Advertisement

ރައީސް ޑރ.މުޙަންމަދު ވަޙީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ވަދާޢީ ތަޤުރީރު

18 Jun 2020 | 16:27

މިއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ދިވެހި ޤައުމާ މުހާތަބް ކުރައްވައި ދެއްވި ވަދާޢީ ތަޤުރީރެވެ. މިއީ 15 ނޮވެންބަރު 2013 ގައި ރައީސް އޮފީހުގައި އެމަނިކުފާނު ދެއްވާފައިވާ ތަޤުރީރެކެވެ.

بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ދީނާއި ޤައުމުގެ ޙައްޤުގައި ކޮންމެ ދުވަހަކުމެ، ކޮންމެ ވަގުތަކުމެ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަތައް ކުރެވެމުންދޭ. ޤައުމުގެ ޚިދުމަތުގައި ކޮންމެ ދުވަހަކުވެސް ޤައުމުގެ އަފްރާދުން ޤުރުބާންވަމުންދޭ. ޤައުމުގެ ހެވާއި ލާބަ އިސްކޮށް، ޒާތީ ތަޢައްޞުބާއި، އަމިއްލަ އެދުން ފަހަތަށް ޖައްސާ ރައްޔިތުން؛ ހަމަ އެންމެ ދުވަހަކުވެސް އެކަމަކަށް ފަހަތަކަށް ނުޖެހޭ. އަދި ނުވެސް ޖެހޭނެ. ފެއްސާއި ރަތާއި ހުދުގެ، މުޤައްދަސް ދިވެހި ދިދައިގެ ހިޔަލުގައިވެސް މިފަދަ ދަރިން ހަމަ ކޮންމެ ދުވަހަކުވެސް މި ޤައުމަށްޓަކައި އެތައް ޤުރުބާނީއެއް ވަމުންދޭ. އެފަދަ ދަރިން އަބަދުވެސް މި ޤައުމުގައި ތިބޭނެ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ގިނަ ޕާޓީތަކެއް ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑު އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓުގެ ގޮތުގައި ބައިވެރިވީ، އިޞްލާޙުގެ މަސައްކަތުގެ އެންމެ ފުރަތަމަ ބައިވެރިންގެ ތެރެއިން ބައިވެރިއެއްގެ ހައިސިއްޔަތުން. އެއީ، ރާއްޖޭގައި އަޅުގަނޑު ކުރިމަތިލީ އެންމެ ފުރަތަމަ އިންތިޚާބެއް ނޫން. ޑިމޮކްރަސީގެ މަސައްކަތުގައި ޢާއިލާއާއި އަމިއްލަ ރައްކާތެރިކަން ގެއްލި، ރާއްޖެ ދޫކޮށް ދުވަސްކޮޅަކަށް ދާންޖެހުނުނަމަވެސް، އެނބުރި އައިސް މި މަސައްކަތުގައި ބައިވެރިވީ، ރާއްޖެއަށް ތަރައްޤީއާއި ތަމައްދުނާއި އަދި އިޞްލާޙުގެ މަގުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް ބޭނުންވާ މީހެއްގެ ހައިސިއްޔަތުން. ޤައުމަށް ޚިދުމަތްކުރުމުގެ ޢަޒުމުގައި.

ލޮބުވެތި ދިވެހި ރައްޔިތުން؛

2012 ވަނަ އަހަރުގެ ކުރީކޮޅު ވެރިކަން ބަދަލުވިގޮތާ ބެހޭގޮތުން އެތައް ގޮތަކަށް ވާހަކަ ދެކެވިފައިވޭ. އެތައް ފޮތެއް ލިޔެވިފައިވޭ. އަދި ވެރިކަން ބަދަލުވުމުގައި އަޅުގަނޑު، ޤާނޫނާ ޚިލާފު ކަންތައްތަކެއްކޮށް، ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލީ ކަމަށް ގަބޫލުކުރާ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންވެސް އެބަތިބި. މިއަދު ޤައުމުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރެ، މަޤާމުން ވަކިވެގެންދާއިރު، މި މައުޟޫޢުގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން.

30 އަހަރު ދުވަހުގެ ދިގު ވެރިކަމެއްގެ ފަހުކޮޅު އުފަންވެގެން ދިޔައީ ބަދަލުގެނައުމުގެ ރޫޙުގެ ތެރެއިން ބޭއްވުނު ރިޔާސީ އިންތިޚާބު، ރައީސް ނަޝީދާއެކު ކާމިޔާބުކޮށް، މަސައްކަތްފެށީ ވަރަށް އުންމީދާއެކު. އެހެން ނަމަވެސް، ޤާނޫނުއަސާސީގައި ނައިބު ރައީސްގެ ދައުރު ހަމަޖެހިފައި އޮތްގޮތުންނާއި، އަދި ރައީސް ނަޝީދު އޭނާގެ ވެރިކަން ކުރިޔަށް ގެންދެވުމުގައި ކަންކުރައްވަމުން ގެންދެވި ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަންޖެހުނު މާގިނަ ޒިންމާތަކެއް ނެތް. ކަންކަން ނިންމުމުގައިވެސް އަޅުގަނޑުގެ މާބޮޑު ދައުރެއް ނެތް.

ވެރިކަމުގެ ތެރެއިން އުފެދިގެން އައި ވާދަވެރިކަމާއި، ހަމަނުޖެހުމުގެ ތެރެއިން، ބައެއް ކަންކަމަކީ، އަޅުގަނޑު ހިތްހަމަޖެހިގެން ސަރުކާރުން ކުރައްވާފައިހުރި ކަންކަމެއް ނޫން. ކިތަންމެ ދަތިކޮށް ނަމަވެސް ޤާނޫނީ ޙުދޫދުގެ ތެރެއިން ކަންކަން ކުރުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތް. ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަކީ، އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތް. ވުމާއެކު، ޙަސަދައާއި ބަދަލުހިފުމުގެ ރޫޙުގައި، ޤާނޫނީ އޮނިގަނޑުގެ ބޭރުން ކުރެވިފައިހުރި ކަންކަމަކީ، އަޅުގަނޑަށް އެއްބަސްވެވޭނޭ ކަންކަން ކަމުގައެއް ނުވޭ. 31 ޖެނުއަރީގެ ފަހުން އަޅުގަނޑާ ރައީސް ނަޝީދާ ބައްދަލުވެ ވާހަކަ ދެކެވިފައި ނެތުމުގެ ސަބަބުން، ސަރުކާރުން ކަންކުރައްވަން ވިސްނަވާފައިވާ ގޮތް އަޅުގަނޑަށް އެނގިފައެއް ނުވޭ.

ލޮބުވެތި ދިވެހި ރައްޔިތުން؛

2011 ވަނަ އަހަރުގެ އެންމެފަހުގެ ދުވަސްތަކާއި، 2012 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި އޮތް ހަމަނުޖެހުމާއި، ތަޅާފޮޅުމުގެ ވާހަކަ އަޅުގަނޑު އިތުރަށް ތިޔަބޭފުޅުންނަށް ދަންނަވާކަށް ނެތީމު. އެކަންކަން ހިނގައިގެން ދިޔައީ، އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި. ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގައި، އަދި އެންމެފަހުން ދިވެހި ރައްޔިތަކު ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ސިފައިންގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓިފައިހުރި. ޤާނޫނުއަސާސީއަށް ޢަމަލުކުރުން ހުއްޓާލެވިފައިވާކަން ޤައުމުގެ އެންމެ މަތީވެރިޔާ އޭރުވަނީ އިޢުލާނު ކުރައްވާފައި. ކެނޑިނޭޅި ކުރެވެމުންދިޔަ މުޒާހަރާތަކުގެ ނަތީޖާއަކަށްވީ، އެތައް ބަޔަކަށް ކަރުނަގޭހާއި، ޕެޕަރ ސްޕްރޭއިން އަނިޔާވުން. ފުލުހުންނާއި ސިފައިން ތިބީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގަމުންދިޔަ ތަޅާފޮޅުންތަކުގެ މެދުގައި ތާށިވެފައި. ފުލުހުންނާއި ކުރިމަތިލައި، ސިފައިންގެ ފަރާތުން ފުލުހުންގެ ގަޔަށް ކަރުނަގޭހާއި ރަބަރު ވަޒަން ޖަހަން ވެރިކަމުގެ ފަރާތުން އަމުރުކުރުމަކީ، ޤައުމުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވި ކަމެއް. އެއީ، ޤައުމަށް މި ފަހުގެ ތާރީޚުގައި ދިމާވި އެންމެ ނާޒުކު އެންމެ ޚުޠޫރަތްތެރި ދަނޑިވަޅު ކަމުގައި ދެންނެވިދާނެ. އެ ދުވަސްތަކުގެ ނުރައްކަލުން ލީ ލަކުނުތައް މިއަދުވެސް އަދި ހުރީ ރޮލާ.

ފަހަތަށް ޖެހިގެން ނުވަތަ ވާހަކަ ދައްކައިގެން ހައްލުކުރެވެން އޮތް މައްސަލައެއް ހައްލުނުވެ، ކަންކަން ގޯހުންގޯހަށް ގޮސް، އަތްނުފޯރާފަށަށް ދިޔުމުން، ޤައުމުގެ އެންމެ އިސްވެރިޔާ އިސްތިޢުފާ ދެއްވާފައި، ފުލުހުންނާއި ސިފައިންގެ ބޮލުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއްގެ އިލްޒާމު އެޅުއްވުމަކީ އިންޞާފެއް ނޫން. ހަމައެއްވެސް ނޫން. އަދި ކީއްތޯ؟ އެއީ އޭރުވެސް އަދި މިއަދުވެސް ދިވެހި ޤައުމުގެ ދިފާޢީ ބާރުތަކަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވީ ކަމެއް. ޓީ.ވީ.ގެ ޒަރީޢާއިންނާއި، ސޯޝަލް މީޑިޔާގެ ޒަރީޢާއިން، އަބަދާއަބަދު ދޮގުވާހަކަތައް ފަތުރައި، ޙަޤީޤަތް އޮޅުވާލުމުން، ޤައުމުގައިވަނީ ވަރަށް ފުން ޒަޚަމުތަކެއް އުފެދިފައި. އެތަކެއް ދިވެހި ރައްޔިތުންގެ އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވި، ޙައްޤުނޫން އަނިޔާތަކެއް ލިބިފައި. އެ މީހުންގެ ޢާއިލާތަކަށް މިއަދާ ހަމަޔަށްވެސް ނުރައްކާވެފައި. މި ހުރިހާ ކަމެއް މި ކުރިމަތިވީ، ހަމަ އެންމެ ފަރުދަކު، ކަމެއްކޮށްފައި، އެކަމުގެ ޒިންމާ ނުނަންގަވާންވެގެން، ތެދު ޙަޤީޤަތް ރައްޔިތުންނަށް ހާމަނުކުރުމުގެ ބޭނުމުގައި ކަމުގައިވާނަމަ، މީގައި އޮތް އިންޞާފަކީ ކޮބައިތޯ؟ ދުސްތޫރީ ވާޖިބު އަދާކުރުމަށްޓަކައި ޤައުމުގެ ހުންގާނުގައި ހިފި މީހާއާއި، އޭނާއާއެކު ޤައުމަށް ޚިދުމަތް ކުރުމަށް ނުކުތް ވަޒީރުންނާއި، އެހެނިހެން ޚިދުމަތްތެރިންނަކީ ބާޣީންނަށް ހެދުމުން، ދޮގު، ތެދަށްވާނޭ ހަމައެއްވެސް ގޮތެއް ނޯންނާނެ. ތެދު ޙަޤީޤަތް ބަދަލުކުރެވޭނޭ ގޮތެއްވެސް ނޯންނާނެ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމު ދާޚީލީ ހަމަނުޖެހުމެއްގެ ތުންފަތްމަތީގައި އޮއްވައި، ޤައުމުގެ ރައީސް އިސްތިޢުފާ ދެއްވައިފި ކަމާއި، އެ އިސްތިޢުފާ ޤަބޫލުކުރެއްވިކަމާއި، ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވާން ވެއްޖެކަމަށް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި، ވެރިކަމުގެ ޒިންމާތަކާއި އަޅުގަނޑު ޙަވާލުވީ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި. އޭރު ޤައުމު އޮތީ ރުޅިވެރިކަމާއި، ބައިބައިވުމުގެ ތެރޭގައި. އަނދިރިކަމާއި، މާދަމާ ޤައުމަށް ވެދާނޭގޮތެއްވެސް ނޭނގޭ ޙާލަތެއްގައި. އިޤްތިޞާދީ އަނދަވަޅެއްގެ ތުންފަތްމަތީގައި. ޤައުމުގެ ހަރުމުދާ ވިއްކާލެވި، ލިބެންހުރި ފައިސާކޮޅުވެސް އެހެން ބައެއްގެ މުށުގެ ތެރެއަށް ވަދެ ގެއްލިފައި. ސަލާމަތީ ބާރުތަކުގެ ސަފުތައް ރޫޅި ވިއްސިވިހާލިވެ، އަމުރު މަޢުރޫފު ގެއްލިފައި.

ލޮބުވެތި ދިވެހި ރައްޔިތުން؛

މި ޙާލަތުގައި ދިވެހި ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ނައިބު ރައީސްގެ ހައިސިއްޔަތުން، އަޅުގަނޑުގެ ދުސްތޫރީ ވާޖިބަކަށްވީ، މި ހަލަބޮލި ދަނޑިވަޅުގައި ޤައުމުގެ ހުންގާނުގައި ހިފުން. ގަދަ ވަޔާއި، ބާރު އޮއިގެ ކަނޑެއްގައި ދުއްވައި، ވިއްސާރައާއި ނާމާންކަމުގައި، ޤައުމުގެ ނައު އަމާން ބަނދަރަކަށް ހޭރިޔާކުރުން. ވީދި ކުދިކުދިވެފައިވާ އިޖުތިމާޢީ އޮނިގަނޑެއްގެ ބޭނުންހިފައިގެން، ފުނޑުފުނޑުވެފައިވާ ދުސްތޫރީ އޮނިގަނޑަކާއި، އަނދަވަޅެއްގައި އޮތް ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުން. ހުޅުޖަހާފައިވާ ދައުލަތުގެ އެންމެ މުޤައްދަސް މުއައްސަސާތަކުގައި ރޯވެފައިވާ އަލިފާން ނިވައި، ޤައުމީ ސަފުތައް ސީދާކުރުން. ޤާނޫނުގެ ވެރިކަން ނަގައި ކޮޅަށްޖަހައި، ދައުލަތުގެ އަމުރު މަޢުރޫފު ޤާއިމުކުރުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމު އޮތް ޙާލަތުން ޤައުމަށް ކޮށްދެވޭނޭ އެންމެ ބޮޑު ޚިދުމަތަކީ، އެންމެން ގޮވައިގެން ސަރުކާރެއް ޤާއިމުކުރުން ކަމުގައި އަޅުގަނޑު ޤަބޫލުކުރީމު. އެއީ، ހަމައެކަކުވެސް މަގުމަތިކުރެވިއްޖެނަމަ، ހަމަނުޖެހުންތައް އިތުރުވެ، ޤައުމު އިތުރަށް ބަލިކަށިވެދާނެތީ. ވުމާއެކު އެވަގުތު އަޅުގަނޑުގެ ނިންމުމަކަށްވީ، ވަކި ބައެއްގެ ވެރިއަކަށްނުވެ، އެންމެން ގޮވައިގެން ކުރިޔަށްދިޔުން. މިހެންކަމުން، މާޒީގެ ތަޢައްޞުބުތަކާއި، އަމިއްލަ ތަޖުރިބާތައް އެކަހެރި ކުރުމަށްފަހު، އަޅުގަނޑު ނިންމީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން. އަދި އެކަމަށް ހުރިހާ ފަރާތްތަކަށްވެސް ދަޢުވަތު ދިނުމަށް. އަޅުގަނޑުގެ ދަޢުވަތަށް އިޖާބަ ދެއްވި ހުރިހާ ފަރާތްތަކަކާއެކު ސަރުކާރެއް ޤާއިމުކޮށް، ކެތްތެރިކަމާއެކު، ޤައުމުގެ ދުވެލި ފަހިކުރުމުގެ ޢަޒުމުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު.

