ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ހިޔާ ފްލެޓް ހަވާލުކުރަން ސަރުކާރުން މަޝްވަރާކުރަން ފަށައިފި

06 Jun 2020 | 14:12

އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން "ހިޔާ" ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރަން ސަރުކާރުން މަޝްވަރާކުރަން ފަށައިފިކަމަށް "ވޮއިސް" އަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދީފިއެވެ.

މިމަސައްކަތުގައި ސާމިލްވާ ސަރުކާރުގެ މިނިސްޓްރީއެއްގެ އިސް އޮފިޝަލްއެއް "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ހިޔާ ފްލެޓްގެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ނިންމައި އަންނަ އަހަރު ކުރީކޮޅު ގައި ހަވާލުކުރުމަށް މަޝްވަރާކުރަންފަށާފައިވާކަމަށެވެ.

"މިވަގުތު ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާނާއާއި ބޭސް ސެކިއުއާ ކުރުން ޕްރިއޯރިޓީ ދީފައިވަނީ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު މަގުމަތިވުމާއި ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައިވުމުން ހިޔާ ފްލެޓް ނިންމުމަށް ހާއްސަ އިސްކަމެއް ދިނުމަށް ނިންމާފައި ވަނީ. ހިޔާ މަސައްކަތުގެ ބާކީ ކުރަން ހުރި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ވަނީ ކޮމާޝަލް ބޭންކު ތަކުން ހަމަޖެހިފައި. އެއީ އެ ސަރަހައްދުގެ ފިހާރަތަކާއި އާންމު ހިދުމަތްތަކަށް ބޭނުންވާ ތަންތަން އެޅުމާއި ކޮމަން އޭރިއާތައް ހެދުމަށް ބޭނުންވާ ފައިސާ." އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

އޭނާ މައުލޫމާތު ދިންގޮތުގައި ހިޔާ ފްލެޓްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ ޑިސެންބަރު މަހަށެވެ.

މިކަމާއި ގުޅިގެން ހިޔާ ފްލެޓްގެ ކަންކަން ސަރުކާރު ފަރާތުން ބަލަހައްޓަމުން އަންނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަރަށް އަވަހަށް މި މައުލޫމާތު ހިއްސާކުރާނެކަމަށްވެސް ވެއެވެ.

ހިޔާ ފްލެޓްގެ މަސައްކަތް ސަރުކާރުން އެދެވޭ މިންވަރަށް ނުކުރާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒްވެފައެވެ. ހިޔާ ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓް ކަށަވަރުކުރުމަށްކަމަށް ބުނެ މި ސަރުކާރުން ވަނީ ނިމުނު ސަރުކާރުން ފްލެޓް ދިނުމަށް އާންމުކޮށްފައިވާ ލިސްޓް އަލުން މުރާޖާކޮށް، ހާލަތު ބެލުމުގެ މަސައްކަތް ފަށާފައެވެ. އެ މަސައްކަތައް ވަނީ ކޮވިޑް-19 ގެ ބަލިބަޑުކަން ޖެހުނު އިރުވެސް ނިންމާނުލެވިއެވެ. ކޮވިޑް-19 އާއި ގުޅިގެން ހާލަތުބެލުން ހުއްޓިފައިވާ އިރު މި މަސައްކަތް ފަށާނެ އިރެއް ނޭނގޭކަމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕްލެޓްތަކާ ބެހޭ ކޮމިޓީގެ މެންބަރު ވޮއިސް އަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ޞާލިހް ވަނީ މީގެ ކުރިން ކޮވިޑް-19 އާއި ގުޅިގެން ހިޔާ ފްލެޓްގެ މަސައްކަތް މަޑުޖައްސާލާފައިވާކަމަށާއި ކޮވިޑް އަށް ފަހު މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ.

"މި ހިޔާ ފްލެޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގޮސް މިމަހުގެ ނިޔަލަށް މި އަންނަ މަހުގެ ކުރީކޮޅުގައި އެކަން ނިންމާލެވޭ ވަރަށް ގޮސްގޮސް އޮއްވައި، މިކަން މިދިމާވީ އަޅުގަނޑުމެންނަށް. މިވަގުތު އޮތީ އިހަށް މަޑުޖައްސާލާފައި. އަޅުގަނޑު ހިތުން ދެ ސެކްޓަރއެއްކަންނޭނގެ މިހާރު ނުނިމި އޮތީ އިނގޭތޯ؟ އޭރުން އެނިންމާލެވުނީސް އަޅުގަނޑުމެންނަށް މަހެއްހާ ދުވަސް ލިބުނުނަމަ. އޭރުން އެކީގައި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނަށް އެ އޮންނަ ޝަރުޠުހަމަވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ފެށުނީސް. އެހެންނަމަވެސް، ޑިލޭއެއް މިކަމުގައި އަތުވެއްޖެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިކަން ހަމަ ނިމުމާ އެކީގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. މިހާރު ފްލެޓްތައް އެހުރީ ނިމުމުގެ މަރުޙަލާގައި. އަދި އެކަމަކު މުޅިއަކުން ނެތް މީހުން ވަންނަ ހިސާބަކަށް ނުދޭ. އެހެން ނަމަވެސް އެ މަސައްކަތް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް މިކޮޅުން ނިންމައި، އެ ލިބޭ ފަރާތްތައް ކަނޑައެޅިގެންދާނެ" 23 މާޗް 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެޗްޑީސީން ހިޔާ ފްލެޓާއި ބެހޭ އާ މައުލޫމާތު ވަރަށް އަވަހަށް އާންމުންނާއި ހިއްސާކުރައްވާނެއެވެ. 

Advertisement

ކޮމެންޓް

Advertisement