ވެރިންގެ ކީރިތިފުޅު ކުރެއްވުން

23 Dec 2020 | 01:27

އެކި މީހުންނަށް ރޮވޭނީ އެކިކަހަލަ ކަންކަމުންނެވެ. ބައެއް މީހުންގެ ހިތަށް ތަދުވެގެންނެވެ. ބައެއް ފަހަރު އެއްވެސް ކަހަލަ ކަމަކަށް ނުވާކަމެއްގައިވެސް ހެވިގެންގޮސް ލޮލުން ކަރުނަ އޮހި ގަނެއެވެ. އަޅުގަނޑަށް މިދިމާވީ އެކަހަލަ ކަމެކެވެ. ދާދިފަހުން ޓީވީ ބަލަން އިންދައި ވާހަކަފުޅު ދައްކަވަންފެށްޓެވި ސިޔާސީ ބޭފުޅަކު ވިދާޅުވިއެއްޗަކުން ހެވިގަނެގެން ގޮސް ކަރުނަ ހިލުނެވެ. އެބޭފުޅާވެސް ވިދާޅުވީ ރޮވުނު ވާހަކައެކެވެ.

ސިޔާސީ ބޭފުޅުންގެ ލޮލުން އެންމެ އަސަރާއެކު އޮހޭނީ ސިޔާސީ ކަރުނައެވެ. އަޅުގަނޑުމެންގެ ހަޔާތުގައި ސިޔާސީ ބޭފުޅުންގެ ކަރުނައިގެ ބައެއް މަންޒަރުތައް ފެނިފައިވެއެވެ.

ރައީސް މައުމޫން ދިގު 30 އަހަރުގެ ވެރިކަމެއް ކުރައްވާފައި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތުމުން ސަޕޯޓަރުންނާއި ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވާ ނުކުމެވަޑައިގެންނެވި އިރު ލޯފުޅުން ކަރުނަފޮދު ހިލިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވައިރަލްވެގެން ދިޔައެވެ. މައުމޫނަކީ އަނެއްހެން ވަރަށް ހިތްޕުޅު ބަލި، މާ އަވަހަށް ދެރަފުޅުވާ ބޭފުޅެއްކަމަށް ބައެއް މީހުން ކިޔާތީ އިވެއެވެ. ވެރިކަމުން ވަކިވެވަޑައިގަންނަންޖެހިވަޑައިގަތުމުން ހިތްޕުޅަށް ކުރެއްވި އަސަރު ލޯފުޅުން ފާޅުވީއެވެ. ރައީސް މައުމޫނަށްފަހު ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ، އެމަނިކުފާނުގެ ބަހުންނަމަ ކަނޑާވައްޓާލިޔަސް، ފައިކުރިއަށް ބާރުލައްވާފައި ފުންމަވައިގެން ތެދުވެވަޑައިގެން އަދި މާބާރަށް ދުވެވަޑައިގެންނެވުމުގެ ހިއްވަރުފުޅު ގަދަ މުހައްމަދު ނަޝީދެވެ. އެމަނިކުފާނަށް ދެފަހަރެއްގެ މަތިން ކީރިތިފުޅު ކުރެއްވުނުކަމަށް އެބަ އިވެއެވެ. ފުރަތަމަ ފަހަރަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެރިކަމުން ވަކިވެވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ކީރިތި ފުޅެކެވެ. އެމަންޒަރު ރީތިކޮށް ފެނިވަޑައިގަތްކަމަށް އެހެންމީހުން ގާތު ވިދާޅުވީ އޭރު ގއ ދާންދޫ ދާއިރާގެ މެމްބަރު ރިޔާޒު ސިފައިންގެގޭތެރޭގައި ނަޝީދު ފެންނަ ފަށުގައި އުޅުއްވުމަށްފަހުއެވެ. އެފަހަރު ނަޝީދު ކީރިތިފުޅު ކުރެއްވީ ވެރިކަމުގެ ޝާނާއި ޝައުކަތު ގެއްލިވަޑައިގެންފާނެކަމަށް ހީފުޅުކުރެއްވިގެންކަމެއް، ނުވަތަ ބިރުފުޅުންކަމެއް ނުވަތަ އަނބިކަނބަލުންނާއި އަމިއްލަފުޅު ކުދިންގެ ހާލާއިމެދު ހިތްޕުޅަށް އަސަރުކޮށްގެންކަމެއް ނޭގެއެވެ. ނަޝީދުގެ ދެވަނަ ކީރިތިފުޅު ކުރެއްވުމަކީ ކުރީގެ ރައީސް  ޔާމީން ޖަލަށްލާން ޖިނާއީކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުކުމްކުރެއްވުމުން ކުރެއްވުނު ކީރިތިފުޅެއްކަމަށް ދާދިފަހުން ނަޝީދު ވިދާޅުވެފައިވެއެވެ. އެފަހަރު ދެރަފުޅު ވެގެން ރޮވުނީކަމަށް އަމިއްލަފުޅަށް ޓީވީއަށް އަރުއްވައި އިންނަވައިގެން ވިދާޅުވިއެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ވަހީދު އުޅުއްވަން ޖެހިވަޑައިގަތީ ވެރިކަމުގެ ލައްޒަތެއް ލިބޭވަރަށް ވުރެ ހާލުގައެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީއްސުރެ ނޭވާފުޅު ނުލައްވައި އުޅުއްވީ ބެރުދުންމާރި ތާޅަފިލީގައި ބޭއްވުނު މަގުމަތީ މުޒާހަރާތަކުން ސަލާމަތްވެވަޑައިނުގެންއެވެ. އިންތިޚާބުގައި ވާދަކުރެއްވިޔަސް ނަތީޖާ ނުކުތުމުގެ މާކުރިން ބަލިގަބޫލުފުޅުކުރައްވައިގެން ހުންނެވުމުން ވަދާއީ ބައްދަލުކުރެއްވުމުގައި މާކަބޮޑު އަސަރެއް މޫނުފުޅު މައްޗަކުން ފެންނަވަރެއް ނުވިއެވެ. ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި  ޔާމީން ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވައި ވަރަށް ފޯރިއާއެކު އާ ދައުރަކަށް ކުރިމަތިލެއްވުމުން ލިބިވަޑައިގެންނެވި ނާކާމިޔާބުގެ ހިތި އަސަރު ވާރޭގެ ކަޅުވިލާގަނޑެއްހެން ޓީވީން ފެނުނުއިރު މޫނުފުޅުމަތިން ފާޅުވެވެ ހުއްޓަސް ކަރުނަތިއްކެއް ވެއްޓުނު މަންޒަރެއް ނުފެނެއެވެ. ޔާމީނަކީ ވަރަށް އެހެންކަހަލަ ބޭފުޅެކޭ ބުނާތީ އިވެއެވެ. އަމިއްލަފުޅު ޒާތީ ކަންކަން ވަރަށް އެހެންމީހުންނަށް ދައްކަވަން ނޫޅުއްވާނެއެވެ. ފަހަރުގައި އެކަހެރިކޮށް ކީރިތިފުޅު ކުރެއްވިފައި އޮވެދާނެއެވެ. ވެރިކަމުގެ ލައްޒަތުގެ ގޮތުން ކީރިތިފުޅު ނުކުރެއްވޭނެއޭ ބުނާކަށްވެސް ނުވާނެއެވެ. ދެން ފެނުނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ކޮވިޑްބަލިމަޑުކަމުގެތެރޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންނާއި މުޚާތަބު ކުރައްވައި އެއްޗެއް ވިދާޅުވާން އުޅުއްވި ދުވަހު އަޑުފުޅު ތުރުތުރުއަޅައިގެންފައި ލޯފުޅުން ކަރުނަފޮދު ފާއްދާލިއެވެ. ބުނާތީ އިވެނީ ރައްޔިތުން އުޅޭ ދެރަނިކަމެތި ގޮތް ހިތްޕުޅަށް އައިލެއް ބޮޑުކަމުން ބޭއިޚްތިޔާރުގައި ކީރިތިފުޅު ކުރެއްވުނީކަމަށެވެ. ވާހަކަފުޅު ނިންމަވާލެއްވުނީވެސް ވަރަށް ވަރުންނެވެ. ނޫސްތަކުގައި އެމަނިކުފާނަކީ މީހުންނަށް ވަރަށް އޯގާތެރި އަދި ވަރަށް ހިތްޕުޅު ބަލި ބޭފުޅެއްކަމަށް ލިޔެ ވަރަށް ތާރީފްކުރިއެވެ.