އެހެނަސް، މި ވޭތުވެދިޔަ 21 މަސްދުވަހަކީ އެއްވެސް ގޮތަކުން ފަސޭހަ ދުވަސްތަކެއްނޫން. 30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނައުމުގެ ރޫޙުގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކުރެވިފައިވާ ޤާނޫނީ އޮނގަނޑެއްގެ ތެރޭގައި މަސައްކަތްކޮށް، ސަރުކާރުގެ ތެރެއިން 3 ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބަކަށް މަގު ފަހިކުރެވުނީ ކެތްތެރިކަން އިސްކޮށް، ވަރަށްގިނަ ކަންކަމަށް ދޫދީގެން. މި ކަމުގެ ސަބަބުން ސަރުކާރު ބަލިކަށިކަމަށް ތިޔަބޭފުޅުންނަށް އިޙްސާސް ކުރެއްވުނު ކަމުގައިވީނަމަވެސް، ޙަޤީޤަތަކީ ކެތްތެރިކަމާއެކު ދޫ ދީގެން މަސައްކަތް ނުކުރެވުނުނަމަ، އަޅުގަނޑުމެންނަށް، މިއަދާ ހަމަޔަށް ކަންކަން ނުގެނެވުނީސްކަން. މީގެ މާކުރިން ހުޅުފަޅައިގެންގޮސް، ޤައުމު ހުއްޓުމަކަށް އަތުވެއްޖައީސްކަން. އެހެނަސް މިއަދު، އެއްވެސް ސްކޫލެއް ބަންދުނުކޮށް، ފައިސާގެ އަގު ދަށްނުކޮށް، އެއްވެސް އެހީއެއް ކަނޑާނުލައި، ބައިނަލްއަޤްވާމީ ގުޅުންތައް ކިތަންމެ އުނދަގުލުން ނަމަވެސް ދަމަހައްޓައިގެން، ހުރިހާ ސިޔާސީ ފަރާތްތަކެއް އެކުގައި އިންތިޚާބަކާ ހަމަޔަށް މިގެނެވުނީ، ދޫ ދިނުމާއި، ކެތްތެރިކަން އިސްކުރެވުމުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ބޮޑު އެއް މަސައްކަތެއް ކުރަން ޖެހުނީ، ޤައުމުގެ ޚާރިޖީ ގުޅުންތަކުގެ ދާއިރާ ހަރުދަނާ ކުރުމަށް. ޒަމާނުއްސުރެ، ދިވެހިރާއްޖެއިން ގެންގުޅެފައިވާ ވަކިފަރާތަކަށް ނުޖެހޭ، މިނިވަން އަދި އިސްލާމީ ޝަޚްޞިއްޔަތުގެ ޚާރިޖީ ސިޔާސަތުވަނީ ސަރުކާރުން އޭރު ބަދަލުކުރައްވާފައި. އަދި މިކަމުގެ ސަބަބުން، ދުނިޔޭގެ އޮއިވަރުގައި، ޤައުމުގެ އަމިއްލަ ބަސް ބުނުމުގެ ބާރުތައްވަނީ ވަރަށް ބޮޑުތަން ކުޑަކުރެވިފައި. ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނުކުރެވޭނޭ ކަންކަން، ޤާނޫނުއަސާސީ ބަދަލުކޮށްގެން ކުރުމަށް މަޖުބޫރު ކުރުވާފަދަ ޙާލަތެއްގައި. މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ސަރުކާރު އިސްތިޢުފާ ދިނުމަށާއި، ކޯޓުތަކުގެ އަމުރުތައް ބޮލާލައި ޖެހުމަށްފަހު، އެ އަމުރުތަކާ ދެކޮޅަށް ތެދުވުމަށް، ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް އަންގަމުންދިޔަ. އެހެން ނަމަވެސް، ބޭރުގެ ނުފޫޒުތަކުގެ ފިއްތުންތަކަށް ނުބަލައި، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުތަކާއި، ދުސްތޫރީ މުއައްސަސާތަކުގެ އަމުރުވެރިކަން މިއަދު ހިފެހެއްޓިފައިވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް މިހާރު މިހިނގާ ރިޔާސީ ދައުރު ހަމަވެފައިވާއިރު، އެ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު އަދި އެހާމެ ޙައްސާސް ނިންމުމެއް ނިންމާން އަޅުގަނޑަށް ޖެހުނު ދުވަހެއް. އަޅުގަނޑުގެ ކުރިމަތީގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަކާއި، ސުޕުރީމް ކޯޓުގެ ޙުކުމެއް. ޤައުމަށް ކުރިމަތިވެދާނޭ ދުސްތޫރީ ހުސްކަމަކުން ސަލާމަތްވުމަށް، ރައްޔިތުންގެ މަޖިލީހުން ޤާނޫނީ ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދުނު ނަމަވެސް، މަޖިލީހުގެ ނިންމެވުން، ޤާނޫނުއަސާސީގެ އިޞްލާޙަކަށްވެސް، އަދި ޤާނޫނަކަށްވެސް ނެހެއްދެވި. މިފަދަ ނިންމުމެއްގެ މައްޗަށް، ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމާއި، ދައުލަތުގެ ޚަޒާނާއާއި، އަދި ދައުލަތުގެ ޤާނޫނީ ޒިންމާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ޙަވާލުކުރުން ވާނީ ޤާނޫނީގޮތުން ދަތިކަމަކަށް.

މި ޙާލަތުގައި ދުސްތޫރީ މައްސަލަތަކުގައްޔާއި، ޤާނޫނުއަސާސީ މާނަކުރުމުގައި އެންމެފަހު ބަސް ބުނާ ފަރާތް ކަމުގައިވާ ސުޕްރީމް ކޯޓުންވަނީ ނިންމެވުމެއް ނިންމަވާފައި. މި ނިންމުމަކީ، ޤާނޫނީގޮތުން ސުޕުރީމް ކޯޓުން ނިންމޭނޭ ނިންމުމެއް ނޫން ކަމުގައި ދިވެހިރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުންނާއި، އަދި ބޭރުގެ ޤައުމުތަކުން މިހާރުވެސް ދަނީ ބުނަމުން. އެހެނަސް، ސުޕުރީމް ކޯޓުގެ ޙުކުމަކީ، އެ ޙުކުމް ބަދަލުކުރުމުގެ ބާރު އެހެން ފަރާތަކަށް ލިބިދޭ ޙުކުމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވިޔަސް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށްވިޔަސް އެ ބާރު ލިބިގެނެތް ނުވޭ. ވުމާއެކު، ކިތަންމެ ބޭނުންނުވިޔަސް، ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޤާނޫނުގެ ވެރިކަން ނަގައި ކޮޅަށްޖަހައި، ސިފައިންނާއި ފުލުހުންގެ ސަފުތައް ތަރުތީބުގައި ހުރިކަން ޔަޤީން ކުރުމަކީ އަޅުގަނޑުގެ ޒިންމާއަކަށްވާތީ، އެދުވަހު އަޅުގަނޑު މަޤާމުގައި ދެމިހުރީ. އެހެނަސް، ކޯޓުގެ ޙުކުމަކުން ވެރިކަން ހިފެހެއްޓުމަކީ، އަޅުގަނޑު ބޭނުންވާ ގޮތް ނޫން ކަމުގައި އަދިވެސް ދަންނަވަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިއަދު ޤައުމުގެ ޙާލަތު އޮތްގޮތުން، ދައުލަތުގެ މުއައްސަސާތަކަކީ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތަށް ހިނގާ މުއައްސަސާތައް ކަމުގައި ނުވެ ހިނގައިދާނެ. އެ މުއައްސަސާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކާ އަޅާބަލާއިރު، އެންމެ އެކަށޭނަގޮތަކަށް ހުރި މުއައްސަސާތަކެއް ކަމުގައިވެސް ނުވެ ހިނގައިދާނެ. މިކަމުގައި ސަބަބުތަކެއްވެސް އެބަހުރި. އެހެންނަމަވެސް، މި މުއައްސަސާތަކުގެ އަގު އިތުރަށް ވައްޓާލައި، އެ މުއައްސަސާތަކަށް ޙަމަލާ ދިނުމަކީ، އެ މުއައްސަސާތައް ހަރުދަނާ ކުރެވުމަށްވުރެ، ހަލާކުވެގެން ދިޔުން ކައިރިގޮތް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެ މުއައްސަސާތަކުގެ އަމުރުތައް މި ޤައުމުގައި ތަންފީޛުނުވެދިޔުމަކީ، އަނެއްކާވެސް މުޅި ޤައުމު ހަމަނުޖެހެމުގެ އަނދަވަޅަކަށް ވެއްޓޭނޭފަދަ ކަމަކަށް ވެދާނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި އެއީ ދައުލަތަށް ކުރެވޭނޭ ކަމެއް ނޫން. ވުމާއެކު، ސަރުކާރުގެ އެންމެ އިސް އަދި އެންމެ މަތިވެރި ވާޖިބަކަށްވާނީ، ދައުލަތް ނަގައި ކޮޅަށްޖެހުން. ޤައުމުގެ ހުރި ފެންވަރަކާއި ފަންވަރެއް ނަގަހައްޓައިގެން ކަންކަން ހަރުދަނާ ކުރުން.

ދައުލަތުގެ ވަކިވަކި މުއައްސަސާތަކުން ފެންނަ ބަލިކަށިކަމާއި، މައްސަލަތަކަކީ، އެ މުއައްސަސާތަކުގެ އެކަނި ބަލިކަށިކަމަކަށްވުރެ، މުޅި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ހުރި ބަލިކަށިކަމެއް. 2008 ގެ ޤާނޫނުއަސާސީގައި ހުރި މައްސަލަތަކާއި، އެ ކަންކަން ޙައްލުކުރުމަށް ހަދަންޖެހޭ ޤާނޫނުތައް ނުހެދި ހުރުމާއި، މި ޤާނޫނުއަސާސީގެ ތެރެއިން ގެނެވުނު، ޚަރަދު ބޮޑު ދައުލަތުގެ ސަބަބުން އަރައިނުގަނެވިފައިވާ ބަލިކަށިކަމެއް. ދައުލަތުގެ އޮނިގަނޑުގައި ހުރި ބަލިކަށިކަމާއި، ހުސްކަމުގެ ނާޖާއިޒު ފައިދާ ނަގައި، އަމިއްލަ ސިޔާސީ ބާރުތައް ގަދަކުރުމަށްޓަކައި ބޭނުންކުރުމުގެ ސަބަބުން އަރައިނުގަނެވުނު ބަލިކަށިކަމެއް. ބާރުތައް އެންމެ މީހެއްގެ އަތުގައި ޖަމާވެފައި އޮތުމުގެ ސަބަބުން ޑިމޮކްރަސީއާއި ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅޭތީ، ވަކިކުރި ބާރުތައް، އަޣްލަބިއްޔަތުން ބޭނުންވާހާ ގޮތަކަށް ބޭނުންކުރެވޭނަމަ، މިކަންކަން ދާނީ ގޯހުން ގޯހަށް. މިއީ، އެއްވެސް ހާލެއްގައި ޑިމޮކްރަސީގެ ހަމައެއް ނޫން. އަޣްލަބިއްޔަތުން ވެރިކަން ކުރުމުގެ ހަމައެއްވެސް ނޫން. އަޣްލަބިއްޔަތުގެ ވެރިކަމަކީ ނުވަތަ ޑިމޮކްރަސީއަކީ މަދުމީހުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ޤާނޫނާއި ގަވާއިދުގެ އޮނިގަނޑުގެ ތެރެއިން ކުރެވޭ ވެރިކަމެއް.

