އިންޑިއާގެ ކޮވިޝީލްޑް ވެކްސިން މާދަމާ ދިވެހިރާއްޖެއަށް ގެންނާނެކަމަށް ރިޕޯޓްކޮށްފި

19 Jan 2021 | 19:25

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެއް މާދަމާގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ގެންނާނެކަމަށް ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު މީޑިޔާއެއްކަމަށްވާ "ވިއޯން ނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިންތައް ދިވެހިރާއްޖެއަށް މާދަމާ މެންދުރުފަހު ދޭއް ޖަހާއިރު ގެނައުމަށް ހަމަޖެހިފައިވަނީ އެއަރ އިންޑިއާގެ ޚާއްސަ ފްލައިޓެއްގައެވެ. މި ވެކްސިން ބޭނުންކުރުމާއި ބެހޭ ހުރިހާ ހުއްދައެއް ދިވެހި ސަރުކާރުން ދީފައިވާކަމަށްވެސް އެ ވިއޯން ނިއުސްއިން ވަނީ ބުނެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވެސް ވަނީ 20 ޖެނުއަރީން ފެށިގެން އަވައްޓެރި ބައެއް ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ވެކްސިން ފޮނުވަން ފެށިގެންދާނެކަމަށެވެ. އެގައުމުތަކަކީ ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް، ސީޝެލްސް، މިޔަންމާ އަދި ބަންގްލަދޭޝެވެ. 

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެވެ. ސީރަމް އިންސްޓިޓިއުޓުން ވަނީ ކޮވިޝީލްޑް ވެކްސިންގެ 11 މިލިޔަން ޑޯޒް އިންޑިއާގެ ސަރުކާރަށް ފޯރުކޮށްދީފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ މަޝްހޫރު އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަަށް އިންޑިއާއިން ކިޔާ ނަމެވެ. އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމަށް އިނގިރޭސިވިލާތުން ވަނީ ހުއްދަ ދީފައެވެ. ދިވެހިރާއްޖެއިންވެސް ވަނީ މި ވެކްސިން ގަތުމަށް އެސްޓްރަޒެނެކާ ސިންގަޕޯރއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Advertisement

ކޮމެންޓް