މި ސަރުކާރަށް ޗައިނާގެ ދަރަނި މަޅިތައް ރަނަށްވީތޯ: ސައީދު

07 Jan 2020 | 14:08

އުމްރާނީ ތަރައްގީގެ ދާއިރާއިން ޗައިނާ އާއެކު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ދިވެހި ސަރުޚާރުން ޗައިނާ އާއެކު މަޝްވަރާކުރުމުން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު، އަދި ކުރީގެ ސަރުކާރުގެ އިގުތިސޯދީ ވަޒީރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ، ސައީދު ވާހަކަދައްކަވާފައި މިވަނީ ޗައިނާ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްގީއަށް ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވިކަން ރައީސް އޮފީހުން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޗައިނާއިން ދޭ އެހީތެރިކަމާއި، ހާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ދޭ އެހީތެރިކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޗައިނާ އާއެކު އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރަކުރެއްވުމުން، ސައީދު ކުރެއްވި ޓުވީޓެއްގައި ވަނީ، މަޖިލިސް ޗުއްޓީގައި އޮއްވައި، މި ސަރުކާރަށް ޗައިނާގެ ދަރަނި މަޅިތައް ރަނަށްވެ، ބިން ފޭރޭ މީހުން ސިއްރުން ބަލައިގަނެ ކޮންކްރީޓުތައް މަޑު މުރަކަތަކާއި މުތްތަކަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ސައީދު ވަނީ، ޗައިނާ އިން މިހާރު ބިން ފޭރުން ހުއްޓާލީތޯ އާއި އަދި ޖަޒީރާވެ ނިމި ކޮންކްރީޓާއި ދުރަށް ޖެހި ދަރަނި ދަންތުރައިން ވީއްލުނީތޯ ސުވާލު އުފައްދަވައިފައެވެ.

މިފަދައިން ސައީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އާއެކު ގާތްގުޅުމެއް އުފައްދައި، ޗައިނާއިން ރާއްޖޭގެ ބިން ފޭރެން މަސައްކަތް ކުރާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވާފައި ވަނިކޮށެވެ. އަދި ޗައިނާގެ ސަބަބުން ރާއްޖެ ދަރަނިވެފައިވާކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

Advertisement

ކޮމެންޓް