ލޮބުވެތި ދިވެހ ރައްޔިތުން؛

މިދިޔަ 21 މަސްދުވަސް ގިނަ ބޭފުޅުން ސިފަކުރައްވާނީ، ހަމަނުޖެހުން ބޮޑު، ދައުލަތުގެ ބާރުތަކުގެ ތަޅާފޮޅުމެއްގެ ތެރޭގައި އޮތް ދުވަސްތަކެއްގެ ގޮތުގައި. ޤައުމަށް ކުރިމަތިވި، ބައިބައިވުމާއި ނުތަނަވަސްކަމުގެ ޙާލަތު މުޅިން ބަދަލުވެފައިވާ ކަމަށް އަދިވެސް ދެންނެވޭކަށް ނެތް. އެހެނަސް، އެދުވަސްތަކުގެ ތެރޭގައި ޤައުމަށާއި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ސަރުކާރުން ކޮށްދެވުނުކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މުވައްޒަފުންގެ މުސާރަތައް ކުޑަނުކޮށް، އެއްވެސް އެހީއެއް ހުއްޓާނުލައި، ރުފިޔާގެ އަގު ދަށްނުކޮށް، ޤައުމުގައި ހުރި މަދު ލާރިކޮޅުން ފަރުޖެއްސުނު. ސިވިލް ސަރވަންޓުންގެ މުސާރައިން އުނިކުރެވުނު ފައިސާ އަނބުރާ ރައްދުކޮށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދެވުނު. ބަނގުރޫޓުވުމުގެ ބިރު ހީވެފައިވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ނަގައި ކޮޅަށް ޖަހައި، 10 މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި. އަންހެނުންނާއި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމުގެ އޮނިގަނޑުތައް ވަރުގަދަކޮށް، ކުރިޔަށް ފިޔަވަޅުތަކެއް އެޅުނު. 42000 ޓަނުގެ މަހާއި މަހުގެ ބާވަތްތައް މިދިޔަ އަހަރުގެ ތެރޭގައި ބޭރުކުރެވިފައިވޭ. ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން 2 ބިލިއަން ރުފިޔާ ދައްކައި ޚަލާޞް ކުރެވިފައިވޭ. 6 ރިޒޯޓު އަލަށް ހުޅުވައި، 871 އެނދު އިތުރުކުރެވުނު. ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޖުމްލަ 2034 ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހޯދައިދެވިފައިވޭ.

ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި، ހުޅަނގުގެ ޤައުމުތަކުން ފިއްތުންތައް ކުރިމަތިކުރުވި ކަމުގައިވީނަމަވެސް، ޚާރިޖީ ސިޔާސަތު ހަރުދަނާ ކުރެވުމުގެ ސަބަބުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސްކަމުގެ ގޮނޑި ކާމިޔާބުކޮށް، ދެވަނަ ދައުރަކަށް އެ ކައުންސިލްގެ މެންބަރު ކަމަށް ރާއްޖެ އިންތިޚާބުވި. ދުނިޔޭގެ ތިމާވެށްޓާބެހޭ ފަންޑު، ޖީ.އީ.އެފް.ގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވި، އިޢާދަކުރަނިވި ހަކަތައާބެހޭ ޖަމްޢިއްޔާ "އައިރީނާ"ގެ އެގްޒެކެޓިވް ކޮމިޓިގެ މެންބަރުކަން ކާމިޔާބު ކުރެވުނު. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ WHO ގެ އެގްޒެކެޓިވް ބޯޑުގެ ގޮނޑިވެސް ކާމިޔާބު ކުރެވުނު. މިކަންކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ޙާލު، މިކަންކަން ހިންމަވައިދެއްވި ކަމަށްޓަކައި، މާތްﷲގެ ޙަޟްރަތުގައި ޝުކުރު ދަންނަވަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިއަދު ޤައުމު މިއޮތީ ރިޔާސީ އިންތިޚާބެއްގެ ހަމަނުޖެހުމުގެ ތެރޭގައި ކަމުގައިވިޔަސް، މިއަދުގެ މަންޒަރުތަކުގައިވެސް އުންމީދުތަކެއް އެކުލެވެންޖެހޭ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ، ހަމަޖެހުމުގެ 5 އަހަރަށް ޖާގަދިނުން ކަމުގައި ވާނޭކަމުގެ އުންމީދު ރައްޔިތުންނަށް ލިބެންޖެހޭ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، ރައްޔިތުން ގޮވައިގެން ކުރިޔަށް ދެވޭނޭ ސަރުކާރެއް، ރާއްޖޭގައި ޤާއިމުކުރެވޭނޭ ކަމުގެ އުންމީދު ރައްޔިތުންނަށް އެބަ ލިބެންޖެހޭ.

މިހާރުގެ ހިސާބުތަކުން އަންދާޒާއެއް ކުރެވޭނަމަ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް އެއްވަރުވާނޭކަން. އެހެން ނަމަވެސް މިއީ، އެއްވެސް ޙާލެއްގައި ޤައުމު ހަމަޔަށް ދެފަޅިކޮށްލުމަށް ލިބޭ ފުރުޞަތަކަށްވެގެން ނުވާނެ. އަދި ހަމައެއާއެކު، ދައުލަތުގެ ހިޔާވަހިކަމުގެ ދަށުން ދެބައިކުޅައެއްބައި ރައްޔިތުން ބާކީކުރެވޭނޭ ޙާލަތަކަށްވެސް ވެގެންނުވާނެ. މިއާ ޚިލާފަށް ކުރިޔަށް އޮތް ރިޔާސީ ދައުރަކީ، ދުސްތޫރީ އޮނިގަނޑު އިޞްލާޙުކޮށް، މުސްތަޤްބަލަށްޓަކައި ހަލުވި ފިޔަވަޅުތަކެއް އަޅާ ދުވަސްތަކަކަށްވާންޖެހޭ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އަބަދު އިންތިޚާބެއްގެ ނުވަތަ ސިޔާސީ ގަދަ އޮއިވަރެއްގެ ތެރޭގައި ދިރިއުޅޭ ބަޔަކަށްވުމަށްވުރެ، ޤައުމީ ތަރައްޤީއާއި، ޢާއިލީ ދިރިއުޅުމާއި އިޖުތިމާޢީ އޮނިގަނޑުތަކުގެ ތެރޭގައި އުޅޭ ބަޔަކަށްވުމަށް ފުރުޞަތު އެބަ ދެވެންޖެހޭ. މާޒީގެ ދެކޮޅުވެރިކަމާއި، ޙަސަދަ ދޫކޮށްލައި، ޤައުމަށްޓަކައި އެކުގައި މަސައްކަތްކޮށް، ދަރިންނަށް ފަހި މުސްތަޤްބަލެއް ފޯރުވައިދޭން އެބަޖެހޭ. ޤައުމުގެ އެއްބައިމީހުން މަގުމަތިކޮށްގެން، ކުރިޔަށްދެވޭ ވަރަށްވުރެ، މި ޤައުމު މާކުޑަ. މީސްކޮޅު މާމަދު. އަދި ގުޅުންތައް މާގިނަ.

