އުތީމު ގަނޑުވަރުގައިވާ ޚާއްސަ ކަމެއްގެ ވާހަކަ ދަންނަމުތަ؟

18 Oct 2020 | 14:48

ދިވެހި އަދަބަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށްވާ އަލްމަރުހޫމް އަލްއުސްތާޛު އިބްރާހިމް ޝިހާބު ހައްދަވާފައިވާ އެންމެ ފުރިހަމަ އެއް ޅެމަކީ "އުންމީދުގެ ސިއްރު" ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އެހެނީ، މި ޅެމަކީ އޭގެން އުންމީދާއި އުފާވެރިކަމުގެ ފޮނިމީރު ޚަބަރުތަކެއް ގެނެސްދޭ ޅެމަކަށް ވާތީއެވެ. "މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއްވެސް، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން"، މިއީ އަދިވެސް ގިނަބަޔަކު ކިޔައި އުޅޭ މަޝްހޫރު ޅެންބައިތެކެވެ. މި ޅެންބައިތާއި ދިވެހި ތާރީޚްގެ ފަތްފުތްތަކާއިވެސް ގުޅުވާލެވެން އެބައޮތެވެ.

ތާރީޚީ ފަތްފުތްތަކާއި ތުންތުންމަތިން ދެކެވެމުން ވާރުތަވެފައިވާ ވާހަކަތަކުގައިގެސް ވަނީ މިތުރުންގެ ހިތްތަކަށް ދަތިކަން ގެނުވި ކަޅު ރޭތަކުގެ ވާހަަކައާއި، ފިތުރަތުގެ އުސޫލުން އެ ކަޅު ރޭތައްވެސް ފަތިހަށް ނިމިގެންދާ ވާހަކައެވެ. ދުނިޔޭގެ އާދައާއި ނިޒާމަކީވެސް ހަމަ މިއީއެވެ. ހިތާމަވެރި ދުވަސްތަކަކަށްފަހު، ކިތަންމެ ލަހުން ނަމަވެސް އުފާވެރިކަމުގެ ދުވަސްތަކާއި އިންސާނާ ބައްދަލުކުރާނެއެވެ. އެގޮތުން މިއަދު ފާހަގަކުރެވެމުން މިދަނީ އެތަކެއް އަހަރެއްގެ ބިރާއި ނާމާންކަމަށްފަހު، ހިތްހަމަޖެހުމާއި އަމާންކަމުގެ އިރު ދުނިޔޭގެ މައްޗަށް ދައްކާލި މުނާސަބާއެކެވެ. އާދެ، ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުގައި، އުތީމު މުހައްމަދު ތަކުރުފާނު އިސްވެ ހުންނަވައި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުންދާ ދުވަހެވެ.

ފަހުން އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ރަސްމީ ނަންފުޅު ލިބިވަޑައިގެންނެވި މުހައްމަދު ތަކުރުފާނުގެ ހަޔާތުގެ ދުވަސްތަކުގެ އެންމެ ގިނަ ވާހަކަތައް ކިޔައިދޭ އެއް ސަރަހައްދަކީ، އެތަކުރުފާނު ރާއްޖޭގެ އެ ސަރަހައްދަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޮޑުތިލަދުންމައްޗެވެ. ވަކިން ޚާއްސަކޮށް، މުހައްމަދު ތަކުރުފާނުގެ އުފަން ރަށްކަމަށްވާ ހއ.އުތީމުގެ ފަސްގަނޑުން އެމަނިކުފާނަށް ނިސްބަތްވާ އެތަކެއް ބިނާތަކެއް މިއަދުވެސް ފެންނާން އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑު އަދި އެންމެ ގިނަބަޔެއްގެ ޝައުގުވެރިކަން ދަމައިގަންނަ އެއް ތަނަކީ އުތީމު ގަނޑުވަރެވެ. 

އުތީމު ގަނޑުވަރު ބިނާކުރައްވާފައިވަނީ މުހައްމަދު ތަކުރުފާނުގެ ބައްޕާފުޅުކަމަށްވާ ހުސައިން ޚަތީބު ތަކުރުފާނެވެ. މިގަނޑުވަރަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި އިސް ނެންގެވި އުތީމު ތިންބެއިންނާއި އަދި ދައިތާފުޅު ފާތިމާފާނު އުޅެބޮޑުވީ މި ގަނޑުވަރުގައެވެ. މިއަދު މި ގަނޑުވަރަކީ ދިވެހި ތާރީޚްގެ ކަންތައްތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބިނާއެކެވެ. އަހަރަކު ސަތޭކަ ބަޔަކު ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ. އެގޮތުން މިތަނަށް ޒިޔާރަތްކުރާ ކޮންމެ ބަޔަކުވެސް ގަނޑުވަރުގެ އެތެރޭގެ ގިނަ ކަންތައްތަކާއި މެދު ހައިރާންވެ ޝައުގުވެެރިކަން ފާޅުކުރެއެވެ. އޭގެ ތެރެއިން ހަމަ ގައިމުވެސް އެންމެ ޚާއްސަ ކަމަކަށް ވާނީ ދޮރުގައިވާ ލޯވަޅުން ބަލާލުމުން އިދިކޮޅަށް ހިޔަނި ފެނުމެވެ.

2015ވަނަ އަހަރު އުތީމު ގަނޑުވަރަށް ކުރެވުނު ޒިޔާރަތެއްގައި ޚުދު އަޅުގަނޑަށްވެސް މި މަންޒަރު ފެނުނެވެ. އެކަމުގައި ވާގޮތަކީ، އުތީމު ގަނޑުވަރުގެ ބޮޑުގޭގެ އެތެރެގޭގައިވާ އުނދޯލިދާންކޮޅުގައި ދަމާފައިވާ ފޮތިގަނޑަކުން، އޭގެ އަނެއް ފަރާތުގައިވާ މަންޒަރުތަކުގެ ހިޔަނިތައް ފެންނަނީ އެކޮޅުކޮޅަށެވެ. އެގޮތުން އެ ދިމާލުން ހިނގާފައިދާ މީހުންނާއި، އުޑާއި އަދި އެ ސަަރަހައްދުގައި ހުންނަ މިސްކިތުގެ ހިޔަނި އެކޮޅުކޮޅުން ކުލަކޮށް އަޅުގަނޑުވެސް ދުށީމެވެ. މިއީ އެ އުނދޯލިދާންކޮޅުގެ ބިތްގަނޑުގެ ލަކުޑީގައިވާ ތިން ލޯވަޅުން އަލި އެޅިގެން ދިމާވާ ކަމެކެވެ. މި ތިން ލޯވަޅަކީ ގަސްދުގައި ކޮނެފައިވާ ތިން ލޯވަޅުކަމެއް ނުވަތަ ނޫންކަމެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.

މިކަމަކީ އެގަނޑުވަރަށް ޒިޔާރަތްކުރާ ކޮންމެ ބައެއްގެވެސް ޝައުގުވެރިކަން ދަމައިގަންނަ ކަމެކެވެ. މިކަމުގެ ފަހަތުގައިވާ ސައިންސަކީ ކޮބައިތޯ ދެނެގަތުމަށް މިހާތަނަށް ރަސްމީ ދިރާސާއެއް ކުރެވިފައިވާކަން އެނގިފައެއް ނުވެއެވެ. ނަމަވެސް ގިނަބަޔަކު ބުނާގޮތުގައި އެފަދައިން އެކޮޅުކޮޅުން މަންޒަރުތައް ކުލަކޮށް ފެނުމުގެ ފަހަތުގައިވަނީ ޕިންހޯލް ތިޔަރީއެވެ. 

އުތީމު ގަނޑުވަރުގައި މީގެ އިތުރުންވެސް މިފަދަ އެތަކެއް އަޖައިބުތަކެއްވެއެވެ. މަރިޔާދުގޭ ދެކުނު ފަރާތުގެ ނުހުޅުވޭ ދޮރުކޮޅާއި އަދި ފެންމީރު ލެއްގި ވަޅުކޮޅަކީ އެތަނަށް ޒިޔާރަތްކުރާ އެތައް ބައެއްގެ ސަމާލުކަން ހުއްޓޭފަދަ ތަންތަނެވެ. މިތަންތަން މިއަދާއި ހަމައަށް އަޅުގަނޑުމެންނާއި ހިސާބަށް އަމާނާތްތެރިކަމާ އެކު ފޯރުކޮށްދީފައިވަނީ ކާބަފައިންގެ އަގުހުރި މަސައްކަތުންނެވެ. މިތަންތަން އަންނަން އޮތް ޖީލުތަކަށް، މި ވާހަކަތަކާއެކު ރައްކާތެރިކަމާއި އެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް މުހިންމު ވާޖިބެކެވެ. 

Advertisement

ކޮމެންޓް