Advertisement

ޖަލުން މިނިވަންކޮށް 2023ގެ ރިޔާސީ އިންތިޚާބްގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނަން: ޣައްސާން

23 Jan 2021 | 13:06

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކޮށް 2023ގައި ރާއްޖޭގެ ވެރިކަމަށް ގެންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ރިއާޔަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޣައްސާންގެ ޓުވީޓެއްގަައި ވިދާޅުވީ، ރައީސް ޔާމީނަށް ދެނީ ނުޙައްޤު އަނިޔާއެއް ކަމަަށާއި ނުޙައްގު އަނިޔާއިން ރައީސް ޔާމީނާއި ޕީޕީއެމްގެ ލަޝްކަރުގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ދެވޭ ނުޙައްޤު އަނިޔާ އަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އިރާދަކުރެއްވިއްޔާ ޖަލުން މިންޖުކޮށް އެމަނިކުފާނު 2023 ގައި އިންތިޚާބްކޮށް ވެރިކަމަށް ގެންނާނަން." ޣައްސާން ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލުހުކުމަށް ހައިކޯޓުން ވަނީ ތާޢިދުކޮށްފިއެވެ.

މި މައްސަލައިގައި ހައިކޯޓުން މިފަދައިން ނިންމާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައެޅުމުން، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗްގެ ތެރެއިން ދެ ފަނޑިޔާރުންގެ ތާއިދާ އެކުގައެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ނިންމާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދަށުކޯޓުގައި ދައުލަތުން އުުފުލި ދައުވާގައިވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް