ސްޕެޝަލް ވިސާގައި ތިބޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެނީ

19 Jan 2021 | 12:44

މިދިޔަ ޑިސެމްބަރު މަހުގެ ކުރިން ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެއަށް އައިސް ނުފުރި ތިބި ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބައިނަލް އަގްވާމީ ދަތުރު ފަތުރަށް ހުޅުވާފައި ނުވާތީ އާއި، ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެއަށް އައިސް ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ބިދޭސީންނަށެވެ.އޭގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މިގޮތަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޭން ނިންމާފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެ އެތެރެ ވެފައިވާ ބިދޭސީންނަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.އަދި އެ މީހުނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނީ، އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަ ކުރުމުން ކަމަށާއި އޭގެ އިތުރުން އެ މިނިސްޓްރީން އަންގާ 3 ކަމެއް ފުރިހަމަ ކުރަންޖެހޭ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ފޯމު ހުށަހަޅާއިރު އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާން ކުރާ ސިޓީ ހުށަހެޅުމާއި 15 ދުވަހަށް ވުރެ މަދު ނޫން މުއްދަތެއްގެ ބިޒްނަސް ވިސާ ނުވަތަ ސްޕެޝަލް ވީސާއެއް އޮތް ކަން އެނގޭނެ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

އަދި ފޯމު ހުށަހެޅާ އިރު، އެ ހުށަހަޅާ ފަރާތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާން ކުރަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އިޢުލާންގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement