ގުބާރު 11

22 Jul 2020 | 12:18

ސާރާ ވަގުތުން އަތް ފޮޅާލިއެވެ. އޭރު މަލާޒު ހުރީ ކަޅި ޖަހާ ނުލާ ސާރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ސާރާ ވަގުތުން އިސްދަށަށް ޖެހިއެވެ. އަދި އަނެއްކާވެސް ލިފްޓަށް އެރުމަށް ހިނގައިގަތެވެ. "މަޑުކޮށްބަލަ!." ކުށްލިއަކަށް މަލާޒު ސުވާލުކުރިއެވެ. ސާރާ ހުރި ތަނަށް ހުއްޓުން އެރިއެވެ. އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. "ތީ އަހަރެން ދަންނަ މީހެއްތަ؟. ކީއްވެ އަހަރެންނަށް ތި ފޮލޯ ކުރަނީ؟. ބުނީމަ ނޫނީ ނުދެވޭނެ." ސާރާ ސިކުނޑިއަށް ބާރުލާ ދޭނެ ޖަވާބަކާއި މެދު ވިސްނަން ފެށިއެވެ. އެހެން ހުރެފައި އޭނާ މަލާޒާއި ދިމާލަށް އެނބުރުނެވެ. އަދި ވާހަކަ ނުދެއްކޭ މީހެއް ފަދައިން އަތްފައި ހޫރަން ފެށިއެވެ. އެހިސާބުން މަލާޒު ހުރީ ވާނުވާ ނޭންގިފައެވެ.

އެންމެފަހުން މަލާޒު އޭނާގެ އަތުން އަވަހަށް ދިއުމަށް އިޝާރާތް ކުރިއެވެ. އެވަގުތަކީ އެ އެޕާޓްމަންޓުގެ ދޮރުވެސް ހުޅުވި ވަގުތެވެ. އެއްލި ކަޅިއަކުން ސާރާއަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް މަލާޒުއާއި އެކު ފެނިފައިނުވާ މީހެކެވެ. އެމީހާވެސް ހުރީ މަލާޒު ފަދައިން ބޮލުގައި ފަގުޑި އަޅައި ޖުއްބާ ލައިގެންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ސާރާ ލިފްޓަށް އެރިއެވެ. އަދި އަވަސް އަވަހަށް ގްރައުންޑް ފްލޯގެ ފިތަށް ފިއްތާލިއެވެ. އެގެއިން ނިކުތްތަނާހެން މަގުމަތިން ޓެކްސީއެއް ލިބުނެވެ. ޓެކްސީއަށް އެރިގޮތަށް އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މިފަހަރު ފަޅާނޭރީ ހަމަ ކިރިޔާއެވެ.

ގެއަށް ދެވުމާއެކު އޭނާ ވަގުތުން މޫނު ބުރުގާ ނެގިއެވެ. އަދި ފެންފޮދެއް ބޯލާ ހަމަޖެހިލިއެވެ. ސާރާއަށް ޔަގީންވީ މަލާޒު ކޮންމެވެސް ކަމެއް ސިއްރުކުރާކަމެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން ބެލުމަކީ ފަސޭހަކަމަކަށް ނުވާނެކަން ސާރާއަށް ޔަގީންވިއެވެ. މަލާޒު އުޅެނީ ވަރަށް ފޮރުވައިގެން ސިއްރުސިއްރުންނެވެ. މިކަން ސާރާއަށް ހިތުތެރޭގައި ފޮރުވާފައި ބެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. ވުމާއެކު އޭނާ ވަގުތުން މައުސޫމާއަށް ގުޅިއެވެ. އަދި ގުޅާފައި އެ ހުރިހާ ވާހަކަތަކެއް މައުސޫމާއާއި ހިއްސާކުރިއެވެ. ހުދު އޭނާވެސް ހުރީ ސާރާގެ ވާހަކަތައް އަޑުއިވިފައި ހައިރާންވެފައެވެ.

