ޖަރުމަނާއި އެއްވަރުކޮށް ނެދަލެންޑްސް ސެމީއަށް

20 Nov 2018 | 12:07

ޔުއޭފާ ނޭޝަންސް ލީގުގައި ޖަރުމަން އަދި ނެދަލެންޑްސް ބައްދަލުކުރި މެޗުގައި ކުއިންސީ ޕްރޮމްސް އާއި ވެން ޑައިކް ޖަހައިދިން ލަނޑުތަކުން ނެދަލެންޑްސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ދެލަނޑުވެސް ނެދަލެންޑްސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ފަސް މިނެޓުތެރޭގައެވެ.

ޖަރުމަން ޓީމުންވަނީ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކާ ފުރަތަމަ ވިހި މިނެޓްތެރޭގައި ދެލަނޑުގެ ލީޑްއެއް ނަގާފައެވެ. މި ލަނޑުތައް ޖަރުމަނަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވަރނާ އަދި ސާނޭއެވެ.

މި މޮޅާއެކު ނެދަލެންޑްވަނީ ދުނިޔޭގެ ޗެންޕިއަނުން ފްރާންސް ފަހަތަށް ޖައްސާލުމަށްފަހު އިނގިރޭސިން، ޕޯޗުގަލް، އަދި ސްވިޓްޒަލޭންޑާއެކީ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މެޗަށްފަހު ނޫސްވެރިންނައި ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗު ލޯ ބުނީ ނަތީޖާ ނުކުތްގޮތައި މެދު ހިތްހަމަ ނުޖެހޭކަމަށާއި ނަމަވެސް މި މެޗުން ގޯސް ކަންތައްތަކަށްވުރެ ޓީމުގެ ރަނގަޅުކަންކަން މާ ބޮޑަށް ފާހަގަވެގެން ދިޔަކަމަށެވެ. 

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން މޮޅު ކުޅުމެއް ދެއްކިކަމަށް އޭނާ ބުންޏެވެ. އަދި ތިންވަނަ ލަނޑެއްޖަހައި މެޗު ނިންމާލުމުގެ ފުރުސަތު ލިބުނުކަންވެސް ލޯ ފާހަގަކުރިއެވެ. 

Advertisement

ކޮމެންޓް