ރަތް ކާޑު ދެއްކި ފަސް ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނި ޕީއެސްޖީ ބަލިވެއްޖެ

14 Sep 2020 | 05:46

ވާދަވެރި މާސޭ އަތުން ބަލިވެ ޕީއެސްޖީ ތާވަލުގެ ފުލުން ތިންވަނަ އަށް ވެއްޓިއްޖެއެވެ. ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެ ޕީއެސްޖީ މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ. މިއީ 1984/85 ސީޒަނުގެ ފަހުން ލީގު ފަށައިގެން ކުޅުނު ދެމެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ.

ފަހުވަގުތުގައި ހަމަނުޖެހުން ބޮޑުވެ ޖުމްލަ 5 ރަތް ކާޑު ދެއްކިތަން ފެނިގެން ދިޔަ މި މެޗުން ޕީއެސްޖީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލް 31 ވަނަ މިނެޓުގައި މާސޭއަށް ކާމިޔާބު ކޮށްދިނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވިދާލި ޑިމިޓްރީ ޕަޔެޓް ދިން ބޯޅައަކުން ތައުވިންއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ޕީއެސްޖީއިން އުފެއްދި ނަމަވެސް މާސޭ ވަނީ ފުރިހަމަ ވަގުތު ހަމަވުމާ ޖެހެންދެން އެޓީމް ހޯދި ލީޑް ދަމަހައްޓާފައެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ރެފްރީ ރަތްކާޑު ދެއްކީ ޕީއެސްޖީގެ ނޭމާ، ކަރޒާވާ، އަދި ޕަރޭދޭސްގެ އިތުރުން މާސޭގެ އަމާވީ އަދި ބެނެޑެޓޯއަށެވެ.

މީގެ ތެރެއިން ކަރޒާވާ އަދި އަމާވީއަށް ސީދާ ރަތް ކާޑު ދެއްކިއިރު ޕަރޭދޭސް އަދި ބެނެޑެޓޯ ދަނޑުން ފޮނުވާލީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ބްރެޒިލްގެ ތަރި ނޭމާ އަށް ސީދާ ރަތެއް ދެއްކީ ވީއޭއާރް މެދުވެރިކޮށް ބެލި ބެލުމުގައި އިދިކޮޅު ކުޅުންތެރިޔެއްގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

ދަނޑުން ފައިބަމުން ނޭމާ ވަނީ އޭނާއައި މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ބީދައިން މުއާމަލާތު ކޮށްފައިވާ ކަމަށް ބުނެ މެޗް އޮފިޝަލެއް ކައިރި ޝަކުވާވެސް ކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާސޭގެ ކޯޗް ވިލަސް ބޮއަސް ބުނީ ފުޓްބޯޅައިގަ ނަސްލީ ތަފާތު ކުރުންތަކަށް އެއްވެސް ޖާގައެއް ނެތް ކަމަށައި އަދި ނޭމާއާ މެދު ކަންތައްވީ އެހެންކަމަށް ގަބުލޫނުކުރެވޭ ކަމަށެވެ. އެކަންތައް އިތުރަށް ބަލާނެ ކަމަށްވެސް އޭނާގެ ވާހަކަައިގަ ވަނީ ފާހަގަ ކޮށްފައެވެ.

މެޗަށް ފަހު ކުރި ޓްވީޓްއެއްގައި ނޭމާ ބުނީ ހަމައެކަނި ހިތާމައަކީ މާސޭގެ އަލްވާރޯ ގޮންޒާލޭޒްގެ މޫނު މަތީގައި ނުޖެހުން ކަމަށް ބުނެފައެވެ.

މި މެޗުގައި ހިނގައިދިޔަ ކަންތައްތަކައި ގުޅިގެން ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ފިޔަވަޅުތަކެއް އަޅާނެކަމަށް ބެލެވެއެވެ.  

Advertisement

ކޮމެންޓް

Advertisement