ފިޔަވަހިތަކަކަށް ބަހާލައިގެން މާލޭގެ ލޮކްޑައުނަށް ލުއިތަކެއް ދޭން ވިސްނަނީ

20 May 2020 | 21:27

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން މާލޭގެ ލޮކްޑައުނަށް ލުއިތަކެއް ދޭން ވިސްނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގައުމާއި މުޚާތަބުކުރައްވާ މިރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ"، އެމަނިކުފާނު ވިދާޅުވިއެވެ.

މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން މިހާރަށް ވުރެ ބޮޑަށް އިތުރުކުރެވޭނެކަމަށެވެ. އަދި ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް