވައިފައިވާ ނިޒާރު ވިދާޅުވީ، އޭނާ ކައުންސިލަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އައްޑޫއަށް ބޭނުންވާ ތަރައްގީ ގެނައުން ކަމަށެވެ. ތަރައްގީގެ ދުވެލީގައި އެސިޓީ ފަހަތަށްޖެހިފައިވާ މިންވަރު ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، މަގުތައް ހެދިފައި ނުވާއިރު، މީގެކުރިން ލަންކާގެ އެހީގައި މަރަދޫ އިން ފެދޫ އަށް ތާރުއެޅި މަގުވެސް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އެގެއިތުރުން އެސިޓީގެ ހިތަދޫއަށް ރަސްމީކޮށް ނަރުދަމާގެ ހިދުމަތްވެސް ނުދޭ ކަމަށާއި އެމަސައްކަތްވެސް ދިގުދެމިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގެ މަލަ މައްޗަށް ބަލާއިރު އައްޑޫގެ ސިޓީގެ މަލަމަތި ވަރަށް ތިރި ކަމަށެވެ. އުމްރާނީ ތަރައްގީއާއި އިގުތިސޯދީ ތަރައްގީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިއެރުން ނާންނަކަން ނިޒާރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އައްޑޫ ސިޓީއަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، އެކަން ހުއްޓުވުމަށް އެއްވެސް ސަރުކާރަކުން އެއްބާރުލުން ނުދޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީވާންޖެހޭ އެއް ސިޓީ ކަމަށެވެ.

އެހެންކަމުން މިފަހަރުގެ އިންތިހާބުގައި އޭނާ ވާދަކުރައްވަން ނިންމެވީ އޭނާއަކީ ވެސް އެސިޓީއަށް އުފަން ރައްޔިތަކަށްވީތީ، ސިޓީ ތަރައްގީކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމަށްބޭނުންވާތީ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ގިނަ ރައްޔިތުންގެ އެދުމަކީ އޭނާ ސިޓީ ކައުންސިލުގައި އިންނެވުން ކަމަށް ވ ިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement