އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް ބާއްވާނެ ތާރީޚް އިއުލާންކޮށްފި

28 Oct 2020 | 09:26

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާގޮތައް ނިންމައިފިއެވެ.

އަދާލަތު ޕާޓީން ބުނީ ހިނގަމުންދާ އައު ދައުރަށް އެކި މަޤާމްތަކަށް މީހުން ހޮވުމަށް ބާއްވާ މި މަޖިލީހަކީ، ޢަދާލަތު ޕާޓީގެ އެންމެ އިސް ރުކުންކަމަށެވެ. އެގޮތުން ޤައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެކަމަށް ވަނީ ބުނެފައެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ. އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޤައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމަށް ޕާޓީގެ ޢާއްމު މެންބަރުންނަށް ފުރުޞަތު ލިބިގެންދާނެކަމަށް އެޕާޓީން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement