މީޑިއާނެޓްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމައިފި

03 Sep 2020 | 16:38

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލްޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިކަމަށްވާ މީޑިއާނެޓުން، މާލީގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްބުނެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.

އެގޮތުން އެކުންފުނީގެ ކަސްޓަމަރ ރިލޭޝަންސް މެނޭޖްމަންޓްގެ ދިހަ މުވައްޒަފަކަށް ވަނީ 24 ސެޕްޓެމްބަރު 2020 އިން ފެށިގެން ވަޒީފާއިން ވަކިވާނެކަމަށްބުނެ، މިދިޔަ މަހުގެ ތެރޭގައި 30 ދުވަހުގެ ނޯޓިހެއް ފޮނުވާފައެވެ.

މީޑިއާނެޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ނަބާހް ސޮއިކޮށް ފޮނުވި މި ލިޔުމުގައިވާ ގޮތުގައި ފާއިތުވި މަސްތަކުގެ ތެރޭގައި އެކުންފުންޏަށް ވަނީ މާލީގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކޮށް އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ލިޔުމުގައި ބުނެފައިވަނީ ތަފާތު ގޮތްތައް ހޯދާފައިވާ ކަމަށާއި، ނަމަވެސް ކުންފުނީގެ މާލީ ގާބިލިއްޔަތުކަން ދެމެހެއްޓެން އޮތީ މުވައްޒަފުންގެ އަދަދު ކުޑަކޮށްގެން ކަމަށެވެ.  މި ލިޔުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެކުންފުނިން ސެޕަރޭޝަން ބެނެފިޓްތަކެއް ވަކިކުރާ މުވައްޒަފުންނަށް ދީ، އިތުރު ވަޒީފާއެއް ހޯދައިދޭން އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ނަމަވެސް ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ވޮއިސްއަށް މައުލޫމާތުދިން ފަރާތަކުން ބުނިގޮތުގައި މީގެކުރިންވެސް އެކުންފުނިން ވަކިކުރި މުވައްޒަފުންނަށް ފަހު މަހުގެ މުސާރައިގެ އިތުރުން އެއްވެސް އިތުރު އެހީއެއް ދީފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް

Advertisement