Advertisement

ބަހަވީ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އަވަށްޓެރި އޮޅުދޫކަރަ

21 Feb 2020 | 13:35

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުނު "ދިވެހީންގެ ބަސް" ކިޔާ ފޮތެއްގައިވާާ ގޮތުގައި ދިވެހިބަސް އުފެދިގެން ދިއުމުގެ މައިގަނޑު އަސްލަކަށް ވެފައިވަނީ ސާންސްކްރިތް ބަހެވެ. އެބަހުން އުފެދުނު ޕްރާކްރިތެއްކަމުގައިވާ ޕްރޮޓޯ ދިވެހި-ސިންހަލައިން ދިވެހިބަސް އުފެދިގެންދިޔަކަމަށްވެއެވެ. މިއާއި އެކު މިއަދާއި ހަމައަށްވެސް، ދިވެހިބަހާއި އެންމެ ވައްތަރު ބަހެއް ގެންގުޅެމުންދާ އެއްބަޔަކަށް ވެފައި މިވަނީ އަވަށްޓެރި އޮޅުދޫކަަރައިގެ ރަށްވެހިންނެވެ. ވަކިން ޚާއްސަކޮށް އެގައުމުގެ މީހުންގެ އެންމެ ގިނަބަޔަކު ސިންހަލަ ބަސް ވެފައިވަނީ ދިވެހި ބަހާއި ދާދިއެއްގޮތް ބަހަކަށެވެ.

މިއަދަކީ ޔުނެސްކޯގެ ފަރާތުން ފާހަގަކުރާާ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެވެ. މިދުވަހުގެ ޝިއާރެއްގެ ގޮތުގައި އެ ޖަމްއިއްޔާާއިން ކަނޑައަޅާފައިވަނީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" މިއެވެ. މި ދުވަހުގެ މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ދިވެހިންނާއި އެންމެ ގާތުގައިވާ އޮޅުދޫކަރަ ނުވަތަ މިހާރުގެ ސްރީލަންކާގެ މައިގަނޑު ބަހާއި، ދިވެހިބަހާާއި މެދު އޮތް ގުޅުމަށް ބަލާލުން ވެގެންދާނީ މުހިންމު ކަަމަކަށެވެ.

ދިވެހިރާާއްޖޭގެ ސަރަހައްދީ އިމުން ބޭރުގައި ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ އަވަށްޓެރި އޮޅުދޫކަރައިގައި ކަމަށް ދައުލަތުގެ ތަފާާސްހިސާބުތަކުން ދައްކައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ދެގައުމުގެ މެދުގައި އޮންނަ ހިތާއި ހިތުގެ ގުޅުމަކީ، ތާރީޚީ ނަަޒަރިއްޔާތަކުން ބަލައިފިނަމަވެސް ފެންނަން އޮތް ގުޅުމެކެވެ.

