ކޮވިޑް-19 އޮތް ކަމުގައިވިޔަސް ގުދުރަތީ ވެއްޓަށް ފަރުވާތެރިވާން އެބަޖެހޭ!

22 May 2020 | 19:58

މިއަދު މުޅި މިދަނީ ލޮލަށް ނުފެންނަ، ނަމަވެސް ވަރުގަދަ ދުޝްމަނަކާއި ހަނގުރާމަކުރަމުންނެވެ. އެ ދުޝްމަން ބަލިކޮށް ނަސްރު ހޯދުމަށް އެތައް ގައުމުތަކުން ދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. މި ހަނގުރާމައިގައި އެތަކެއް ފުރާނައެއްވެސް މި ދުނިޔެއާއި ވަނީ ވަކިވެފައެވެ. ނަމަވެސް އެ ހަނގުރާމައިގައި އިންސާނީ ނަސްލު އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހޭތަން ނުފެނެއެވެ.

ތެދެކެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އާލަމީ ވަބާގެ ސަބަބުން އެތަކެއް ކަންކަން މިއަދު މިވަނީ ބަދަލުވެފައެވެ. ނަމަވެސް ބަދަލުނުވާ އެއްކަމަކީ އަޅުގަނޑުމެން ވަށައިގެން މިވާ ގުދުރަތީ ވެއްޓަށް އިންސާނުން ވަމުންދާ ބަރޯސާއެވެ.

މިއަދު ފާހަގަކުރެވެމުން މިދާ ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހުގެ ޝިއާރުންވެސް އަންގައިދެނީ އެކަމެވެ. "އަހަރެމެންގެ ޙައްލުތައް ވަނީ ޤުދުރަތީ ވެށީގައި"، މި ޝިއާރުން ބުނެދެނީ މާނަފުން ވާހަކައެކެވެ.

ދެބަސްވެވެން ނެތް ހަގީގަތެއް އެބައޮތެވެ. އިންސާނުންގެ ހުރިހާ ކަމެއް ވަނީ އެހެނިހެން ދިރޭތަކެއްޗާއި ގުޅި ލާމެހިފައެވެ. އަހަރެމެންނަށް ދިމާވާ ހުރިހާ މައްސަލައެއްގެ ހައްލު ޤުދުރަތުން ހޯދައި، ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ ކޮވިޑް-19އާއި ދެކޮޅަށް ދުނިޔެއިން ހަނގުރާމައިގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމުގައިވާ ބޭސްވެރިކަމެވެ. ބޭސްވެރިކަމަށް ބޭނުންކުރާ ބޭހާއި ވެކްސިން އީޖާދުކުރުމަށް ބޭނުންކުރަނީ ޤުދުރަތުން ހޯދައިގަންނަ މާއްދާތަކެވެ. ގަސްގަހާގެހީގެ ފަތާއި، މުލާއި، އޮށްތަކަކީ ސައިންޓިސްޓުން ބޭސްފަރުވާ އަށް ދިރާސާކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެއްޗެވެ.

ހަމައެއާއެކު، މިފަދަ ހާލަތެއްގައިވެސް އިންސާނުންނާއި ޖަނަވާރުން ދިރިތިބުމަށް ބޭނުންވާ ފެނާއި ކާނާ އަދި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދުނިޔޭގެ މޫސުން ދައުރު ވާ ގޮތާއި، ފެން ސާފުވުމުގެ ނިޒާމުވެސް ހަމަ ވަނީ ދިރޭތަކެއްޗަށް ބަރޯސާވެފައެވެ. އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ސަލާމަތްކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކުން ޢިބްރަތް ލިބިގަނެ، މަސައްކަތްކުރުމަކީ މިއަދު މުހިންމު ކަމެކެވެ.

ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރާއިރު، ދިރޭތަކެއްޗަކީ ކޮބައިކަން ދެނެގަނެ، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓޭނެ ގޮތްތައް ދެނެތުން މުހިންމެވެ. ދިރޭތަކެއްޗަކީ މާތް ﷲ ސުބްޙާނަހޫވަތަޢާލާ ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމަކާއި އެ ދިރުމެއްގެ ޤުދުރަތީ ވެއްޓެވެ. އިންސާނުންގެ ލޮލަށް ނުފެންނަ ކިތަންމެ ދިރުމެއް މީގައި ހިމެނެއެވެ. ބެކްޓީރިއާ، ފަންގައި، އަލްގީ ފަދަ ދިރުންތަކަކީ ދަނޑުވެރިކަމާއި، ކާނާ ބަންދުކުރުމާއި، ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުންނަށް މުހިންމު ރޯލެއް އަދާކުރާ ދިރޭތަކެއްޗެވެ. މިފަދަ ދިރުންތަކުގެ ބެލެންސް ޤުދުރަތީ މާހައުލުގައި ހިފަހެއްޓޭނެ ގޮތްތައް ދެނެގަނެ، އެކަމަށް ހުރިހާ އެންމެން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. 

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ ފަރުދަކަށްވެސް އިސްނަގައިގެން މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން މި ދުވަސްވަރުގައި ޖާގަ އޮތް މިންވަރަކުން އަމިއްލަ މޭވާ އަދި ތަރުކާރީ އިންދުމާއި، ތިމާވެއްޓަށް ގެއްލުން ނުދިނުމާއި، އެއްގަމު ދުއްވާ އުޅަނދުތަކަށް ބަރޯސާވުން ކުޑަކުރުން ހިމެނެއެވެ. އަދި އިގްތިސާދީ ނަޒަރިއްޔާތެއްގެވެސް ބޭނުންކޮށް، ބޭރުން އެތެރެކުރާ ކާނާ އަށް ވުރެ ބޮޑަށް ދިވެހި ދަނޑުވެރިންގެ ވިޔަފާރިއަށް އެއްބާރުލުންދިނުމަކީ ކުރެވިދާނެ ކަންތަކެވެ.

ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ތިމާވެއްޓަށް އެހާމެ ބަރޯސާވާ ޤައުމެކެވެ. މި ޤައުމުގެ އިޤްތިސާދު ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށެވެ. ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ކަނޑުތަކުގެ މުއްސަނދިކަމަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައިބަދައެވެ. އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މި ކަމަށް އޮތް ހައްލެވެ. ވަގުތު ފާއިތު ނުވަނީސް ދިރޭތަކެތީގެ މުހިންމުކަން ދެނެގަނެ، އެތަކެތި ހިމާޔަތްކޮށް، ކުރިޔަށް އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ވާޖިބެއްކަން ޔަޤީނެވެ. ކޮވިޑް-19 ވިޔަސް ގުދުރަތީ ވެއްޓަށް ފަރުވާތެރިވެގެން މެނުވީ ސަލާމަތެއް ނެތެވެ!

Advertisement

ކޮމެންޓް