ޖެހިގެން އައި ދުވަހު ފްލައިކޮށް ނިމިގެން އަންނަނިކޮށް މައުސޫމާއާއި ދިމާވިއެވެ. މައުސޫމާ އެދުނީ އެރޭ ކޮފީއަކުން ބައްދަލުކުރުމަށެވެ. ސާރާ އެދުވަހު މަލާޒާއި އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ .ގޭގައި ކުޑަ ކަމެއް ކުރާތީ ވަރަށް ބިޒީކޮށް އުޅޭ ވާހަކަ ބުނެ މަލާޒަށް އޮޅުވާލިއެވެ. އޭނާ އެދުވަހުގެ ހަތަރުދަމު ވިސްނީ އެކަމާއެވެ. މަލާޒު ގާތުން ކަންކަން އޮޅުންފިލުވާނެ ގޮތަކާއި މެދުގައެވެ. ރޭވުމާއެކު، މައުސޫމާ ސާރާއަށް ގުޅިއެވެ. އަދި އެދެމީހުން ދުއްވާފައި ގޮސް މަޑުކުރީ ސީގަލް ރެސްޓޯރެންޓު ކައިރިއަށެވެ. އެތަނަށް ވަދެ ދެމީހުން ހަމަޖެހިލާފައި، އޯޑަރު ދިނެވެ. އޯޑަރު ދީފައި މައުސޫމާ އޭނާގެ ދަބަސް، މޭޒާއި އިންވެގެން ހުރި ގޮޑިއަށް ލަމުން ކުޑަކޮށް މަޑުޖެހިލިއެވެ. އޭނާއަށް ސާރާގެ ފަހަތުން ފެނުނު މަންޒަރަކުންނެވެ.

"ނޫން!. ސާރާ ފަހަތް ނުބަލައްޗޭ!." ސާރާ ފަސްއެބުރި ބަލާލަން އުޅެނިކޮށް މައުސޫމާ އެކަމާ ދެކޮޅުހެދިއެވެ. "އެއީ؟ ކިހިނެއްވީ؟ އެތާ ކާކު އިނީ؟". ސާރާ ހައިރާންވެފައި ސުވާލުކުރިއެވެ. "މަލާޒު. އެކަމަކު." މައުސޫމާ ސާރާއާއި ދިމާލަށް ބަލައިލިއެވެ. "އެކަމަކު އޭނާ ކައިރި އެބައިން އަންހެނެއް. ކާކު ކަމެއް ނޭންގެ. އިނީ މޫނު އަޅާފަ." މައުސޫމާގެ އެ ޖުމްލައިން ސާރާއަށް ބޭއިހްތިޔާރުގައި މަލާޒާއި ދިމާލަށް ބަލައިލެވުނެވެ. އޭރު މަލާޒު އިނީ އޭނާ ކައިރީ އިށީންދެއިން އަންހެނާއާއި ވަރަށް އޮލަ ވާހަކައެއްގައެވެ. އޭނާއަށް ސާރާމެން ނުވެސް ފެނެއެވެ. ނޫނީ ފެންނަ ކަމަށް ނުހަދަނީއެވެ. ސާރާ ވަގުތުން މޫނު އަނެއް ފަރާތަށް ލިއެވެ. އަދި ކަރުނައިން ފުރިފައިވާ ލޮލަކާއެކު މައުސޫމާއާއި ދިމާލަށް ބަލާލިއެވެ. "ޕިސް!. ނުރޮއްޗޭ!. ހުއްޓާލާ!. އަދި ވާނުވާއެއް ނޭންގެއެއްނު. އަހަރެން ހިތް ބުނަނީ މަލާޒު، ސާރާއަށް ބޭވަފާތެރިއެއް ނުވާނެއޭ." މައުސޫމާ ސާރާގެ ދެލޯ ޓިޝޫއަކުން ފޮހެދިނެވެ.

ސާރާގެ މޫޑު ހަރާބުވިއެވެ. ސާރާ ބޭނުންވީ އަވަހަށް ކޮފީ ތަށި ބޮއެގެން އެތަނުން ނިކުންނާށެވެ. މައުސޫމާވެސް ބޭނުންވީ ސާރާ ގޮވައިގެން އަވަހަށް އެތަނުން ދިއުމަށެވެ. މައުސޫމާ އެރޭ އެގޭގައި މަޑުކޮށްދެންތޯ ސާރާ ގާތު ސުވާލުކުރިއެވެ. ނަމަވެސް ސާރާ އެދުނީ އެކަނިވެލުމަށެވެ. ސާރާގެ ހިތް ނުތަނަވަސްވިއެވެ. މީހާ ދާހިއްލާ ފޯވާންފެށިއެވެ. ބުނެދޭން ނޭންގޭ ކަހަލަ އެތައް އިހުސާސްތަކެއް ކުރެވެން ފެށިއެވެ. އޭނާއަށް ކެތެއް ނުކުރެވުނެވެ. އޭނާ ވަގުތުން ފޯނު ނަގައި މަލާޒަށް ގުޅިއެވެ. މަލާޒު ފޯނު ނެގުމާއެކު މިއުޅެނީ ސިޑިން ވެއްޓިގެން ކަމަށް ސާރާ ބުންޏެވެ. އެ ނޫން އެއްޗެއް ބުނެފިނަމަ މަލާޒު ނައިސްދާނެތީއެވެ.

މަލާޒު މި ދަނިއްޔޭ ބުނެ ވަގުތުން ފޯނު ބޭއްވިއެވެ. މާގިނަ އިރުތަކެއް ނުވެ އޭނާ އެ ގެއަށް އައެވެ. ދޮރު ހުޅުވުމާއެކު، ކާމޭޒު ކައިރީގައި ރީތިކޮށް އިށީންދެއިން ސާރާ ފެނިފައި، މަލާޒު ދޮރުމަތީގައި ހުއްޓުނެވެ. "އަހަރެން ހީކުރީ މަލާޒު ނާންނާނެކަމަށް. އެހެންވެ ދޮގުހެދީ. ސޮރީ!." ސާރާ އިސްދަށަށް ޖަހައިލިއެވެ. އޭނާއަށް ރޮވުނެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ހަރުލާފައި ހުރީ ސީގަލް ތެރެއިން ފެނުނު މަންޒަރެވެ. މަލާޒު ގޭތެރެއަށް ވަދެ ދޮރު ލެއްޕުމަށްފަހު ސާރާ ކައިރީގައި ހުރި ގޮޑީގައި އިށީނެވެ. "ސާރާ ކީއްވެ ތި ރޮނީ؟. އަހަރެން ސާރާ ބުނެގެން ދުވަހަކުވެސް ނައިސް ހުރިންތަ؟." މަލާޒު ސުވާލުކުރިއެވެ. "މަލާޒު!. އެއީ ކާކު؟." ސާރާއަށް އޭރުވެސް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މަލާޒު އިނީ ވާނުވާ ނޭންގިފައެވެ.

"އެހަށް ތި ރުއިން ހުއްޓާލަބަލަ. ކާކުތަ؟." މަލާޒު އޭނާގެ އަތްތިލައިން ސާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. "މަލާޒު!. ދޮގުނުހަދާ ބުނެބަލަ. އަހަރެން ނޫން އެހެން މީހެއް މިހާރު ބޭނުންވަނީތަ؟." ސާރާ މަޑުމައިތިރި ރާގެއްގައި ސުވާލުކުރިއެވެ. "ކީކޭތަ އަޅެ ތި ކިޔަނީ؟. ތަންކޮޅެއް ތިލަކޮށް ބުނެބަލަ. ޕްލީޒް!." މަލާޒު ކޮޅަށް ތެދުވިއެވެ. ސާރާއަށް ފެނުނު މަންޒަރު މަލާޒަށް ކިޔައިދިނެވެ. ސާރާގެ ވާހަކަ ނިމެންދެން މަލާޒު ހުރީ އަނގައިން ބަހެއް ނުބުނެ އަޑުއަހަންށެވެ. "އެކަމަކުވާ ސާރާ!. ތި ވަރަށް ނުރޮއެ އަހަރެން ކައިރީ ރީތިކޮށްވެސް އަހާލެވޭނެ. އެއީ ނާޝިދުގެ އަންހެނުންނޭ. އަތޫފާ. އަހަރެން އެތާ އިނީ ނާޝިދު އަންނަންދެން. ތިން މީހުން މިރޭ ކޮފީއަކަށް އަރަންވާނޭ ނާޝިދު ބުނީމަ." މަލާޒު ޖަވާބުދިނެވެ.

ސާރާއަށް ހަގީގަތް އެނގުމުން ދެރަވެ ލަދުގަތެވެ. އޭނާއަކީ ދުވަހަކުވެސް މަލާޒަށް ޝައްކުކުރި މީހެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ސާރާއަށް، މަލާޒަށް ޝައްކުކުރުން ފިޔަވައި އިތުރު އެހެން ކަމެއް ނުކުރެވެއެވެ. ފަހަރުގައި ދެމީހުން ދޭތެރޭގައި މިހާރުވާ ދުރުކަމަކުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ސާރާ ހުރީ މައާފަށް އެދޭނެ ގޮތެއް ނޭންގިފައެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކޭ މީހުން ބުނަނީ މިހެންވެގެންނެވެ. އޭގައި ހުރިހާ އިހުސާސެއް އެއްވަރަށް ހިއްސާވެއެވެ. "ސާރާ އަހަރެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. ޔަގީން ކުރޭ!." މަލާޒުގެ އެ ޖުމްލައާއި އެކު، ސާރާ މަލާޒުގައިގައި ބައްދާލަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ދުރަށްޖެހުނެވެ. އަދި އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. ސާރާއަށް ހެދުނީ ގޯހެއްކަން ވިސްނުނެވެ. ނަމަވެސް ހިތަށް ވަމުން ދިޔަ އުނދަގޫ އޭރުވެސް ހުއްޓުމަކަށް ނާދެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އާދައިގެ ގޮތަކަށެވެ. ސާރާ ޑިއުޓީ ނިމިގެން ގެއަށް ވަންނަގޮތަށް ގެއިން ނުނިކުމެއެވެ. މަލާޒާ ވެސް ދިމާވަނީ މަދު ފަހަރަކުއެވެ. އޭނާގެ ބިޒީ ކަމުން ވަގުތެއް ނުވެއެވެ. އެގޮތަށް ގޭތެރޭ އެކަނިމާ އެކަނި އިންނާތީ ސާރާގެ ސިކުނޑި ތެރޭގައި ތަފާތު އެކި ކަހަލަ ހިޔާލުތައް އެނބުރެއެވެ. ފިކުރުކުރެވެން ފެށިއެވެ. ދިރިއުޅުމުގެ މިސްރާބު ހިނގަނީ ރަނގަޅަށްތޯ އަމިއްލަ ނަފްސާއި ސުވާލުކުރިއެވެ. ނަމަވެސް އެއަށް ދޭނެ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. ލޯބިވާ މީހެއް ހުރި ނަމަވެސް، އޭނާގެ ފަރާތުން އެ ލޯބި މިހާރު އިހުސާސެއް ނުވެއެވެ. ޝައްކުތައް ދިޔައީ ގިނަވަމުންނެވެ. އަމިއްލަ ސިކުނޑިއާއި އެތައް ހަނގުރާމައެއް ކުރުމަށްފަހު އޭނާ ނިންމީ ހިތްހަމަޖައްސާލުމަށްޓަކައި ޝޮޕިންއަކަށް ނިކުމެލަންށެވެ.

ދޭތެރެއަކުން ސިކުނޑި ތާޒާކޮށްލުމަށް އެގޮތަށް ޝޮޕިންކުރަން ނިކުތުމަކީ ސާރާ ކުރާކަމެކެވެ. ނަމަވެސް މިފަހަރު އޭނާ އެގޮތަށް ނިކުތީ ވަރަށް ދުވަސް ފަހުންނެވެ. ސާރާއަކީ އަތަރު ބޭނުންކުރުމަށް ލޯބިކުރާ މީހެކެވެ. އޭނާ ހަނދާންވީ މަލާޒަށް ފާރަލީ ދުވަހު އޭނާ ވަތް އަތަރު ވިއްކާ ފިހާރަ މަތިންނެވެ. ވުމާއެކު އޭނާ އެދިމާލަށް މިސްރާބުޖެހިއެވެ. އެ މަގަށް އެޅުނުތަނާ ތަންކޮޅެއް ދުރުން ސާރާގެ ލޮލުގައި މަލާޒު އަޅައިގަތެވެ. އޭރު މަލާޒު އެ ފިހާރައިން ނިކުންނަނީއެވެ. އޭނާ ފަހަތުން މޫނު އަޅައިގެން ހުރި އަންހެނަކު ނިކުތެވެ. ސާރާ ޔަގީންކުރީ އެއީ އަތޫފާ ކަމުގައެވެ. ރީތި ހިނިތުންވުމަކާއެކު، އޭނާ އެމީހުންނާއި ދިމާލަށް ހިނގައިގަތެވެ. މަލާޒަށް ސާރާ އޭނާއާއި ދިމާލަށް ހިނގާފައި އަންނަތަން ފެނުނެވެ. "މަލާޒު. މީ އަތުފާ ދޯ. ނާޝިދުގެ ވައިފް!." ސާރާ ހިނިތުންވެލާފައި އަތޫފާއާއި ސަލާންކޮށްލުމަށް އަތްދިއްކޮށްލިއެވެ. "އަހަރެންނަކީ ނާޝިދުގެ އަންހެނުންނެއް ނޫން. އަހަރެން މިއީ މަލާޒުގެ އަންހެނުން." ސާރާ، އޭނާ ސަލާންކުރަން ދިއްކުރި އަތް ވަގުތުން ތިރިކުރިއެވެ. އަދި ގަބުކައިފައި ހުރި މީހެއް ފަދައިން މަލާޒާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. 

Advertisement

ކޮމެންޓް

Advertisement