ދަނޑުވެރިކަމަށް އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ކުލި ނުނަގަން ނިންމައިފި

15 Oct 2020 | 19:34

ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ބިންތަކުން ކުރިއަށް އޮތް ތިންއަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނެގުމަށް ރައީސުލް ޖުމްހޫރިއްޔަާ އިބްރާޙީމް މުޙައްމަދު ސާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ. މިގޮތަށް ނިންމެވީ ދަނޑުވެރިކަން ފުޅާކުރުމަށް އިތުރަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން 6 ފަޅުރަށެއް ވަނީ ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ.

މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް، ވަރަށް އިޚްލާސްތެރިކަމާއިއެކު ތަޙުނިޔާ ދަންނަވައި ޙެޔޮ ދުޢާ ފޮނުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޚިތާބުގައި ދަނޑުވެރިކަމަށް މީގެ ކުރިން ނަގަމުން އައި އިމްޕޯޓު ޑިއުޓީ މިހާރުވަނީ ކަނޑާލާފައި ކަމަށާއި އެސްޑީއެފް މެދުވެރިކޮށް، ދަނޑުވެރިކަން ކުރުމަށް ހަމަޖެހިފައިވާ ލޯނު ދޫކުރުމުގެ އިތުރުން މިމަސައްކަތަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ އުފައްދާ ތަކެތި ރަނގަޅު އަގުގައި ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތްކަން ހާމަކޮށް މި ދަތިތައް ހައްލުކުރުމަށް 100 ޕަސެންޓް ސަރުކާރު ޙިއްސާވާ ކުންފުންޏެއް މިހާރު އުފައްދަވަފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މި ޝިޢާރެވެ.

Advertisement

ކޮމެންޓް

Advertisement