ފުރަބަންދަށް ފަސޭހަ ލިބުނަސް، ތެލެސީމިޔާ ފަރާތްތަކުގެ ތަކުލީފަށް ފަސޭހައެއް ނެތް!

01 Jul 2020 | 15:40

މިއަދުން ފެށިގެން ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގެ ކަންތައްތައް މިވަނީ ފެށިފައެވެ. އެގޮތުން ގިނަ ބަޔަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އެކަމުގެ ހެޔޮ ބޭނުން ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. ނަމަވެސް ތެލެސީމިޔާ ބަލީގައި ލޭއަޅާ ފަރާތްތަކަށް އަދިވެސް އެއްވެސް ލުޔެއް ވެފައި ނުވާކަމުގެ ޝަކުވާތައް އެފަރާތްތަކުން ވަނީ މީސް މީޑިޔާއަށް ބަންޑުން ކޮށްލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުން ފެށިގެން މޯލްޑިވްސް ބްލަޑް ސާރވިސަސްގެ ޚިދުމަތްތައް ކޮންމެ ހަފްތާއެއްގެ ހުކުރު ފިޔަވައި، ހުރިހާ ދުވަހެއްގައި ލިބިގެންދާނެއެވެ.

އެގޮތުން އެޗްބީ ބެލުން، ކްރޮސްމެޗް ހެދުން، ޑޯނަރުންގެ ގައިން ލޭ ނެގުން، އެޕެރެސިސް ބްލަޑް ޑޮނޭޝަން، ލޭ ގުޅައިދިނުން، ބޭސް ދޫކުރުން އަދި ޑޮކްޓަރ ބެއްލެވުން ފަދަ ކަންތައްތައް ކުރިއަށްގެންދާނެއެވެ. ނަމަވެސް، މީގެ ތެރެއިން އެޗްބީ ބެލުމާއި ބޭސްދޫކުރުން ފިޔަވައި އެހެން ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓްގެ އުސޫލުންނެވެ. މިހުރިހާ ކަމަކަށް ގުޅުމަށް އެ ސެންޓަރުން ވަނީ އެންމެ ނަންބަރެއް ހައްސަކޮށްފައެވެ.

ވޮއިސްއާއި ވާހަކަދެއްކި ލޭ އަޅާ މީހުން ބުނިގޮތުގައި މިހާރުވެސް ތެލެސީމިޔާ ސެންޓަރުގެ ޚިދުމަތްތައް ލިބެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ނަމަވެސް އެ ސެންޓަރުން ގުޅައިގެން އެޕޮއިންޓްމެންޓެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް ކަމަށް އެފަރާތްތަކުން ބުންޏެވެ. އެގޮތުން ވަރަށް ގިނަފަހަރު ގުޅައިގެން މެނުވީ ފޯނެއްވެސް ނުނަގާކަމަށް އެފަރާތްތަކުން ބުންޏެވެ.

ލޭއަޅާމީހުން ހޯދައި، ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ މޯލްޑިވްސް ބްލަޑް ޑޯނާސްގެ ފަރާތުން ވޮއިސް އަށް މައުލޫމާުތު ދެއްވި އެ ޖަމިއްޔާގެ އޮފިޝަލް ޝާކިރު ވިދާޅުވިގޮތުގައި ލޭ ހަދިޔާ ކުރަން ބޭނުންވާ ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބެންމުން އަންނަކަމަށެވެ.

"ލޭ ދޭން ބޭނުންވާ ފަރާތްތަކުން ލޭ ދޭން ގުޅަނީ ތެލެސީމިއާ ސެންޓަރަށް. އެ ފޯނުން ޖަވާބު ނުދޭތީ ލޭ ނުދެވިގެން ވަރަށް ޝަކުވާ އާދޭ. 20 ފަހަރުވެސް ގުޅައިގެން ޖަވާބު ނުދީ އެބަހުރި. މިކަމުގައި ތެލެސީމިއާ ސެންޓަރާއި މި ލޮކްޑައުންގެ ކުރިންވެސް ވަނީ މި ކަންބޮޑުވުންތަކާއި މައްސަލަތައް ހިއްސާކޮށްފައި. ފޯނު ނަގާ ނަންބަރެއް ހަމަޖެއްސުމަށް ވަނީ ވާހަކަދެކެވިފައި. ނަމަވެސް އަދިވެސް ހައްލެ ނުލިބޭ." ޝާކިރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލޮކްޑައުންގެ ތެރެއިން މިހާތަނަށް އެމްބީއެސްގެ ޚިދުމަތް ދެމުންދަނީ އާދިއްތައިން ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.

މީގެ ކުރިން ޚިދުމަތްތައް ދެމުން ގެންދިޔައީ ކޮންމެ ހަފްތާއެއްގެ ހުކުރު ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އަށެވެ.

މި ވަގުތު މަދުކަމުގެ ސަބަބުން އެއްފަހަރާ ގިނަބަޔަކު ލޭ އަޅަން ބޭނުންވެއްޖެ ނަމަ އެކަން ނުވެދޭކަމަށް ލޭ އަޅާ ފަރާތްތަކުން ވޮއިސްއަށް މައުލޫމާތު ދިނެވެ.

އެގޮތުން އެތަނުގައި ހުންނަނީ 15-20 އެނދުކަމުން، ކޮންމެ ކުއްޖަކަށް ދެ ޔުނިޓުގެ ލޭ އަޅަން ހަ ގަޑިއިރު ހޭދަވާނެކަމަށް އެކުދިން ކިޔައިދިނެވެ. މީގެ އިތުރުން އެކުދިން ބުނީ މިހާރު ކަންތައްތައް އޮންނަގޮތުން ލޭދަށްވުމާއި ލޭ އެޅުމާއި ދެމެދު ހަފްތާއެއްހާ ދުވަސް ނަގާކަމަށާއި، ސަބަބަކީ އެޕޮއިންމެންޓްތައް ފުރިފައި އޮތުން ކަމަށެވެ.

އެކުދިން އިތުރަށް ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފުރަތަމަ ދުވަސްކޮޅު ބްލަޑް ކޭމްޕް ޖައްސައިގެން ލޭ ހޯދުނު ކަމަށެވެ. އެކަމަކު އެމްބީއެސްގެ ބްލަޑް ބޭންކަކީ ހަމައެކަނި ތެލެސީމިޔާ ކުދިން އެކަނި ބޭނުންކުރާ އެއްޗެއް ނޫންކަން އެކުދިން ފާހަގަކުރިއެވެ. އަދި މި މައްސަލައިގައި ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ބްލަޑް ސާރވިސަސް ފެއިލްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ

Advertisement

ކޮމެންޓް

Advertisement