ހަމައެއާއެކު، އަޅުގަނޑުމެންގެ މިއަދުގެ ޢަމަލުތަކަކީ، މާދަމާ އަޅުގަނޑުމެންގެ ދަރިން ޢަމަލުކުރާނޭ ގޮތުގެ ނަމޫނާ ކަމުގައި ދެނެތިބެ، ރިވެތި އަޚްލާޤުން މިސާލު ދައްކަންޖެހޭ. ހިތްހަމަނުޖެހުންތަކާއި، ދެބަސްވުންތަކަކީ ޖަދަލުކުރުމާއި، ގަދަ ބާރުން ޙައްލުކުރެވޭނޭ ކަންކަން ނޫންކަމާއި، ދޫކުރުމާއި މެދުމިންގަނޑަކީ ބަލިވުން ނޫން ކަމުގައި ދަރިންނަށް ބުނެދެވެންޖެހޭ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ، ދީނީ ހަރުކަށި ޚިޔާލުތަކަށްވުރެ، އިސްލާމްދީނުގެ ރިވެތި މެދުމިނުގެ ސިޔާސާތުތަކުގެ ތެރޭގައި ޑިމޮކްރަސީގެ އުޞޫލުތަކުގެ ތެރެއިން ކަމުގައިވެސް ޔަޤީންކުރެވެންޖެހޭ. ތަރައްޤީއާއި ތަމައްދުނުގެ އުޞޫލުތަކަށް ފުރުޞަތު ދެވެންޖެހޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ވަޠަނުގެ ތަނބުތައް މުގުރާލެވިގެން ނުވާނެ. ދީނީ ވަޙުދަތު ނަގާލެވިގެން ނުވާނެ. ދިވެހިންގެ ދީނީ ވަޙުދަތުގެ ވާހަކައަކީ ހަމައެކަނި ބޯދާ ވާހަކައަކަށްވުރެ ބޮޑަށް، ޤައުމު މިހާ ހިސާބަށް އެކަތިގަނޑަކަށް އޮވެ އައުމުގެ ސިއްރު ކަމުގައި ޤަބޫލުކުރަންޖެހޭ.

އެއްވެސް ޙާލަތެއްގައި، ޤައުމުގެ އިޤްތިޞާދަށް ގެއްލުންދިނުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ދެވިގެންނުވާނެ. ޤައުމުގެ އިޤްތިޞާދަށް ދެވޭ ގެއްލުމަކީ، ހަމަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ދެވޭ ގެއްލުމެއް. ދިވެހި ދައުލަތުގެ ބާރުވެރިކަމުގެ ބައިތަކުގެ މައްޗަށް ބޭރުގެ މީހުންނަށް ދަޢުވަތު ދެވިގެންނުވާނެ. އެއީ، ސިޔާސީ ގޮތުން މޮޅު ވާހަކައަކަށްވެސް ވެގެންނުވާނެ.

ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުމަކީ، ހުރިހާ ޙާލެއްގައިވެސް ދައުލަތުގެ އެންމެ އިސް ވާޖިބުކަމުގައި ވާންވާނެ. ޤާނޫނު ތަންފީޛު ކުރުމަކީ އޭގައި އެހެން ގޮތެއް އޮތް ކަމެއް ކަމުގައި ވެގެން ނުވާނެ. ޤައުމުގެ މިނިވަންކަން އެއީ، އަގު ކިޔޭނޭ އެއްޗަކަށް ވެގެންނުވާނެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާތްވެގެންވާ އިސްލާމްދީނުގެ ސާފު ތެދުމަގުން އަޅުގަނޑުމެންގެ ފައިތިލަތައް ކައްސާލައިގެން ނުވާނެ.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިޤައުމަށް ޚިދުމަތް ކުރުމަށް ފުރުޞަތު ލިބުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. މި ވޭތުވެދިޔަ 21 މަސް ދުވަހަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު އެންމެ އަގުހުރި ތަޖުރިބާ. ހާސްކަމާއި ބުރަކަމުގެ ދުވަސްތަކެއް ކަމުގައިވީނަމަވެސް، އުފަލުން ޚިދުމަތްކުރި ދުވަސްތަކެއް. އެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން. މިއަދު ޤައުމުގެ އެންމެ އިސްވެރިޔާގެ މަޤާމުން އަޅުގަނޑު ވަކިވާއިރު، އަޅުގަނޑާއެކު މި ދުވަސްތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޤައުމުގެ ޙައްޤުގައި ތިޔަ ކޮށްދެއްވި މަސައްކަތްތަކުގެ ހެޔޮ ޖަޒާ، ތިޔަ ބޭފުޅުންނަށް މާތްﷲގެ ޙަޟްރަތުން ދެއްވުމަށް އެދި ދުޢާ ދަންނަވަން.

ވަރަށް ޚާއްޞަ ގޮތެއްގައި، ނައިބު ރައީސް އަންނަބީލް މުޙަންމަދު ވަޙީދުއްދީނަށާއި، ވަޒީރުންގެ މަޖިލީހުގައި ޚިދުމަތްކޮށްދެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަކީ، ޤައުމަށް އެންމެ ބޭނުންވި ދުވަހު، އަމިއްލަ ފުރާނައާއި، ޢާއިލާގެ ރައްކާތެރިކަމެއްނެތި މަސައްކަތްކޮށްދެއްވި ބޭފުޅުން. ތިޔަބޭފުޅުންގެ މުސާރަތައް ކުޑަކޮށް، ބާޣީންގެ ގޮތުގައި މުޅި ދުނިޔޭގައި ބޭޒާރުކޮށް، ވަޒީފާ އަދާކުރީތީ، ވަކިކުރި ނަމަވެސް، ތިޔަބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީ މި ޤައުމުގެ ތާރީޚުގައި ލިޔެވިގެންދާނެ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ކެބިނެޓްގައި ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ނަންފުޅު އަޅުގަނޑު ފާހަގަކުރަން. އޭނާއަކީ، ބުރަ އަދި ހާސްކަން ބޮޑު ދުވަސްތަކެއްގައި އަމިއްލަ ނަފްސަށާއި ޞިއްޙަތަށް ފަރުވާލެއްނުބަހައްޓަވާ މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއް. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޤުރުބާންވެވަޑައިގެންނެވި ބޭފުޅެއް. އޭނާގެ ނެތިދިޔުންވީ ޤައުމަށް ލިބުނު ވަރަށްބޮޑު ހުސްކަމަކަށް. އެ މަރުޙޫމުގެ ފުރާނަފުޅަށް މާތްﷲ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި!

ހަމަ މިނޭވާގައި، އަޅުގަނޑާއެކު މަސައްކަތްކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވަން. ޚާއްޞަގޮތެއްގައި ޑޮކްޓަރ އަފްރާޝީމް ޢަލީގެ ނަންފުޅު އަޅުގަނޑު ފާހަގަކުރަން. އެމަނިކުފާނަކީ ޤައުމަށް ތެދުވެރި އަމާނާތްތެރި ޚިދުމަތްތެރިއެއް. އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި!

އަޅުގަނޑުގެ ވެރިކަމުގެ މުއްދަތުގައި ތިއްބެވި ފަނޑިޔާރުންނަށާއި، މުއައްސަސާތަކުގެ ވެރިންނަށް ޙައްޤު ޝުކުރު ދަންނަވަން. އަދި ޤައުމުގެ ދުސްތޫރީ އޮނިގަނޑު ހަރުދަނާ ކުރައްވައި، ޤާނޫނީ އޮނިގަނޑު ތަންފީޛުކޮށްދެއްވުމުގައި ކުރިޔަށް ވަޑައިގަތުމަށް އިލްތިމާސް ކުރަން. ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ރައްޔިތުންގެ ޚިދުމަތް ކުރިޔަށް ގެންދެވުމަށް ކައުންސިލްތަކުގެ މެންބަރުންނަށްވެސް ދަންނަވަން.

ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތުގައި ދެމިތިބި ސިފައިންނާއި ފުލުހުންގެ ކޮންމެ ބޭފުޅަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ކޮންމެ ދުވަހެއްގެ އިރު، މި ޤައުމާ އަމާންކަމާއެކު ބައްދަލުކުރަނީ ތިޔަބޭފުޅުންގެ ޚިދުމަތާއި ޤުރުބާނީން ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. ޤައުމާއި ރައްޔިތުންގެ ސަލާމަތުގައި އެންމެ ކުރީ ސަފުގަޔާއި އަދި އެންމެ ފަހަތު ސަފުގައިވެސް ތިއްބަވާނީ ތިޔަބޭފުޅުން.

ޤައުމުގެ މިއަދުގެ ޙާލަތުގައި ތިޔަބޭފުޅުންގެ ޚިދުމަތުގެ މާޙައުލަކީ ދަތި މާޙައުލެއް. އެހެނަސް ޤައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ރައްކާތެރިކަން އަބަދުވެސް އިސްކުރައްވައި، ޤާނޫނާއި ގަވާއިދުގެ މަގުގައި ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަން. ޖުމްހޫރީ މައިދާނުގެ ކޯއްޓޭގައި ދިވެހި ދިދަ، މިނިވަންކަމާއެކު ވިހުރުވެވޭނޭކަން ޔަޤީންކޮށްދެއްވުމަށް ދަންނަވަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ތިޔަ ލޮބުވެތި ރައްޔިތުންނަކީ އަޅުގަނޑުގެ ހިތާ އެންމެ ގާތް އެންމެ ލޯބިވާ ބޭފުޅުން. މި ފަސްގަނޑަކީ އަޅުގަނޑުގެ އުފަން، އެ ފަސްގަނޑަކަށްޓަކައި ފަޚުރުވެރިވާ ފަސްގަނޑު. ޤައުމަށް އެންމެ މުހިންމު ވަގުތުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި މާތްﷲ އަށް ޝުކުރު ދަންނަވަން. މި ފަސްގަނޑުގެ މިނިވަންކަމަށް ރައްކާތެރިވުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން. އެ މިނިވަންކަމަށް ބުރޫއަރާނޭފަދަ ކަމަކަށް ފުރުޞަތު ނުދެއްވުމަށް ތިޔަ އެންމެހައި ބޭފުޅުންނަށް އިލްތިމާސްކޮށް ދަންނަވަން.

މާތްﷲ މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް ރައްކާތެރިކުރައްވާށި! ތިޔަ އެންމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

Advertisement

ކޮމެންޓް