މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލަން ގޮވާލަން ފަށައިފި

26 May 2020 | 16:37

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާ މާލޭގެ މިސްކިތްތައް ހުޅުވާލަން މީސް މީޑިޔާގައި ގިނަބަޔަކު ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ޖަލްސާތަކަށް ދެވޭ ފަދައިން، އާންމުންނަށް މިސްކިތްތަކަށްވެސް ދެވެން ވާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް އެނގިގެން މިދިޔައީ ކޮންމެ ދުވަހަކު އެތައް ވާހަކައެއް ދައްކަމުންދާ އެޗްޕީއޭއަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއްކަމަށެވެ. އަދި މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުޙިންމުކަމުން މިސްކިތްތައް ވަގުތުން ހުޅުވުމަށް ޑރ.ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ އިތުރުން ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފްވެސް ވަނީ މިސްކިތްތައް ހުޅުވުމަށް އެދިވަޑައިގެންފައެވެ.

އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއްގެ ޕްރެޝަރަށް އެއްވުންތައް ބޭއްވުމަށް ހުއްދަދޭނަމަ، މިސްކިތްތައް ހުޅުވުމަށް ރައްޔިތުން ކުރަމުންދާ ޕްރެޝަރަށް އިޖާބަދޭން އެޗްޕީއޭއަށް ގޮވާލައްވާކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެން ވާން ޖެހޭނީ ހަމަހަމަ ބަޔަކަށް ކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ޚާއްސަ ފިޔަވަޅުތަކަކާއި އެކު، މިސްކިތްތައް ނަމާދުކުރުމަށް ހުޅުވާލާފަައެވެ.

Advertisement

ކޮމެންޓް

Advertisement