ކޮވިޑް-19 އަށް އެމްބާޕޭ ޓެސްޓްކޮށްފި

11 Mar 2020 | 03:55

ފްރާންސްއަށް ނިސްބަތްވާ ޕީއެސްޖީގެ ތަރި އެމްބާޕޭ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓްކޮށްފިކަމަށް ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިވެފައިނުވާ އެމްބާޕޭ ކުރި ޓެސްޓްތަކުގެ ނަތީޖާ އައިސްފައިވަނީ ނެގެޓިވްކޮށް ކަމަށްވެސް މިޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޗެންޕިއަންސް ލީގުގައި ބުރޫޝިއާ ޑޯޓްމަންޑްއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް ޓޫޝެލްވަނީ އެމްބާޕޭގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަން ހާމަކޮށްފައެވެ. ތަމްރީނުތަކުގައި ބައިވެރިނުވެވުމުގެ ސަބަބުން ޓީމުގެ ލުއި ތަމްރީނުތަކުގައި އޭނާ ބައިވެރިކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށްވެސް ޓޫޝެލް ބުނެފައިވެއެވެ.

އުމުރުން 21 އަހަރުގެ އެމްބާޕޭވަނީ މި ސީޒަނުގައި ޕީއެސްޖީއަށް 32 މެޗު ކުޅެދީ 30 ގޯލް ޖަހައިދީފައެވެ.

މިއީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ހައި ޕްރޮފައިލް ފުޓްބޯޅަ ކުޅުންތެރިޔެއް ޓެސްޓްކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮރޯނާ ވައިރަހުގެ އަސަރު ފުޓްބޯޅައިގެ ދުނިޔެއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން އިޓާލިއަން ލީގް - ސެރީއާ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު އެހެން ގައުމުތަކުގައި ގިނަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. 

Advertisement

ކޮމެންޓް

Advertisement