"ދަ އަންބްރެއްލާ އެކެޑަމީ"ގެ ދެވަނަ ސީޒަން އަންނަ މަހުގެ 31ވަނަ ދުވަހު ނެޓްފްލިކްސްއަށް އަންނަނީ

25 May 2020 | 13:46

ދިވެހިންގެ ތެރެއިން އެކި އުމުރުފުރާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފާ ސީރީސެއް ކަމުގައިވާ "ދަ އަންބްރެެއްލާ އެކެޑަމީ"ގެ ދެވަނަ ސީޒަން އަންނަ ޖުލައި މަހުގެ 31ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށް ނެޓްފްލިކްސްއިން ވަނީ ޓްވިޓަރގައި މި ސީރީސްގެ ތަރިން ގޭގެ ކަރަންޓީންގައި ތިބެ ނަށާ ވީޑިޔޯއެއް އާންމުކޮށްފައެވެ.

މި ސީރީސްގައި ދައްކުވައިދެނީ ޚާއްސަ ބާރުތަކެއް ލިބިގެންވާ ހަތް ކުދިންތަކެއް، އެކުދިން އެޑޮޕްޓްކުރި ބައްޕަގެ މަރުގެ ހަގީގަތްތައް ހޯދަމުން ދުނިޔޭގެ މަޝްރަހުގައި ދިމާވާ ނުރައްކާތެރި ކަންތައްތަކެއް ހައްލުކުރުމަށް ކުރާ މަސައްކަތްތަކެއްގެ ވާހަކައެވެ. މިއީ މައި ކެމިކަލް ރޮމޭންސް ކިޔާ ބޭންޑްގެ ލީޑް ވޯކަލިސްޓް ޖެރާޑް ވޭ ތަރައްގީކުރި ކޮމިކް ފޮތްތަކެއްގެ މައްޗަށް ބިނާކޮށް ހެދި ސީރީސްއެކެވެ.

ދަ އަންބްރެއްލާ އެކެޑަމީގެ ފުރަތަމަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނެޓްފްލިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ސީރިސް ނެރުނު ފުރަތަމަ މަހުގައިވެސް 45 މިލިޔަން އެކައުންޓުން ވަނީ ސީރީސް ބަލާފައެވެ.

އެހެންކަމުން ޖުލައި 31އަށް ތައްޔާރުވާށެވެ! އަންބްރެއްލާ އެކެޑަމީގެ ފަރާތްތަކުން ދުނިޔެ ސަލާމަތްކުރާނެ ގޮތް ދެކިލަން އެންމެން ތިބީ ކެތްމަދުވެފައެވެ.

Advertisement

ކޮމެންޓް

Advertisement