އަތޮޅުތަކަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުންގެ މައްސަލަ ޖޫންގެ ނިޔަލަށް ހައްލުވެގެންދާނެ: ނަސީމް

01 Mar 2021 | 11:48

އަތޮޅު ތެރެއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހަމަނުވާ މައްސަލަ މިއަހަރުގެ ޖޫންގެ ނިޔަލަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވަމުން ގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ގައި ނ.އަތޮޅަށް ނިސްބަތްވާ ކެނޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، އަތޮޅު ތެރޭ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކަށް މުވައްޒަފުން މަދުވާ މައްސަލަ މުޅިން އެކީ އެކައްޗަކަށް ޙައްލުކޮށް ދެއްވާނެ ކަމަށެވެ.

އެގޮތުން ޖޫންގެ ނިޔަލަށް ޙައްލުވެގެން ދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެތަންތަނަށް މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭވަރަށް ފޮނުވަމުންދާ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ، މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 163 ޑޮކްޓަރުންނާއި ނަރުހުން ގެނައުމަށް ކަމަށެވެ. އެގޮތުން އެއިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ޑޮކްޓަރުންނާއި ނަރުހުން ލިބޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭ ކަމީ ކަންބޮޑުވާންޖެހޭ ކަމަކެވެ.

Advertisement

ކޮމެންޓް