އޮޅުދޫކަަރައިގައި މީހުން ވަޒަންވެރިވި ގޮތާއި މެދު ޕާލީ ބަހުން ލިޔެފައިވާ "މަހަަވަމްސަ" ލިޔުމުގައިވާ ގޮތުގައި އިންޑިޔާގެ ރަށެއްގެ ރަސްކަލެއްގެ ދަރިކަލުން ކަމުގައިވާ ޕްރިންސް ވިޖަޔާއާއި އޭނާއަށް ތާާއިދުކުރާ ފަރާތްތަކުން ނައުތަކުގައި އޮޅުދޫކަރައަށް ދަތުރުފެށިއެވެ. ނަމަވެސް މީގެ ތެރެއިން އެއް ނަވަކަށް ދެވުނީ މަހިލާދްވީޕިކަ ކިޔާ ރަށަކަށްކަމަށް ވަނީ ލިޔެވިފައެވެ. މިއީ ދިވެހިރާާއްޖެކަމަށް ގިނަ އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ. މިބައިމީހުން ދިވެހިރާއްޖެއަށް އައި ފަހުންވެސް އޮޅުދޫކަަރައަށް ދަތުރުކޮށް އުޅުނުކަމަށްވެއެވެ. އެހެންކަމުން މިއީ ދިވެހިބަހާއި ސިންހަލަ ބަސް ދެކަފިވާން ފެއްޓި ހިސާބުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް ދަންނަވަންތޯއެވެ. ތާރީޚަކީ އެކި މީހުން އެކި ގޮތްގޮތަށް ގަބޫލުކުރާ ކަމެކެވެ. މަހަވަމްސައަކީ މީލާދީ ސަނަތުން ފަސްވަނަ ގަރުނުގައި ހިނގައިދިޔަކަމަށް ލިޔެވިފައިވާ ހާާދިސާއެކެވެ. ނަމަވެސް އޭގެ މާކުރިންވެސް ދިވެހިބަހާއި ސިންހަލަ ބަހަކީ ވަކިވެފައި އޮތް ދެބަހަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިވެހީންގެ ބަސް ފޮތުގައި ވަނީ ބުނެފައެވެ. އެގޮތުން ރޫމީންގެ ހަތަރުވަނަ ގަރުނުގެ ލިޔުންތެރިޔާ އަމިއާނޫސް މަރކެލްނިސް ލިޔުއްވި ގޮތުގައި ދިވީންނާއި ސަރަންދީވީން ވަކި ދެބައެއްގެ ގޮތުގައި ރޫމީންގެ ރަސްގެފާނުގެ އަރިހަށް ވެދުން ހިފައިގެން ދިޔައެވެ. މިފަަދައިން އެ ޒަމާނުގައި ދެގައުމެއްގެ ގޮތަށް ގެނެސްދީފައި ވުމުން އޭރުވެސް ދިވެހިބަހާއި ސިންހަލަ ބަސް ދެބަހެއްގެ ގޮތުގައި ތަރައްގީވެފައި އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިވެހީންގެ ބަސް ފޮތުގައިވެއެވެ. 

ދެގައުމުގެ ތާރީޚީ ސަފްހާތަކުގެ ތެރެއިން މިފަދަ މޭރުމަކުން ބަހަވީ ގުޅުންތައް ފެންނަން އޮތްއިރު، ދެގައުމުގެ ޒަމާންވީ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުމުގެ ސަބަބުންވެސް ދިވެހިބަހުގައި ސިންހަލަ ބަހުގެ އަސަރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. 1971ވަނަ އަހަރުގައި އޮޅުދޫކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އެމް.ޑަބްލިޔު ސުގަތަދާސަ ޑިސިލްވާާ ލިޔުއްވި ގޮތުގައި ދިވެހި ބަހުގައި ސިންހަލަ ބަހުގެ ނުފޫޒު ހުރުމުގެ ސަބަބަކީ ދިހަވަނަ ގަރުނާއި ބާާރަވަނަ ގަރުނާއި ދެމެދުގައި ދިވެހިރާާއްޖެއާއި ސިލޯނާއި ދެމެދު އޮތް މުއާމަލާާތުކަމަށްވުން އެކަށީގެންވެއެވެ. އަދި ދިވެހިރާއްޖޭގައި އެއް ޒަމާނެއްގައި އޮތް ބުުދުދީނުގެ ސަބަބުން ސިންހަލަ ބަހުގެ އަސަރުތައް ފެންނަން އޮތުމަކީވެސް ގަބޫލުކުރެވިދާނެ ކަމެކެވެ.

މިފަދަ ގާތްގުޅުމެއް ދެގައުމުގެ މެދުގައި ބަހަވީ ނަޒަރަކުން އޮތްކަމަށް ގިނަ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މި ގުޅުމަށް އިތުރަށް ނަޒަރެއް ހިންގާލައި، އެކަން އިތުރަށް ދެނެގަތުމަށް މަސައްކަތްކުރަން ކޮންމެ ދިވެއްސަކަށްވެސް ދައުވަތުދެމެވެ. ވިދާޅުވާށެވެ. ދިވެހިބަހާއި ސިންހަލަ ބަހުން އެއްގޮތް ލަފްޒުތަކަކީ ކޮބައިތޯއެވެ؟

Advertisement

ކޮމެންޓް