ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ސައިންސް މިނިސްޓަރ މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް 10 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާތީ އެކަމަށް ރައްދުދެއްވައި ޓްވީޓް ކުރައްވައިފިއެވެ.
މަލީޙު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްހެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށާއި، ޑިމޮކްރަސީގެ އަސާސްތައް ފުނޑު ފުނޑު ކޮށްލުން ކަމަށެވެ. އެހެންކަމުން މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނެކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ގަވާއިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.
މަލީހްގެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ނ) އިން ހަނުހުރުމުގެ ހައްގުވެސް ލިބިދޭ ކަމަށެވެ. އަދި ބައެއްފަހަރު އެހާ ވާހަކަ ގިނަނުކުރައްވައި ހަނު ހުރުމަކީވެސް ނުހަނު ބުއްދިވެރި ކަމެއްކަމަށް މުޙައްމަދު ވަހީދު ފާހަގަކުރައްވާފައިވެއެވެ.
މީގެ ކުރިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުން އެކިފަހަރުމަތިން މަލީހަށް އަމާޒުވެފައި ވީނަމަވެސް، ގިނަ ފަހަރަށް އެމްޑީޕީ މެންބަރުން މަލީހަށް ފާޑުކިޔާފައި ވަނީ އިންޓަނެޓްގެ އަގުހެޔޮ ނުކުރެވޭތީއެވެ. ނަމަވެސް މަލީހް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އިންޓެންޓްގެ އަގު ހެޔޮކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists