މާލޭގައި ކަށުނަމާދު ކުރަން ޖެހޭނީ ގައިދުރުކޮށްގެން ކަމަށް ބުނެފި

03 Aug 2020 | 12:40

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިމިނެއްގައި ފެތުރެމުންދާތީ، މާލެ ސިޓީގައި ކަށު ނަމާދުގެ ޖަމާއަތް ހަދަން ޖެހޭނީ ގައިދުރުކޮށްގެންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް އިސްކަން ދޭންވާނެކަމަށެވެ.

އެގޮތުން މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެންކަމަށް ވަނީ ބުނެފައެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅުއްވާއިރު، ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗް،ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށްކަމަށް ވަނީ ބުނެފައެވެ.

މި ދުވަސްވަރު މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، "މަސްޖިދުއް ތަޢާވުން" (އާސަހަރާ މިސްކިތް) ގައެވެ. އަދި ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައެވެ.

މަސްޖިދުއް ތަޢާވުން (އާސަހަރާ މިސްކިތް) ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުންނެވެ.

Advertisement

ކޮމެންޓް

Advertisement