ވެރިންގެ މިކީރިތިފުޅު ކުރެއްވުންތަކުގެތެރެއިން އެއްބޭފުޅެއްގެ ވާހަކަ އަދި އަޅުގަނޑު ކުޑަކޮށް ފާހަގަކޮށްލާ ހިއްވެއެވެ. އެއީ ޔާމީނު ޖަލަށްލި ދުވަހު ދެރަފުޅުވެގެން ނަޝީދަށް ކުރެއްވުނު ކީރިތިފުޅެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ކީރިތިފުޅު ކުރެއްވުނަސް ޔާމީންގެ ވެރިކަމުގައި ކޯޓުން އެމަނިކުފާނު ޖަލަށްލާން ހުކުމްކުރި ދުވަހު ޔާމީން ކީރިތިފުޅު ނުކުރައްވާ ހަވާއަރުވައި އުފާފާޅުކުރެއްވީކަމަށެވެ.

ކޯޓްތަކުން ހުކުމް އިއްވުމާއިހަމައަށް ނަޝީދާއި ޔާމީންވެސް ކުރެއްވީ އެއްކަމެކެވެ. ޔާމީން ކުރެއްވިކަމަކީ ނަޝީދު ޖަލަށް ލެވޭނެހާ ގޮތްގޮތަށް ފަނޑިޔާރުގެ ތަރްތީބު ކުރެއްވުމެވެ. ނަޝީދު ޖަލުގައި އޮންނަވާނެ ކުޑަ ވީއައިޕީ ގެކޮޅެއްވެސް ބިނާކުރެއްވިއެވެ. ރައީސް ކަމުގައި މުހައްމަދު ނަޝީދު ނެތްނަމަވެސް، މަޖްލިސްގެ ރައީސްކަން ހޯއްދަވައިގެން ފަނޑިޔާރުގެ ރޫޅައިލައްވައި ބަދަލު ހިއްޕެވުމަށް ޔާމީނު ޖަލަށްލާން ހުކުމް އިއްވޭނެހާ މަގަކުން ނަޝީދުވެސް ކަންކަން ތަރްތީބުކުރެއްވިއެވެ. ސުޕްރީމްކޯޓުގެ ރަމްޒީ ތަޅުދަނޑިވެސް މިހާރު ހޯއްދަވާފައިވެއެވެ. ޔާމީން ޖަލަށްލެވޭނެ ހުރިހާކަމެއް ކުރައްވާފައި ދެރަފުޅުވެގެން ކީރިތިފުޅު ކުރެއްވިއްޖެއޭ ވިދާޅުވުމުން މައުމޫންގެ މަޒާޖީ ބަސްފުޅެއް ހަދާނަށް އާދެއެވެ. ހިނިއަންނަނީއެވެ.

Advertisement

ކޮމެންޓް

Advertisement