ޓިއުޝަންތަކާއި ޤުރުޢާން ކްލާސްތައް ހުޅުވުމަށް ހުއްދައެއް ނުދެން: ޑރ.ނަޒްލާ

20 Jan 2021 | 14:56

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގައި ކިޔެވުން ނުފެށި ގިނަ ދުވަހު އޮތުމަށްފަހު މިއަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން ފަށާފައިވީނަމަވެސް، ޤުރުޢާން ކްލާސްތަކާއި، ޓިއުޝަން ކްލާސްތަކުގައި ކިޔަވައިދިނުމަށް ހުއްދަ ދީފައިނުވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ވިދާޅުވީ، ޓިއުޝަން ކްލާސްތަކާއި ޤުރުޢާން ކްލާސްތަކަކީ ސްކޫލް ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ގިނަ ކުދިން އެއްފަހަރާ ގެންގޮސްގެން ކިޔަވައިދޭ ތަންތަން ކަމަށްވާއިރު، އެތަންތަނުގައި އިޖްތިމާޢީ ގައިދުރު ކަމާއިއެކު، ކުދިންނަށް ކިޔަވައި ދެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ޤުރުއާން ކިޔަވަންޖެހޭނީ ބާރަށް ކަމަށްވާއިރު، ކައިރިކައިރީގައި ތިބެގެން މާސްކު އަޅައިގެން ކިޔެވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.

"ޤުރުއާން ކިޔަވަންޖެހޭނީ ބާރަށް.އެހެންކަމުން ކައިރިކައިރިގައި މާސްކު އަޅައިގެން ކިޔެވުމަކީ ވަރަށް އުދަގޫކަމަކަށް ވާނެ."ޑރ ނަޒްލާ ވިދާޅުވިއެވެ.

އެހެނކަމުން އެފަދަ ތަންތަނަށް ހުއްދަ ނުދެނީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރެވޭނެ ކަމަށް ނުފެންނާތީ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް