ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް އިތުރު 10 ހާސް ޓެސްޓް ކިޓް ހަދިޔާކޮށްފި

08 Jun 2020 | 18:31

ކޮވިިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން ނުވަތަ ޑަބްލިޔުއެޗްއޯގެ ފަރާތުން ދިވެހިރާއްޖެއަށް އިތުރު 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ޑަބްލިޔުއެޗްއޯގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ކަމުގައިވާ ޑރ.އަރްވިންދު މާތުރާއި މިއަދު ބައްދަލު ކުރައްވާ، އެ ޖަމްއިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް ލިބެމުންދާ އެހީއާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

މިއަދު މި ހަދިޔާ ކުރެވުނު ޓެސްޓް ކިޓްތަކާއި އެކު، ޑަބްލިޔުއެޗްއޯއިން މިހާތަނަށް ދިވެހިރާއްޖެއަށް ވަނީ 41،000 ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ. އަދި މި އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދާނެކަމަށް ދިވެހިރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހާއި ހަވާލާދީ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޑަބްލިއުއެޗްްއޯ އިން ދަަނީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކިކަހަލަ އާލާތްތައް ހޯދުމަށްވެސް އެހީވަމުންނެވެ.

އަދި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް  ހެލްތު މިނިސްޓްރީން ބުންޏެވެ.

Advertisement

ކޮމެންޓް