އައްޑޫ ޓާޝަރީ ހޮސްޕިޓަލު ހުޅުވުން ފަސްކޮށްފި

15 Dec 2019 | 14:59

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރި ޓާޝަރީ ހޮސްޕިޓަލު ހުޅުވުން ފަސްކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސާކުސަމިޓް ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އެހޮސްޕިޓަލުން މިއަދު ހިދުމަތްދޭން ފަށަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، މިއަދު އެހިދުމަތްތައް ދިނުން މިހާރުވަނީ ފަސްކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ކޮމިއުނިކޭޝަން ޑިރެކްޓަރު ހައްވާ ވަޖުދާ ގާސިމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ހިދުމަތް ނުފެށުނީ ބައެއް ތައްޔާރީތައް ނުނިމިގެން ކަމަށެވެ. ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދި އެނގިނުލައްވާ ކަމަށް ވަޖުދާ ވިދާޅުވި އެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލަކީ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް ގައިމުކޮށްފައިވާ ހޮސްޕިޓަލެކެވެ.

އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.

Advertisement

ކޮމެންޓް