ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓުދޭންވީ ސަބަބެއް ނެތް: ޝާހިދު

21 Feb 2020 | 21:27

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ފެށުމާއި ގުޅިގެން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ އެމްޑީޕީއިންކަމަށެވެ. އަދި އެނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށްކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެދަރިއަށް އެމްޑީޕީއަކުން ދެރައެއް ނުދޭނެކަމަށް އަދި އެދަރި ދޫކޮށެއް ނުލާނެކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ޤާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާޢީދުނުކުރާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. "

އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް"، ޝާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރިގަދަކޮށް މިރޭ ފަށާފައިވާއިރު، އެމްޑީޕީއިން ވަނީ މިއިންތިޚާބުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް