އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރު ފަށައިފި

12 Jan 2020 | 19:07

"އެޖެންޑާ19 ރަށަށް"، މި ނަމުގައި އެމްޑީޕީން ތިލަދުންމަތީގެ ރަށްތަކަށް ކުރާ ދަތުރު ފަށައިފިއެވެ.

300 މީހުންގެ ވަފްދަކާއި މާލެއިން މި ފަރާތްތަކުން ހދ. ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައި ފުރާފައިވަނީ މިއަދު ހަވީރު 16:30ހާއިރުގައެވެ. މި ފަރާތްތަކުން އެންމެ ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ  ހއ. އިހަވަންދުއަށެވެ.

އެއަށްފަހު އެ އަތޮޅުގެ ހޯރަފުށީ، ކެލާ، ބާރަށް އަދި ދިއްދުއަށެވެ. އެއަށްފަހު ހދ އަތޮޅުގެ ހަނިމާދޫ، ނޮޅިވަރަމް، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށީ ސިޓީއަށް މި ދަތުރުގެ ބައިވެރިން ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މި ދަތުރުގެ މައިގަނޑު އަމާޒަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ބެހޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯދުމެވެ. އަދި މި ދަތުރުގެ ބައިވެރިން ކުޅުދުއްފުށީގައި އޮންނަ ތިލަދުންމަތީގެ މަހާސިންތާގައިވެސް ބައިވެރިވާނެއެވެ.

މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

Advertisement

ކޮމެންޓް

Advertisement