މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފި

01 Aug 2020 | 21:01

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް، (އެމް.ޔޫ)، ގައި ބައިވެރިވުމަށް އެދޭ ފަންނާނުންނަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޖަމިއްޔާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެމް.ޔޫ އެކުލަވާލުމުގެ މަސައްކަތް ފެށުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުން ދުވަސްވަރުގެ ތެރޭގައެވެ. އެގޮތުން އެމްޔޫ ޖަމިއްޔާގެ ފައުންޑިންގް މެންބަރުން، އަހްމަދު ޝިހާމް، ނިޝްފާ ނާޝިދް އަދި މަހްރާން މާޖިދް ވަނީ ރާއްޖޭގެ މިއުޒިކް ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަންނުވެރިންނާ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައްދަލުކޮށްފައެވެ.

މި ބައްދަލުވުންތަކުގައި ކަމާ ގުޅުންހުރި ސަރުކާރު އިދާރާތަކުގެ މެންބަރުންވެސް ބައިވެރިވެ، މިއުޒިޝަނުންނަށް ދިމާވާ ދަތިތަކާއި ކުރިއަށް އޮތްތަނުގައި އިސްލާހު ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިހާރު އެމް.ޔޫ އިން ކުރަމުންދާ މަސައްކަތަކީ މި ޖަމިއްޔާގެ ރަސްމީ ވެބްސައިޓް (www.musiciansunion.mv) ލޯންޗްކުރުމުގެ މަސައްކަތެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އެމް.ޔޫގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ޖަމްއިއްޔާގެ މަގްސަދަކީ ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުމެވެ. އެގޮތުން ދިވެހި މިއުޒިޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަށް ބަލާ، އެމީހުންގެ މަސައްކަތާ ގުޅުންހުރި އަސާސީ ކަންކަން ބަލައިދޭން މަސައްކަތްކުރާނެކަމަށް މި ޖަމްއިއްޔާގެ މުއައްސިސުން ވަނީ ބުނެފައެވެ. އަދި ބޭނުން ވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ، ޤާނޫނީ ލަފާ ދިނުމުގެ ކަންކަންވެސް ކުރާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް