އަލަށް އަޅާ އެންމެ ކުޑަ ފުލެޓްތަކުގައި 900 އަކަ ފޫޓު ހުންނާނެ: ހައުސިން މިނިސްޓްރީ

12 Jan 2020 | 16:55

މިސަރުކާރުން އަލަށް އަޅައި އެންމެ ކުޑަ ހައުސިން ޔުނިޓުތަކުގައި ވެސް 900 އަކަ ފޫޓު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ދޫކުރާ އެންމެ ކުޑަ ހައުސިން ޔުނިޓްތަކުގައިވެސް ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކުގައިވެސް 900 އަކަފޫޓް ހުންނާނެ ކަމަށާއި ބައެއް ތަންތަނުގައި 1000 އަކަފޫޓަށް ފެތޭގޮތަށްވެސް ޑިޒައިންކޮށްފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ބުރިބުރިއަށް އުސް އިމާރާތްތަކެއްގެ ގޮތުގައި ފްލެޓްތަކެއް އެޅުމުގެ ބަދަލުގައި، އަތޮޅުތަކުގައި ބޮޑަށް ޑިމާންޑުއޮތީ ރަށްރަށުގައި ގެ ހުންނަ ގޮތަށް ސިންގަލް ސްޓޯރީ ހައުންސިން ޔުނިޓްތަކެއް އެޅުމަށްކަމަށެވެ.

އަދި ބިމުގެ ޖާގަ އޮތް ވަރަކުން އަތޮޅުތަކުގައި ތަރައްގީކުރާނީވެސް ސިންގަލް ސްޓޯރީ ހައުސިން ޔުނިޓްތަކެއްކަމަށްއޭނާ ވިދާޅުވިއެވެ.

"އެނދަކާއި، ޑްރެސިން ޓޭބަލަކާއި، ދެ އަލަމާރި ބަހައްޓާފައި ނަމާދުކޮށްލާނެ ތަންކޮޅެއް ނެތިއްޔާ އެއީ ރާއްޖޭގެ ރައްޔިތުން މިހާރު ބަލައިގަންނަ މިންގަނޑަކަށް ނުވާނެ.'' ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގައި ދެބުރި ތިންބުރީގެ ފްލެޓްތަކެއް އަޅަންޖެހިދާނެނަޝީދު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައިވެސް 900 އަކަފޫޓު ހުންނަ އިރު ކޮމަން އޭރިއާއާއެކު 1000 ފޫޓާއި 1100 ފޫޓާ ދެމެދުގެ ޔުނިޓްތަކެއް އަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މާލޭ ސަރަހައްދަށް އަންނާނީ މަލްޓި-ސްޓޯރީ ހައުސިން ޔުނިޓުތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

ކޮމެންޓް

Advertisement