އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި އެތްލީޓު ޓައިވާނަށް ފުރައިފި

07 Nov 2018 | 14:27

މިމަހުގެ 8-11 އަށް ޓައިވާނުގެ ކައުހްސިއުންގުގައި ބޭއްވުމަށް ހަމަޖެހިފައިވާ 10ވަނަ އިލެކްޓްރޯނިކް ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވާ ދިވެހި ޓީމު މިއަދު ފުރައިފިއެވެ.

މި މުބާރާތުގައި އީސްޕޯޓްސް ކުޅިވަރުތަކުގެ ތެރެއިން ދިވެހިރާއްޖެ ބައިވެރިވުމަށް ހަމަޖެހިފައިވަނީ ޓެކަން ކެޓަގަރީގައި ހަސަން ހިސާން އަޙްމަދު އެކަންޏެވެ.

ހިސާން ވަނީ މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ) އިން އންތިޒާމްކޮށްގެން ޓެކަން ކެޓަގަރީގެ އީސްޕޯޓްސް ގައުމީ އެތްލީޓު ހޮވުމަށް ބޭއްވި މުބާރާތްކަމުގައިވާ، އީސީއެސް 2017 ގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި އޭގެފަހުން މާލޭގައި އާއްމުކޮށް ހުޅުވާލާއިގެން ބޭއްވުނު ޓެކަން މުބާރާތްތަކުގެ ޗެމްޕިއަންކަންވެސް ވަނީ ހިސާން ގެންގޮސްފައެވެ.

ހިސާން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ޓެކަން ކުޅުންތެރިޔާއެވެ. އަދި މިއީ ހިސާން ބައިވެރިވާނޭ ފުރަތަބަ ބައިނަލްއަގްވާމީ މުބާރާތެވެ.

މީގެ ކުރީގެ އަހަރުތަކުގައި ޓެކަން ކެޓަގަރީގައި ރާއްޖެ ތަމްސީލުކޮއްދީފައިވަނީ މިހާރު ރިޓަޔާ ކޮށްފައިވާ ޝިބާން އައްބާސްއެވެ. ޝިބާންވަނީ 2013 ވަނަ އަހަރު ޓެކަންގެ ދުނިޔޭގެ ގަދަ 16ގައި ވާދަކޮށްފައެވެ.

މީސާ އިން މަޢުލޫމާތު ދޭގޮތުގައި މިއަދު ފުރާފައިވާ އެތުލީޓްގެ ފުރަތަމަ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ 9 ނޮވެމްބަރުވާ ހުކުރު ދުވަހުއެވެ.

ރާއްޖޭގެ ހިމެނޭ ގުރޫޕުގައި ހިމެނިފައިވަނީ ރާއްޖޭގެ އިތުރުން ޖަޕާން، ވިއެޓްނާމް އަދި އިންޑޮނީޝިއާއެވެ. 

ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މިމުބާރާތަކީ އިންޓަނޭޝަނަލް އީސްޕޯޓްސް ފެޑަރޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މިހާތަނައް ރާއްޖެއިން ވަނީ 5 އަހަރު މިމުބާރާތުގައި ބައިވެރިވެފައެވެ. އަދި އެންމެ ދުރަށް ރާއްޖެ ދަތުރުކޮއްފައިވަނީ ފީފާގެ ކުއާޓާފައިނަލާއި ހަމައަށް އަބްދުاللّٰه އާސިފް މުސްތަފާއެވެ. 

Advertisement

ކޮމެންޓް

Advertisement