މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

06 Mar 2020 | 05:43

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އިނގިރޭސި ޗެންޕިއަންޝިޕްގެ ޑާބީ ކައުންޓީއައި ވާދަކޮށް މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑާބީގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ޑާބީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމް މާޔޫސްކޮށްލީ 33 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރ ލޫކް ޝޯ ޖެހި ގޯލުންނެވެ.

މި ގޯލަށްފަހު މުޅި މެޗު ޑޮމިނޭޓްކޮށްފައިވަނީ ޔުނައިޓެޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔުނައިޓެޑުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެއް ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ޖެނުއަރީ ޓްރާންސްފާގައި އެޓީމައި އަލަށް ގުޅުނު ނައިޖީރީއަށް ނިސްބަތްވާ ފޯވަޑް އޮޑިން އިގާލޯއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ތިންވަނަ ގޯލުވެސް ޖަހައިދިނީ އިގާލޯއެވެ.

ޔުނައިޓެޑް ވަނީ މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ޑާބީގެ ގޯލައް ފޮނުވާލާފައެވެ. އެގޮތުން ޔުނައިޓެޑް ވަނީ މި މެޗުގައި 26 ޝޮޓް ހަދާފައެވެ.

މި މެޗުގައި ޑާބީއާއެކު ޔުނައިޓެޑުގެ ކުރީގެ ފޯވަޑް އަދި ރެކޯޑް ގޯލް ސްކޯރާ ވޭން ރޫނީވެސް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލޫކް ޝޯއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ބައްދަލުކުރާނީ ނޯވިޗް ސިޓީއާއެވެ. ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ނިކުންނާނީ ލީގުގައި ވާދަވެރި ސިޓީއާ ދެކޮޅަށެވެ. 

Advertisement

ކޮމެންޓް