ބިދޭސީ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޓްވީޓްތަކުން ދިވެހި ޓޫރިޒަމްގެ ހޭޝްޓެގްތައް ފުރިއްޖެ

29 Jun 2020 | 12:16

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ލިބުނު ބިދޭސީ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޓްވީޓްތަކުން ދިވެހި ޓޫރިޒަމްގެ ހޭޝްޓެގްތައް ފުރިއްޖެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަފާރީގައި އަންހެންމީހާއަށް ޖިންސީ ގޯނާ ލިބުނު މައްސަލަ ފެންމަތިވުމާއި އެކުގައިވެސް، ގިނަ ބަޔަކު މީސް މީޑިޔާގައިވަނީ މިކަމުގެ ސަބަބުން ދިވެހިރާއްޖެއާއި މެދު ބޭރުގެ ފަރާތްތަކުން ދެކޭ ތަޞައްވުރު ހަޑިވެގެންދާނެކަމަށް ބުނެފައެވެ. އަދި އަންހެނުންނަށް ރައްކާތެރިކަމެއް ނެތް ގައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށްވެސް ބުނެ ބައެއް ފަރާތްތަކުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

ނަމަވެސް މި އަޑުތައް އިތުރަށް ގަދަވެފައިވަނީ ޖިންސީ ގޯނާ ލިބުނުކަމަށް ބުނާ ބިދޭސީ އަންހެންމީހާގެ ބަސް ހިމަނައިގެން ދިވެހިރާއްޖޭގެ އޮންލައިން މީޑިޔާއަކުން ގެނެސްދިން ރިޕޯޓަކާއި ގުޅިގެންނެވެ. އެ ރިޕޯޓްގައިވާ ގޮތުގައި ރޭޕްކުރި ފަރާތްތަކުން ވަނީ އެ އަންހެންމީހާގެ ނަސްލުގެ ގޮތުން ދިވެހިން އޭނާ ދައްކާ ވާހަކަތައް ގަބޫލުނުކުރާނެކަމަށް ބުނެ، އެފަރާތްތަކަކީ މުޖުތަމައުގައި ބާރުއޮތް ބައެއްކަމަށް ބުނެފައެވެ.

މިއާއި އެކު މީސް މީޑިޔާގެ ޕްލެޓްފޯމެއްކަމަށްވާ ޓްވިޓަރގައި ދިވެހި ފަތުރުވެރިން އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަފާތު ހޭޝްޓެގްތައް ބޭނުންކޮށްގެން ގިނަބަޔަކު ވަނީ މި ޖިންސީ ގޯނާގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންނަން މަސައްކަތް ފަށާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ރޭޕިސްޓުން މުޖުތަމައުއަށް ދޫކޮށްލެވޭ ކަމަށާއި، މިއީ އަންހެނުންނަށް ރައްކާތެެރި އަދި އިންސާފު ނުލިބޭ ގައުމެއްކަމަށް ޓްވީޓްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިޖްތިމާއީ މައްސަލަތަކުގައި އިންސާފު ހޯދައިދޭން ގޮވާލާ، މުހިންމު ހޭޝްޓެގްތައް ހައިޖެކް ކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ބިދޭސީ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޓްވީޓްތަކުން ދިވެހި ޓޫރިޒަމްގެ ހޭޝްޓެގްތައް ފުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށް ބުނަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީ ގޮތުން ގިނަ ދަތިތަކާއި ދިވެހިރާއްޖެ ކުރިމަތިލަމުންދާއިރު، ދިވެހިރާއްޖެއަކީ ފަތުރުވެރިން އަންނަން ހެޔޮނުވާވަރުގެ ތަނެއްކަމަށް ދެއްކުމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ އާއިލާތަކަކަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

Advertisement

ކޮމެންޓް