Advertisement

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދަނީ ބަލަމުން: ފުލުހުން

18 Jan 2020 | 17:18

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ދެކުނުގެ ރަށަކަށް ނިސްބަތްވާ ފަސް އަހަރުގެ އަންހެން ކުއްޖަކަށް،56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް، ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ މައުލޫމާތު ހާމަ ނުކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.

ދެކުނުގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ ފަސް އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފެށިއިރު، ދެ އަހަރު ނުފުރޭ ތުއްތު އަންހެންކުއްޖަކު ރޭޕް ކުރި މައްސަލައެއްވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އެމައްސަލައިގައި ކުއްޖާގެ ބައްޕައާއި ކާފަ އާއި މުނިކާފަވެސް ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި ރޭޕްކުރި ކަމުގެ ތުހުމަތުކުރަނީ ކާފަ އާއި މުނިކާފަގެ މައްޗަށެވެ.

އެމައްސަލައިގައި ކާފައާއި މުނިކާފަގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

Advertisement

ކޮމެންޓް