ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް ނަޝީދު ތަގުރީރުކުރައްވަނީ

20 Jul 2020 | 21:40

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ގަރާރުގެ މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއާއި އިޒްރާއީލާއި ދެމެދު އޮންނަ ސިޔާސީ ގުޅުންތައް ކަނޑާލާފައި ނުވާ ކަމަށާއި، ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި އެ ގުޅުންތައް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުން ސިޓީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ކޮށްދެވޭނެ ކަންކަމުގެ ކިތަންމެ ރާސްތާއެއް އެބައޮތް ކަމަށެވެ. އެގޮތުން އެފަރާތްތަކަކީ ގެދޮރު ނެތިފައިވާ ރެފިއުޖީންނަށް ވީނަމަވެސް، އެއީ ހުނަރުވެރިންތަކެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ދައުވަތު އެ މަޖިލީހުގެ ރައީސް، އެ މަނިކުފާނަށް ދެއްވިކަމަށެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވާ، ދަތުރު ކުރެއްވޭނެހާ އެންމެ އަވަހަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް