ރައީސް ނަޝީދު މާސްކް ނާޅައި އުޅުއްވުމާއި މެދު ފުލުހުންގެ ބަހެއް ނެތް!

29 Aug 2020 | 22:42

އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކާއި މެދު ބަހެއް ނުބުނެ ފުލުހުން ހިމޭން ވެއްޖެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެގެ ވަގުތެއްގައި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން މާލޭގަައި ބޭއްވި ސައިކަލު ބުރުގައި އިޖްތިމާއީ ގައިދުރުކަމާއި މާސްކް އެޅުން ފަދަ ކަންކަމާއި ޚިލާފްވެފައިވާތީ، އެކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއާއިއެކު މީސް މީޑިޔާގައި އިދިކޮޅު ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފްވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެމަނިކުފާނުގެ ދެރަދުން ފޮތުގައި ސޮއިކުރުމުގެ ހަރަކާތްތަކާއި، އިއްޔެ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވިއިރުވެސް މާސްކް އެޅުން ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް ޕޮލިސް މީޑިޔާ ގްރޫޕްގައި ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް

Advertisement