ޔާމީން މިނިވަންކުރަން ޕެޓިޝަނުގައި ދިހަ ހާސް މީހުން ސޮއިކޮށްފި

11 Dec 2019 | 01:32

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރި ޕެޓިޝަނުގައި މިހާތަނަށް 10000 މީހުން ސޮއިކޮށްފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރި ޕެޓިޝަނުގައި ސޮއިކުރަން ފެށީ މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްފަހުއެވެ. އެޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ޕެޓިޝަނުގައި ސޮއިކުރުމުން، ކަމާބެހޭ އިދާރާތަކަށާއި ބޭރުގެ މިޝަންތަކަށް ވެސް ޕެޓިޝަން ފޮނުވާނެ ކަމަށެވެ.

''މިޕެޓިޝަން ބޭރުގެ މިޝަންތަކަށާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަން ގަބޫލުކުރާ އެންމެން ސޮއިކޮށް ނިމުނީމަ. އަންނަ މަހު ކޮންމެވެސް ހިސާބެއްގައި މިޕެޓިޝަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނަން.'' މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބޭރުގެ ފަރާތްތަކުންވެސް ގަބޫލުކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ލީޑަރު ކަމަށްވެސް ބޭރުގެ ފަރާތްތަކުން ގަބޫލުކުރާ ކަމަށް މުންދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް