މިއީ ސާލިހް މޫނުފުޅުގައި ޖެއްސެވި އެތިފަހަރެއް؟

22 Aug 2020 | 12:33

ސަރުކާރަށް ދެއަހަރު ފުރޭއިރު އަނެއްކާވެސް މިވަނީ ސިޔާސީ ވިލާގަނޑެއް ނަގާ ބޯމަތިކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ފުރަތަމަ އަހަރު ހިމޭނުންދިޔައެވެ. ދެން ރައީސް މުހައްމަދު ނަޝީދު އެސަރުކާރު ވަށްޓާލަން މަގުމައްޗަށް ނުކުންނަވައި އެންމެފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ބައިވެރިކުރައްވައިގެން ޔާމީން ވަށްޓާލުމަށްފަހު ރައީސްކަމަށް ލައްވާނެކަމުގެ ފޮނިހުވަފެން ދައްކައި ހެދިގޮޑުދޮށުގައި ބޮޑު އެއްވުމެއް ބޭއްވުމަށްފަހު ޔާމީންގެ ވެރިކަން ވަށްޓާލުމުގެ ވަރުގަދަ ހަރަކާތެއް ފެށްޓެވިއެވެ. މިފަހަރުވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް ދެއަހަރުވީތަނާ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ތެރެއަށް އަތްބާނުއްވައި އެބަހަލުވައެވެ. ހަލުވާވަރަށް ސަރުކާރުގެ ފޭރާންދެރަވެ ރައްޔިތުންގެ ކުރިމަތީގައި އަގުވެށްޓި އޮރިޔާންވަމުން ފަޟީހަތްވަމުންދަނީއެވެ.

ބައެއް މީހުންގެ ނަޒަރުގައި ރައީސް މުހައްމަދު ނަޝީދު އެކުރައްވަނީ ހައްގު ޖިހާދެކެވެ. ސަރުކާރުގެތެރޭގައި ހިގާ ކަރޮޕްޝަންތައް ހުއްޓުވައި ސަރުކާރު ތާހިރުކުރެވޭތޯ ބައްލަވަނީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ޒީރޯ ޓޮލަރެންސްގެ ވައުދު ފުއްދެވުމުގައި ނުކުޅެދުންތެރިއެވެ. ސަރުކާރުގެ މުއައްސަސާތަކަށް އެކަންނުވީމައި ނަޝީދު ކުރައްވަނީއެވެ. އަނެއްބަޔަކު ދެކެނީ ވެރިކަމުގެ ދަހިވެތިކަމުގައި ކެތްނުކުރެވިގެން އަމިއްލަ ޕާޓީ ފުނޑިގެންދިޔަޔަސް ވެރިކަމަށް އާދެވޭތޯ އެކިގޮތްގޮތުން ހިއްމަތްކުރައްވަނީއެވެ. ހެލްތުމިނިސްޓްރީގެ 30 މިލިޔަން ރުފިޔާގެ ކޮރަޕްޝަންކަމަށް ތުހުމަތުކުރެވޭ މައްސަލަ ހިލުވައިލެވުނީ ސާލިހަށް ފިލާވަޅެއް ދެއްވުމުގެ ގޮތުންނެވެ.

ކަރޮޕްޝަން ހުއްޓުވުމުން ކަމަށްވާނަމަ، ރައީސް ޔާމީނަށްފަހު ވާރުތަވި ދައުލަތުގެ 30 ބިލިޔަން ރުފިޔާގެ ބަޖެޓް ހެދި ނެހެދިގޮތެއް ނޭގި ވަޔަށް އަރައިގެން ދިޔައިރު ވެރިކަން ކުރާ ޕާޓީގެ ވެރިން ކަހާތަން ހިރުވާވެސް ނުލީ ކީއްވެގެން ހެއްޔެވެ. ދައުލަތުގެ ބަޖެޓް އެމްޑީޕީއާއި ގުޅިފައިތިބި ވިޔަފާރިވެރިންނަށް އެކިނަންނަމުގައި ބަދަލުދީ ހުސްކުރަމުންދިޔައިރު ރައީސް މުހައްމަދު ނަޝީދުވެސް އަދި ސާލިހްވެސް އެއިންކަމެއް ހުއްޓުވުމަށް އުޅުއްވުމުގެ ބަދަލުގައި ނޫމަޑިފަދަ އެމްޑީޕީގެ ވެރިކަމުގައި ކޮންޓްރެކްޓްތައް ދިން ކުންފުނިތަކަށް ބަދަލުދޭންޖެހޭކަމަށް ދޭހަވާގޮތަށް ސީދާ މަޖްލިސްގެ ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. ދީބާޖާގެ ބަދަލަކީވެސް އަމިއްލަ ޕާޓީއާއި ގުޅުންހުރި މީސްމީހުންނަށް ދައުލަތުގެ ތިޖޫރިން މުށްޖަހާފައި ދޭން ރޭވިފައި އޮތް ބޮޑު ލާރިގަޑެކެވެ. މިއިންންކަމަކަށް ނުރުހުމުގެ އިނގިއްޔެއްވެސް އުފުއްލަވާ ނުލައްވައި ރައްޔިތުންގެ މަޖިލީހުގެތެރެއިން ރާވައިގެން ކުރަންއުޅުނު އެންމެ އާދަޔާއި ޚިލާފް އެއްކަމަކީ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާލިބުނު މީހުންކަމަށް އެމްޑީޕީން ކަނޑައަޅާ ބަޔަކަށް ދައުލަތުން ބަދަލުދިނުމުގެ ގާނޫނެއް އެކުލަވާލަން އުޅުމެވެ.

ކުއްލި ލޮޅުމެއް މިހާރު އަރައިގެން މިއުޅެނީ ކޮވިޑްގެތެރޭގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތްހަދާފައިވާކަމަށް ތުހުމަތުކުރާ 30 މިލިޔަން ރުފިޔާގެ ވެންޓިލޭޓަރުގެ މުއާމަލާތާއިހެދިކަމަށް މިހާރު ހީވެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީވަހީދު ހިންގަވާފައިވާކަމަށް އޮޑިޓަރ ރިޕޯޓްގައި ހުރި 30 ހަކަށް މިލިޔަން ރުފިޔާގެ މައްސަލަ އެއީ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިގެން ބަހުސްކުރަން ޖެހޭފަދަ ކަމަކަށް ނުވި ނޫންތޯއެވެ. ރޯޔަލް ރޭޕްކޭސްފަދައިން އަލީވަހީދުގެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި މާބޮޑު ވައެއް ނުހިފިއެވެ. ވައިގައި މިހިފީ ހެލްތު މިނިސްޓަރ އަމީންއަށް ތުހުމަތުކުރެވޭ ވައްކަމުގެ މައްސަލާގައެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫހުގެ ނޫސްވެރިޔާފަދައިން ސީދާ މަކަރާއި ހީލަތްހެދިކަމަށް ނިންމަން ތަހްގީގުނުނިމޭތީ އަޅުގަޑަކަށް ނޭގެއެވެ.

މިއީ ކޮން އޮޑިޓް ރިޕޯޓްތަކެއްތޯއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްކުރި އޮޑިޓަރ ޖެނެރަލް ޒިޔަތު ސަލާމަތްވެގެން މިހުންނަވަނީ ކިހިނަކުންތޯއެވެ. އޭނާ ނޫން އެހެން އެންމެން މަގާމްތަކުން ވަކިކޮށް ނިންމައިފިއެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ ކޯޅުންގަޑުގެ ވިލާތައް އެބުރޭގޮތަށް ނަޒަރު ހިންގާލާއިރު ޒިޔަތު ސަލާމަތުން ހުންނަވައި އެމްޑީޕީގެ ސަރުކާރަށް ކޮރަޕްޝަންގެ އިގިލިދިއްކުރުމުގެ ފަހަތުގައި ވަރުގަދަ ސިޔާސީ އަތްތަކެއް އޮވެދާނެއެވެ. އެއީއަކީ އިދިކޮޅު ބަލިކަށި ޕީޕީއެމްއަށް ކުރެވިދާނެ ކަމަކަށްނުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

މިފަހަރު ޗެސްގޭމްގައި މަނާ މަންތިރިކުރާނީ ނަޝީދުކަމަށްފެނޭ

ހެލްތު މިނިސްޓަރ އަމީންއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ހިމެނޭ އެމްޑީޕީނޫން ޕާޓީތަކުގެ މިނިސްޓަރުންގެ ތެރެއިން އެމްޑީޕީން ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެންމެ ބޮޑަށް ދުއްވާލަން ބޭނުންވާ އެއް މިނިސްޓަރެވެ. ހެލްތުމިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއަކީ އެމްޑީޕީން އެދެމިނިސްޓްރީ ހިންގަން ކޮންމެހެންވެސް ބޭނުންވާ ދެމިނިސްޓްރީއެވެ. އެދެމިނިސްޓްރީއާއި ގުޅިފައިވާ ވިޔަފާރީގެ މުއާމަލާތްތަކަކީ ވަރަށް ބޮޑެތި މުއާމަލާތްތަކެކެވެ. ދައުލަތުގެ ބަޖެޓުން ބަދަލުދިނުމުގެ ސްޓްރެޓަޖީއާއިމެދު ވިސްނަވާލެއްވުމުން އެމްޑީޕީއަށް މިދެމިނިސްޓްރީގެ މުހިއްމުކަން ތަސައްވުރުކޮށްލެވިދާނެއެވެ. އަމީންގެ މައްސަލައިގެ ރުޅި އެމްޑީޕީން އިންތިހާއަށް ބާލަންބޭނުންވަނީ ޓޫރިޒަމް މިނިސްޓަރ އަލީވަހީދާއިމެދު ކަންތައް ދިޔަގޮތުންނެވެ. އަލީ ވަހީދަކީ ޖޭޕީގެ ސްލޮޓްގައި ހުންނެވި ބޭފުޅަކަށް ވިޔަސް އެއީ ރައީސް މުހައްމަދު ނޝީދުގެ ވަރުގަދަ އަތެކެވެ. ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނަސް އެކަން އެހާސީރިއަސްކޮށް އެޕާޓީން ނުނެގީ އެހެންވެގެންނެވެ. އެހެންހުއްޓައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެއްދުވަހެއްގެ މެންދުރުފަހު މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މުލީއާގެއަށް ގެންދަވައި އަލީވަހީދުގެ މައްސަލަ ބްރީފްކޮށްދެއްވުމަށްފަހު މަގާމުން ވަކިކުރެއްވުމުން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އެޕާޓީއާއި ގުޅިފައިވާ މަސްލަހަތުތައް ގޮތަކަށް ހުއްޓުނީއެވެ. އެއީ އަނެއްކާވެސް ޖުމްހޫރީ ޕާޓީގެ މީހަކު އެމަގާމަށް ރައީސް ނޮމިނޭޓްކުރެއްވުމުނެވެ. މި ނޮމިނޭޝަން ބެލަންސް ކުރެއްވުމަށް ރައީސް ސާލިހް ކުރެއްވި ކަމަކީ ނަޝީދަށްޓަކައި ކްރިމިނަލް ކޯޓްގެ ގާޒީ އަލީ ރަޝީދު ސުޕްރީމްކޯޓަށް ލެއްވުމަށް ނިންމެވުމެވެ. އެއީ ރައީސް ޔާމީން ބަންދުގައި ބަހައްޓަން ނަޝީދު ބޭނުންފުޅުވާގޮތް ކަން އެގިވަޑައިގަންނަވައެވެ. އެކަމަކު މުހައްމަދު ނަޝީދަކީ ވަރަށް ތަފާތު ބޭފުޅެކެވެ. ސާލިހްގެ ވެރިކަން ފެށުނުތަނާ މީޑިއާގައި ނަޝީދު ވިދާޅުވެފައިވެއެވެ. އަޅުގަނޑަކީ ކޮންކަހަލަ މީހެއްކަން ރައީސް ސާލިހަށް ރަގަޅަށް އެގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަށްވެސް އިބްރާހިމް މުހައްމަދު ސާލްހް އެގެއެވެ.

އަމީންގެ މައްސަލައަކީ ކޮރަޕްޝަނާއި ގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވިޔަސް، ސާލިހްގެ ސަރުކާރުގެ ކޮރޮޕްޝަންގެ އެހެންމައްސަލަތައް އެއްކައިރިކުރުމަށްފަހު އަމީންގެ މައްސަލާ ނަޝީދު އިސްކުރެއްވީ ރައީސް ސާލިހްގެ ސަރުކާރުގައި ޖެއްސެވި ވަރުހުރި އެތިފަހަރެއްކަމަށް ދެއްކެވުމަށެވެ. ސާލިޙަށް އެކަން އިހްސާސްކުރެއްވޭވަރު ކުރެއްވުމަށެވެ. ނަޝީދުގެ ފެކްޝަންގެ ބާރުހުރިކަން ދެއްކުމަށެވެ. ޕާޓީގެ ސުޕްރީމް ލީޑަރަކީ ނަޝީދުކަން ދެއްކެވުމެވެ. އެކަމަކު އެއެތިފަހަރު އެޅުއްވުމުންވެސް ދޫނުދެއްވައި ސާލިހް ދައްކަވަނީ އމަނިކުފާނުގެ އަތްޕުޅުގައިވެސް ބާރެއް އޮތްކަމެވެ. އަލީވަހީދަށް އިސްތިއުފާ ދެއްވަން އެންގެވިގޮތަށް ޒީރޯޓޮލަރެންސް އިސްކުރައްވައި އަމީން އިސްތިއުފާ ދެއްވަން ނާންގަވައި ހުންނަވަނީ އެހެންވެގެންނެވެ. ދެފަރާތަށް ބޭނުންވާގޮތަށް އޮޑިޓް ރިޕޯޓް ޒިޔަތު ނެރެދެއްވައެވެ. އެއަރޕޯޓްގެ ސީޕްލޭންގެ ޓާމިނަލްގެ މައްސަލާގައި ސަރުކާރު ބޭނުންވާގޮތަށެވެ. އަމީންގެ މައްސަލާގައި ނަޝީދު ބޭނުންފުޅުވާ ނަތީޖާ ނެރެވޭފަދަ ގޮތަކަށެވެ. އޭނާގެ މަގާމް ސަލާމަތްވާން އެނޫންގޮތެއް ނެތެވެ.

ނަޝީދާއި ސާލިހް ތިއްބެވީ އެކަކު އަނެކަކަށް އަދި ދޫދެއްވާގޮތަކަށްނޫނެވެ. އެކަމަކު އާޚިރްގައި އަމީންގެ މައްސަލާގައި ސޯލިހް ދޫދެއްވަންޖެހިވަޑައިގެން ނަޝީދު ކުރި ހޯއްދެވުން ގާތެވެ. އިކޮނޮމިކް މިނިސްޓަރ ފަޔާޒް ކަތިލަން މަޖިލިސް މެމްބަރުން އަދި ބޭނުންނުވިޔަސް އަމީންއާމެދު އެހެން ނުވާނެއެވެ. ކުރިއަށް އޮތީ ވިލާތައް ބޯވެ ފަރާތްފަރާތަށް ވިއްސިވިހާލިވެގެންދާނެ ވައިގަދަ ނަކަތްތަކެކެވެ.

Advertisement

ކޮމެންޓް

Advertisement