Advertisement

ކަރަންޓީންކުރާ ކޮންމެ މީހެއް ކޮވިޑް-19 އަށް ޓެސްޓްކުރަން ޖެހޭނެ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

28 Mar 2020 | 15:05

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓްވެފައިވާ މީހުންނާއި، ކޮވިޑް-19 ގެ ފެތުރެމުން އަންނަ ސަރަހައްދު ތަކުން އަންނަ މީހުން ކަރަންޓީންކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ކޮންމެ މީހެއްވެސް ކޮވިޑް-19 އަށް ޓެސްޓްކުރަން ޖެހޭނެކަމަށް ދުނިޔޭގެ ސިއްޔަތު ޖަމިއްޔާއިން މިންގަނޑުތަކުގައި ބަޔާންކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައި މިމަހުގެ 19 ވަނަދުވަހު ކޮވިޑް-19 އާއި ގުޅިގެން އަމަލުކުރަން ޖެހޭ އިންޓަރިމް މިންގަނޑުތަކުގެ ތެރެއިން، ކަރަންޓީންކޮށްފައިވާ މީހުންނާއި މެދުގައި ކަންތައްކުރަންވީގޮތްތަކާ ބެހޭގޮތުން އެކުލަވާލާފައިވާ މިންގަނގުގައި ވާގޮތުގައި، އެންމެ ކުޑަ މިނުން ކުރަން ޖެހޭކަންތައްތަކުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީންކުރާ ފަރާތްތައް، މި ބަލީގެ އަލާމާތްތައް ނުފެނުނުކަމުގައި ވީނަމަވެސް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކުރަން ޖެހޭނެއެވެ.


އަލާމާތްތައް ނުފެނި ގިނަބަޔަކު ކޮރޯނާއަށް ޕޮޒިޓިވްވޭ

އައިސްލޭންޑްގައި އެޤައުމުގެ ތިންލައްކަ މީހުންގެ އާބާދީގެ ބޮޑުބައެއް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި ގިނަ މީހުންގެ ކިބައިން ކޮރޯނާ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިއީ ވެސް މިބަލި ފެތުރުން ހުއްޓުމަށް ގިނަ ޓެސްޓު ހެދުމުގެ މުހިންމު ކަން ފާހަގަކުރެވިގެންދާކަމެކެވެ.

ރާއްޖެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަށް އެއްގޮތައް ޓެސްޓުނުކުރަނީ ކީއްވެ؟

ރާއްޖޭގައި ޕޮޒިޓިވްވާ އެންމެންނާއި ބައްދަލުވެފައި ތިބި އެންމެން ޓެސްޓު ނުކުރަނީ ޑަބްލިއުއެޗްއޯ ގައިޑްލައިންގައި އެގޮތަށް ލިޔެފައި ނެތުމުން ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވަނީ ދުވަހު ނޫސް "ދިޔަރެސް"އަށް ދިން އިންޓަވިއެއްގައި ވިދާޅުވެފައެވެ.

މައިމޫނާ އެހެން ވިދާޅުވި ނަމަވެސް ޑަބްލިއުއެޗްއޯ އިންވެސް ވަނީ ވީހާވެސް ގިނައިން ޓެސްޓު ކުރުމަށް ހުރިހާ ޤައުމަކަށްވެސް އަންގާފައެވެ.

އެގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް މިހަފްތާތެރޭގައި ނޫސްވެރިންނާއި ބައްދަލުރެެއްވުމަށްފަހުން ނިންމާލަމުން ވެސް ވަނީ "ޓެސްޓް، ޓެސްޓް، ޓެސްޓް" މިފަދައިން ތިންފަހަރު ވިދާޅުވެ، ޓެސްޓުކުރުމުގެ މުހިންމުކަން މީޑީއާގެ ސަމާލުމަށް އިތުރަށް ގެނެސްދެއްވާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ޓެސްޓު ކުރުން މަދުކަމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި މިހާރު ކަރަންޓީންކުރެވިފައިވާ ބައެއް ފަރާތްތަކުގެ އާއިލާތަކުން ވަނީ ކަރަންޓީންކުރެވިފައިވާ ފަރާތްތައް ޓެސްޓުކުރުމަށް އެޗްޕީއޭގައި ތަކުރާރުކޮށް އެދެމުން އަންކަމަށާއި މިހާތަނަށްވެސް އެކަންކުރުމަށް އެފަރާތުން ދެކޮޅުހަދާފައިވާކަމަށް "ވޮއިސް"އަށް ވަނީ ކިޔާދީފައެވެ.

މިހާރު ދުނިޔޭގައި އެންމެ ބާރަށް ކޮރޯނާ ފެތުރެމުން އަންނަ އިޓަލީއާއި އެމްރިކާ ފަދަ ޤައުމުތަކުގައި މި ބަލި މިހާ އަވަހަށް ފެތުރިފައިވަނީ ޓެސްޓުކުރުން މަދުވުމުންކަމަށް ސިއްހީމާހިރުން ވަނީ ހާމަކޮށްފައެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރ ފަރާތުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ މިންގަނޑަކީ ކޮންމެހެން އަމަލު ކުރަންޖެހޭ ކަމެއްނޫންކަމަށައި، އެއީ އެ ޖަމިއްޔާއިން އެދޭގޮތްކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެއިން މިހާތަނަށް އަމަލުކުރަމުން އަންނަނީ ކަރަންޓީންގައި ތިބޭ ހައި ރިސްކް ފަރާތްތައް އެކަނި ޓެސްޓުކުރުންކަމަށް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާގޮތުގައި ކޮރޯނާއިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ދެފިޔަވަޅަކީ ޓެސްޓުކުރުމާއި ލޮކްޑައުންކުރުންކަމަށެވެ.

Advertisement

ކޮމެންޓް