މި ސަރުކާރަށް ފުރިހަމައަށް ތާއިދުކުރަން، ރާއްޖޭގެ ރައީސްކަން އިތުރަށް ކުރާކަށް ނޭދެން: ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއިދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީން ކޮންމެ ފޮއި ދުވަހަކުން ނެރޭ އެޕާޓީގެ ޚަބަރު ސިޓީގައި ލިޔުއްވި ލިޔުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީ މިއޮތީ ވެރިކަމުގައި ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. އެގޮތުން އެ ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެޕާޓީން އެމަނިކުފާނަށް ދީފައިވާ އެންމެބޮޑު މަގާމަކީ ފެންނަ ގޮތަކަށް ވާހަކަދެއްކުމުގެ ފުރުސަތުކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސްގެ ވަޒީރަކާ ބެހޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެކަން ޚުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަޒީރަކާއި މެދު ނުރުހުން ފާޅުކުރަނީ ވެރިކަމުގެ އިތުރު އުންމީދަކާއި އެކުގައި ނޫން ކަމަށެވެ. އަދި ދެން ރާއްޖޭގެ ރައީސްކަން ކުރުމަށް ބޭނުންފުޅުވެ ނުލައްވާކަމަށާއި، އެދެނީ އެމްޑީޕީން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists