ފީފާ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ލޫކާ މޮޑްރިޗް

25 Sep 2018 | 04:30

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މުހައްމަދު ސަލާހް ފަހަތަށް ޖައްސާލުމައްފަހު ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑް އަދި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ލޫކާ މޮޑްރިޗް ހޯދައިފިއެވެ. 33 އަހަރުގެ މޮޑްރިޗް މި މަގާމް ހޯދާފައިވަނީ ގައުމީ ޓީމްތަކުގެ ކޯޗުންނާއި، ކެޕްޓަނުން އަދި މީޑިއާ ރިޕްރެޒެންޓެޓިވްސްގެ މެދުގައި ނެގުނު ވޯޓުން ރޮނާލްޑޯ އާއި މެސީއަށް ފަހު ފުޓްބޯޅައިގެ މައިދާނުގައި އެންމެ ވިދާލާނެކަމަށް ގިނަބަޔަކު ގަބޫލުކުރި ނޭމަރ ޖޫނިއަރ އާއި ކިލިއަން އެމްބައްޕޭގެ މައްޗައްވެސް ކުރިހޯދުމައްފަހުއެވެ. މިއީ 10 އަހަރަށްފަހު ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކު މި މަގާމް ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑް ޗެންޕިއަންސް ލީގު ނެގުމުގަޔާއި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންދިއުމަގައި މޮޑްރިޗް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލަންޑަނުގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ތަރިންނާއެކު ބޭއްވި ފީފާ ބެސްޓް އެވޯޑްސް ހަފްލާގައި ފީފާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ ބްރެޒިލްގެ މަރތާ ސިލްވަރއަށެވެ. މީގެ އިތުރުން އެންމެ ރީތި ގޯލްޖެހައިގެން ލިބޭ ފީފާ ޕުސްކަސް އެވޯޑް ލިބިފައިވަނީ ލިވަރޕޫލްގެ ތަރި ސަލާހަށެވެ. ފީފާ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ރެއާލް މެޑްރިޑްގެ ޓިބާއު ކޯޓުއާއަށް ލިބުނުއިރު ފީފާ އެންމެ މޮޅު ފިރިހެން ކޯޗަކަން ލިބިފައިވަނީ ފްރާންސްގެ ގައުމީ ޓީމްގެ ޑިޑިއަރ ޑެޝޯމްޕްއަށެވެ. އަދި އެންމެ މޮޅު އަންހެން ކޯޗުކަން ލިބިފައިވަނީ ފްރާންސްގެ އޮލިމްޕީކް ލިޔޯންގެ އަންހެން ޓީމްގެ ކޯޗް ރެނަލްޑް ޕެޑްރޮސްއަށެވެ.

ފީފާ އެންމެ މޮޅު ޓީމް 2018

ގޯލްކީޕަރަ: ޑޭވިޑް ޑި ގިއާ (މެންޗެސްޓަރ ޔުނިޓެޑް)

ޑިފެންޑަރ: ޑެނީ އަލްވެސް (ޕެރިސް ސެއިންޓް-ޖާމައިން)

ޑިފެންޑަރ: ރަފައެލް ވަރާން (ރެއާލް މެޑްރިޑް)

ޑިފެންޑަރ: ސަރޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)

ޑިފެންޑަރ: މަރސެލޯ ވިއޭރާ ޑަ ސިލްވާ ޖޫނިއަރ (ރެއާލް މެޑްރިޑް)

މިޑްފީލްޑަރ: ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)

މިޑްފީލްޑަރ: އެންގޯލޯ ކަންޓޭ (ޗެލްސީ)

މިޑްފީލްޑަރ: އިޑެން ހަޒާޑް (ޗެލްސީ)

ފޯރވާޑް: ލިއޮނަލް މެސީ (ބާސެލޯނާ)

ފޯރވާޑް: ކިލިއަން އެމްބައްޕޭ (ޕެރިސް ސެއިންޓް-ޖާމައިން)

ފޯރވާޑް: ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް)

Advertisement

ކޮމެންޓް

Advertisement